އަނިޔާ ލިބުނު ކުއްޖާއަށް ކުރި އަސަރުގެ ބަޔާން ހުށަހަޅަން ފުރަތަމަ ފަހަރަށް ފުރުސަތު ދީފި

ދިވެހިރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް 'ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް' ނުވަތަ ވިކްޓިމްއަށް ކުރި އަސަރުގެ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދީފިއެވެ. ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފުސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރަން މައްސަލާގައި އަނިޔާލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ. މީގެ ކުރިން ރާއްޖޭގެ ކޯޓެއްގައި މި ބަޔާން ހުށަހަޅާފައެއް ނެތެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް އެފަދަ ބަޔާނެއް ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ. ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުޑަކުއްޖެއްގެ އުމުރުން އަށް އަހަރުން ފެށިގެން 18 އަހަރާ ހަމައަށް އެކި ފަހަރު މަތިން އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލުމަށް އެޕްރީލް 21، 2025 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ ވަނީ ޕީޖީ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި، މި މައްސަލައިގެ ހާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ބަޔާން ކޯޓުގައި އިއްވަވައިދެއްވީ ޕަބްލިކް ޕްރޮސިކިއުޓާ އަލްއުސްތާޛާ އަލްމާސް މުބާރިކެވެ. ޕީޖީ އޮފީހުން ބުނީ، ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، އެ އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުވުން ކަމަށެވެ. އެގޮތުން ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ދީމިގްރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި" މައްސަލާގައި ކުށް ސާބިތުވުމަށް ފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާލިބުނު ކުއްޖާއަށް ކޯޓުގައި އެ ކުއްޖާގެ ބަސް އިއްވުމުގެ ފުރުސަތު ލިބިދިނުމަށް މި އޮފީހުން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުސަތު ދެއްވާފައިވާތީ މި އޮފީހުން އެ ކަމަށް މަރުޙަބާ ކިޔަން،" ޕީޖީ އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ، އެ އޮފީހުން ގެންދަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ ވިކްޓިމް-ސެންޓާޑް ނިޒާމަކަށް މިސްރާބު ޖަހަމުން ކަމަށެވެ. މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ހައްސާސް މައްސަލައަކަށްވެފައި، އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތު ހިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ކުށްކުރި ފަރާތުގެ މައުލޫމާތު ހާމަނުކުރީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ