އަންހެނުންނަށް ގޭގަ ނަމާދުކުރަން އަންގަވާފައި އޮތީވެސް އެއީ އަންހެނުންނަށް އެންމެ ފައިދާހުރި ގޮތަށްވީމަ! ގޭގަ ނަމާދުކުރަންފަސޭވެފަ ރައްކައުތެރިކަން ބޮޑުވީމަ!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

ނަމާދުކުރުމަށް ބަލާށެވެ! ނަމާދަށް މިސްކިތަށް ދިއުން ފިރިހެނުންނަށް ވާޖިބުކުރައްވަވާފައި އަންހެނުންނަށް ގޭގައި ނަމާދުކުރަން އަންގަވާފައި އޮތް އޮތުމަކީވެސް ހަމަ އަންހެނުންނަށްޓަކައި އެންމެ ފައިދާހުރި ގޮތެވެ. އަދި އަންހެނުންނަށް ޢާންމުގޮތެއްގައި ނަމާދުކުރަން ފަސޭހަވާނީވެސް ގޭގައެވެ. އެއީ މިސްކިތަށް ދާންޖެހޭނަމަ ތައްޔާރުވާން ގިނަ ވަޤުތުތަކެއް ނަގާނެތީއެވެ.
ނަމާދުކުރުމުން ޘަވާބު ދެއްވެވުމުގައި އަންހެނުން ގޭގައި ތިބެގެން ނަމާދުކުރާތީ މަދެއް ނުކުރައްވަވަތެވެ. މީގެ އިތުރުން އަންހެނަކު މިސްކިތަށް ދާން ބޭނުންވެއްޖެނަމަ އެކަން މަނައެއްވެސް ނުކުރައްވަވަތެވެ. އެމިސްކިތެއްގައި އަންހެނުންނަށް ނަމާދުކުރެވެން ހުރިނަމަ މިސްކިތަށް ދާންވީއެވެ.
ލޮބުވެތި އުޚުތުންނޭވެ! ބައަކު ދައްކާ ވާހަކަތަކަށް ނުހެއްލޭށެވެ! އަންހެނަކަށްވުމަކުން ﷲ ތައާލާގެ ޙަޟްރަތުން އުނިވާ ހަމަ އެންމެ ކަމެއްވެސް ނެތެވެ. އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް އެމީހެއްގެ ދަރަޖަ އުފުލިގެންދަނީ އެމީހަކު ކުރާ ޢަމަލުތަކުންނެވެ. ހެޔޮ ޢަމަލުތައްކޮށް ނުބައި ޢަމަލުތައް ނުކުރުމުންނެވެ.
ވީމާ އެންމެ ޒުވާން ޢުމުރުގައިވެސް ވީހާގިނައިން ހެޔޮ ޢަމަލުތައް ކުރަމުންގެންދާށެވެ! ހެޔޮ ލަފާ ތަޤްވާވެރި ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ. ބައިވެރިއަކު ދެއްވެވުމުން ކާމިޔާބު އުފާވެރި ޙަޔާތެއް ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ. ހެޔޮލަފާ ދަރިން ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ.
ﷲ ތައާލާ ކުރެއްވެވި ކޮންމެ އަމުރުފުޅެއްވެސް ކުރައްވަވާފައިވަނީ އަންހެނުންނަށާއި ފިރިހެނުންނަށެވެ. ފަރުޟުކުރެއްވެވި ކޮންމެ ކަމެއްވެސް ކުރައްވަވާފައިވަނީ އަންހެނުންނަށާއި ފިރިހެނުންނަށެވެ. ނަމާދު، ޙައްޛު، ޒަކާތްދިނުން ޞަދަޤާތްކުރުން މިހެން ގޮސް ކޮންމެ ކަމަކަށް ބެލިނަމަވެސް މިކަން އޮތީ މިގޮތަށެވެ.
ވީމާ އަންހެނުންނަކީ މާނިކަމެތިކޮށް ހިތިފައިވާ ބައެއް ކަމަށާއި ޙައްޤުތަކެއް ގެއްލިފައިވާ ބައެއް ކަމަށް ދެކެވޭ ވާހަކަތަކަށް ސަމާލުކަން ނުދޭށެވެ. އެއަޑުތައް ނުވެސް އަހާށެވެ. އެއީ ފިތުނަ އުފައްދުވަން ދައްކާ ވާހަކަތަކެކެވެ.
--ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ