ދިވެހިރާއްޖޭގައި އިންތިޒާމުވެގެން ކުށް ކުރާ ގޭންގުތަކެއް ހިންގާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ގޭންގު ކުށްތައް މަނާކުރާ ބިލުގެ ނަން ބަދަލު ކުރަން ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައިފި އެވެ.
ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ވާހަކަދައްކަވަމުން ގޭންގުތަކެއް ރާއްޖޭގައި ހިންގާކަން ގަބޫލު ނުކުރައްވާ ކަމަށް ފުރަތަމަ ވިދާޅުވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
އޭނާ ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ނަމުގައި "ގޭންގު" އެ ލަފުޒު އޮތުމުން ކަންބޮޑުވާ ކަމަށެވެ.
"ގޭންގު ކުށްތައް ހުއްޓުވުމުގެ މަގުސަދުގައި ހުށަހަޅުއްވާފައި މިވާ ގާނޫނުގައި [ބިލުގައި] ފުރަތަމަ ވެސް ކަންބޮޑުވާ އެއް ކަމަކީ ގާނޫނަށް ގޭންގު ކުށްތައް ކިޔާ މައްސަލަ، އަޅުގަނޑެއް ގަބޫލެއް ނުކުރަން މި ރާއްޖޭގައި ގޭންގެއް އޮތް ކަމަކަށް އަދި އެއާ އެކީގައި އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި މި ގާނޫނުގައި ވެސް ގޭންގެއްގެ ވާހަކައެއް ނެތް، އެހެންވީމާ މި ގާނޫނުގެ ހެޑިންއަށް ގޭންގު ކިޔާފައި ގާނޫނުގައި ދެން އަންނަ ހުރިހާ ތަނެއްގައި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް އޮތުމުން އަޅުގަނޑު ކަންބޮޑުވޭ މީގެ ނަން ގޭންގުގެ ގޮތުގައި އޮތުން،" ރިފާއު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ހުށަހަޅައިލަން ހަމަ، ކޮމިޓީ ލެވެލްގައި މި ނަމާ ދޭތެރޭގައި ވިސްނައިލަން، ހަގީގަތުގައި މި ތަނުގައި މި ހިނގަނީ އިންތިޒާމުވެގެން ގްރޫޕްތަކަކުން ހިންގާ ޖަރީމާތަކެއް."
އެއަށްފަހު ދެން ވާހަކަ ދެއްކެވި މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު، މުހައްމަދު މުސްތަފާ އިބްރާހިމް، ރިފާއުގެ ވާހަކައަށް ތާއީދު ކުރައްވައި ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުގައި ގޭންގު މާނަކުރާ ބާވަތުގެ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މާލޭގައި މާފަންނު މި ދާއިރާއަކީ އަޅުގަނޑު ދަންނަވާނީ ކުށުގެ ރިކޯޑު އެންމެ ގިނަ އެއް ދާއިރާ، ކުށް ކުރެވޭ ނުވަތަ ކުށަށް އަރައިގަންނަ ޒުވާނުން އެންމެ ގިނަ އެއް ދާއިރާ، އެހެންނަމަވެސް ހަމަ އަޅުގަނޑުގެ އަޚު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އެ ފާހަގަކުރި ގޮތަށް އަޅުގަނޑަކަށް ވެސް ހަގީގަތުގައި މި ދިވެހިރާއްޖެއަކުން ގޭންގު މި މާނައިގައި، ދުނިޔޭގައި ގޭންގުތައް މާނަކުރާ މާނައިގައި ދިވެހިރާއްޖޭގައި ގޭންގުތަކެއް އޮޕަރޭޓުވާ ކަމަށް ހަގީގަތުގައި ގަބޫލެއް ނުކުރެވޭ، އެކަމެއް މި ރާއްޖެއަކު ނު ހިނގާ،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބިލު ގާނޫނަކަށްވާއިރު، އޭގެ ނަމެއްގެ ގޮތުގައި "ގޭންގު" އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މުޅި ބިލުގައި ވެސް އޮތީ އިންތިޒާމުވެގެން ކުރާ ކުށްތަކެއްގެ ވާހަކަތައް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުން އެ މޭރުމުން ވާހަކަދެެއްކެވި ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގެ ބާރާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު، އަލީ އިހުސާން އާއި ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މަގުސަދެއްގެ ގޮތުގައި ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމެވެ.
މިދިޔަ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގައި ހުންނަވައި ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ގާނޫނުގައި ހުރި މައްސަލަތައް ކަމަށެވެ.
"މިސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ،" ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އޭގެއިތުރުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވެސް މީގެ ކުރިން ވަނީ ރާއްޖޭގައި ގޭންގުތައް އޮޕަރޭޓު ކުރާ ކަމަށް ވިދާޅުވެ، ގޭންގު ކުށްތައް ހުއްޓުވުމަށް ފުލުހުންގެ އެންމެ އިސް ތިން އަމާޒުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. ގޭންގު ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އާންމު ކަމެއްގެ ގޮތުގައާއި "އޮކޭ" ކަމެއްގެ ގޮތުގައި މުޖުތަމައުގައި މިހާރު ދެކޭ ކަންތައްތައް ބަދަލުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ގޭންގުތައް އޮޕަރޭޓު ކުރާކަމަށް ޕީއެންސީގެ ބައެއް މެންބަރުން ގަބޫލެއް ނުކުރޭ ރާއްޖޭގައި ގޭންގުތައް އޮޕަރޭޓު ކުރާކަމަށް ޕީއެންސީގެ ބައެއް މެންބަރުން ގަބޫލެއް ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ