މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ހުއްޓިފައި އޮންނަތާ 110 ދުވަސް ވެއްޖެ އެވެ.
މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ސުޕްރީމް ކޯޓުގައި ތާވަލުކުރީ ފެބްރުއަރީ 27، ގަ އެވެ. ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު އަދި އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ސަސްޕެންޑުކުރީ އެ އަޑުއެހުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ.
ގާނޫނުއަސާސީ ބަދަލުކުރި ކުރުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަލީ ހުސެއިން އެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭ ކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާ ހިލާފު ކަމަށެވެ.
ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ވެސް އެ އިސްލާހު ހިލާފު ކަމަށް އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
އޭގެއިތުރުން އެ މައްސަލައިގައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ދައުލަތުން ވަކާލާތު ކުރީ އެއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، 10 ދުވަސްތެރޭގައި ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން ދައުލަތަށް އަމުރުކުރީ ފެބްރުއަރީ 18، ގަ އެވެ. އެ މުއްދަތު ހަމަވި ދުވަހު ބަންޑާރަނައިބުގެ އޮފީހުން އެދުނީ ޖަވާބުދާރީވުމުގެ މުއްދަތު އިތުރު ކޮށްދިނުމަށެވެ.
އެނގިފައިވާގޮތުގައި ދައުލަތުން މިހާރު ވަނީ ލިޔުމުން ސުޕްރީމް ކޯޓަށް ޖަވާބުދާރީ ވެފަ އެވެ.
ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނިކޮށް ސަސްޕެންޑުކުރި ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ސަސްޕެންޑުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ.
މަހާޒް އާއި އަޒްމިރަލްދާގެ މައްޗަށް ޖޭއެސްސީން ހިންގި ޣައިރުގާނޫނީ ތަހުގީގުގެ މައްޗަށް ބިނާކޮށް އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރީ މެއި 14 ގަ އެވެ.
އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހަމަވެއްޖެ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ އަދިވެސް ތާވަލު ނުކުރޭ! ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހަމަވެއްޖެ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ އަދިވެސް ތާވަލު ނުކުރޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ