މަސްކް ކަނޑާލާ މުވައްޒަފުންނަށް އެމެރިކާގެ ސްޓޭޓްތަކުން ވަޒީފާ ދެނީ!

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އަލުން ވަޑައިގަތުމަށްފަހު އުފެއްދެވި ޑިޕާޓްމަންޓް އޮފް ގަވަރމެންޓް އެފިޝެންސީ (ޑޯޖް) އިން ކުރިއަށްގެންދާ މުވައްޒަފުން މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން ވަޒީފާއިން ވަކިކުރަމުންދާ ފެޑެރަލް ސަރުކާރުގެ މުވައްޒަފުންނަށް، އެމެރިކާގެ ސްޓޭޓްތަކުގެ ސަރުކާރުތަކުން ވަޒީފާ ދޭން ފަށައިފިއެވެ.
ޑޯޖް ހިންގަމުންދަނީ ޓެސްލާ ކުންފުންޏާއި މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގެ ވެރިޔާ، ބިލިއަނަރު އީލަން މަސްކް އެވެ. އެމެރިކާ ސަރުކާރުގެ ޑިޖިޓަލް ސަރވިސް އޮފީސް އަލުން ރީބްރޭންޑްކުރުމަށްފަހު އުފައްދާފައިވާ ޑޯޖް އިން ގެންދަނީ ގިނަ އަދަދެއްގެ ފެޑެރަލް ސަރުކާރުގެ މުވައްޒަފުންނަކީ ބޭކާރު ބައެއްކަމަށާއި، އެމީހުންނަކީ ޚަރަދު ބޮޑުކުރުމަށް ތިބި ބައެއްކަމަށް ބުނެ ކަނޑާލަމުންނެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް ކަނޑާލުމަށްފަހު، އެމީހުންގެ މުހިއްމުކަން ސަރުކާރަށް ވިސްނި، ބައެއް މީހުންނަށް އަނބުރާ ވަޒީފާ ދީފައިވެސް އެބަހުއްޓެވެ. އެހެން ނަމަވެސް، ކަނޑާލި ގިނަ މުވައްޒަފުން ތިބީ ކުއްލިއަކަށް މަގުމަތިވެފައެވެ.
ޑިމޮކްރެޓިކް ޕާޓީގެ ގަވަރުނަރުން ތިބި ބައެއް ސްޓޭޓްތަކުން މިހާރު ވަނީ މިފަދަ މުވައްޒަފުންނަށް ވަޒީފާ ދިނުމުގެ ޕްރޮގްރާމްތަކެއް ފަށާފައެވެ. އެގޮތުން ނިއުޔޯކް ސްޓޭޓްގެ ސްޓޭޓް ސަރުކާރަށް ބޭނުންވާ 7000 އަށްވުރެ ގިނަ ވަޒީފާ އެބައޮތްކަމަށާއި، އެ ވަޒީފާތަކަށް މީހުން ނެގުމުގައި ފެޑެރަލް ސަރުކާރުން ވަޒީފާއިން ވަކިކުރި މީހުންނަށް އިސްކަން ދޭނެކަމަށް ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޮޗުލް ވަނީ އިއުލާނުކުރައްވާފައެވެ. އަދި އެވަޒީފާތަކަށް މީހުންނަށް ކުރިމަތިލުމަށް ޕޯޓަލްއެއްވެސް ވަނީ ހުޅުވާލާފައެވެ.
Advertisement
ނިއުޔޯކް ސްޓޭޓްގައި ވަޒީފާގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ ތެރޭގައި އިންޖިނިއަރުންނާއި، ސިއްހީ ދާއިރާގެ ވަޒީފާތަކާއި، ޓީޗަރުން އަދި ޕަބްލިކް ޕޮލިސީ އެކްސްޕާޓުން ހިމެނެއެވެ. ގަވަރުނަރު ހޮޗުލް ވިދާޅުވީ އީލަން މަސްކް އާއި އޭނާ ގެންގުޅޭ ޓީމަށް ސަރުކާރެއް މަސައްކަތްކުރާ ގޮތެއް ނޭނގޭކަމަށާއި، ސަރުކާރަކުން ރައްޔިތުންނަށް ޚިދުމަތް ދޭ ގޮތެއްވެސް ނޭނގޭކަމަށެވެ.
ނިއުޔޯކްގެ އިތުރުން ވަރޖީނިއާ، މެރިލަންޑް އަދި ހަވައީ އިންވެސް މިފަދަ ފުރުސަތުތައް ވަނީ މިހާރު ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ