ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރަން ހުށަހެޅި ގަރާރު ކޮމިޓީއަށް ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރަން ހުށަހެޅި ގަރާރު ކޮމިޓީއަށް

ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ޝުޖާއު ހުށަހެއްވި ގަރާރު މަޖިލީހަށް ބަލައިގެނެ ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީއަށް ކޮޮމިޓީއަށް ފޮނުވައިފި އެވެ.
އެ ގަރާރު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
ޝުޖާއު ހުށަހެޅުއްވި ގަރާރުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ކައުންސިލަރުންގެ އަދަދު ގިނަވުމުގެ އިތުރުން، ކައުންސިލަތަކަށް ކުރާ ބޮޑު ހޭދައިން ނަތީޖާއިން ނުނިކުންނަ ކަމަށް ކުރާ ތުހުމަތެވެ.
"ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު މިއީ މިކަން ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލު އުފެދެއެވެ، މި ނިޒާމުގައި ދެކޮޅުނުޖެހޭ އެތައް ކަމެއްވެސް ދަނީ ހިނގަމުންނެވެ،" ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
މިހާރު އޮތީ ގައުމާ ނުބައްދަލު އެތައް ބިލިއަން ރުފިޔާއެއް ހޭދަވާ ލާމަރުކަޒީ ނިޒާމެއް ކަމަށާއި މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް އަދި ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު، އިތުރު ބަދަލެއް ފެންނަން ނެތް ކަމަށް ޝުޖާއު ގަބޫލު ކުރައްވަ އެވެ.
"އެންމެ 50 މީހުންގެ އާބާދީއަށް ވެސް، މުނިސިޕަލް ހިދުމަތް ދިނުމަށް، އިންތިހާބުކޮށް ދައުލަތުން، މުސާރަ ދޭން ޖެހޭ," ގަރާރުގައިވެ އެވެ.
ލާމަރުކަޒީ ނިޒާމު ވެފައި އޮތީ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ރަށުގެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
އެހެންވެ މިކަންކާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށާއި ގަރާރު ހުށަހެޅުއްވީ މިފަދަ ކަންކަމަށް ހައްލުކުރުމަށްޓަކައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ކަމަށް ޝުޖާއު ބަޔާންކޮށްފައިވެ އެވެ.
ކައުންސިލްތަކުގެ އިންތިހާބަށް 10 މަސް ދުވަހަށް ވެފައި ވަނިކޮށް މިފަދަ ގަރާރެއް ހުށަހެޅުއްވިއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވެ، އެ އަދަދު ހާމަނުކުރާތީ އާއި ސިޔާސީ މުވައްޒަފުން އިތުރުވުމާއެކު މުސާރައަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، އަދި ސަރުކާރުގެ މަޝްރޫއުތައް ހުއްޓިފައިވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުމެކެވެ. ހިނގަމުން މިދާ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، ކައުންސިލްތަކަށް ދޭ ބްލޮކު ގްރާންޓު އޮތީ މަދުވެސްކޮށްފަ އެވެ. އެ މައްސަލަ ބޮޑުވުމުން ފައިސާ ހަމައަށް ދޭނެ ކަމަށް ސަރުކާރުން ބުންޏެވެ. ލާމަރުކަޒުކޮށް ވެރިކަން ހިންގުމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނިކޮށް، އެ މަފުހޫމާ ފުށޫއަރާ ގޮތަށް ހާއްސަ މިނިސްޓްރީއެއް ވެސް ރައީސް މުއިއްޒު އުފައްދައި ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ