އިސްމާޢީލްގެފާނުގެ ސިޔަރަތު- 8: މާތްކަމާއި މަތިވެރިކަން

ޢަލީ އިޙްޞާން ފިރާޤް
 
މާތްކަމާއި މަތިވެރިކަން:  
މާތްالله سبحانه وتعالى، އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން އަނެއްބައި ބޭކަލުންގެ މައްޗަށް މާތް ކުރައްވައި މަތިވެރި ކުރައްވައިފައިވެއެވެ. އެގޮތުން ބައެއް ބޭކަލުންނަށް ފޮތް ބާވައިލެއްވުމުން މާތް ކުރައްވައި މަތިވެރި ކުރެއްވިއެވެ. އަނެއް ބައިބޭކަލުންނަށް މެދުވެރިއެއްނެތި ސީދާ ބަސްފުޅު ވަޙީ ކުރެއްވުމުން މާތް ކުރެއްވިއެވެ. މިއުޞޫލު ބަޔާން ކުރައްވައި ބަޤަރާ ސޫރަތުގެ 253 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައި ވަނީ މިދަންނަވާ ފަދައިންނެވެ. 
"تِلْكَ الرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۘ مِّنْهُم مَّن كَلَّمَ اللَّـهُ ۖوَرَفَعَ بَعْضَهُمْ دَرَجَاتٍ ۚ وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ ۗ وَلَوْ شَاءَ اللَّـهُ مَا اقْتَتَلَ الَّذِينَ مِن بَعْدِهِم مِّن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ وَلَـٰكِنِ اخْتَلَفُوا فَمِنْهُم مَّنْ آمَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَاءَ اللَّـهُ مَا اقْتَتَلُوا وَلَـٰكِنَّ اللَّـهَ يَفْعَلُ مَا يُرِيدُ﴿٢٥٣﴾"
މާނައީ: "އެއީ رسول ންނެވެ. ތިމަންރަސްކަލާނގެ އެ رسول ންކުރެ އެއްބަޔަކު އަނެއް ބަޔަކަށްވުރެ މާތްކުރެއްވީމެވެ. އެބޭކަލުންގެ ތެރެއިން اللَّه (ސީދާ) ބަސް وحى ކުރެއްވި ބޭކަލުން ވެއެވެ. އަދި، އެކަލާނގެ، އެ ބޭކަލުންކުރެ ބަޔެއް ބޭކަލުން ދަރަޖައިގެ ގޮތުން މަތިވެރި ކުރެއްވިއެވެ. އަދި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނަށް، بيان ވެގެންވާ ހެކިތަކާއި، حجة ތައް، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި، روح القدس ން (އެބަހީ: جبريل ގެފާނު ފޮނުއްވުމުން) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވީމެވެ. اللَّه އިރާދަކުރެއްވިނަމަ، އެބޭކަލުންގެ ފަހުން އައި މީހުން އެއުރެންނަށް ބަޔާންވެގެންވާ ހެކިތަކާއި، حجة ތައް އައުމަށްފަހު އެއުރެން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު އެއުރެން خلاف ވެއްޖައޫއެވެ. ފަހެ، އެއުރެންގެ ތެރެއިން، إيمان ވި މީހުންނާއި، އަދި، كافر ވި މީހުންވެސް ވެއެވެ. އަދި، اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު اللَّه އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވައެވެ." 
ރަސޫލުންނާއި ނަބިއްޔުންގެ ދަރަޖަ ތަފާތު ކުރައްވައި މާތް ކުރައްވައި މަތިވެރި ކުރެއްވި ވާހަކައަށް އިޝާރާތް ކުރައްވައި އިސްރާ ސޫރަތުގެ 55 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައި ވަނީ މިދަންނަވާ ފަދައިންނެވެ. 
"وَرَبُّكَ أَعْلَمُ بِمَن فِي السَّمَاوَاتِ وَالْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ النَّبِيِّينَ عَلَىٰ بَعْضٍ ۖ وَآتَيْنَا دَاوُودَ زَبُورًا ﴿٥٥﴾"
މާނައީ: "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ." 
މިދެންނެވި އުޞޫލުގެ ދަށުން إسماعيل عليه السّلام، އެކަލޭފާނުގެ އެއްބަފާ އަޚް ކަމުގައިވާ إسحاق عليه السّلام އަށްވުރެ މާތްކަމުގެ ގޮތުންނާއި މަތިވެރިކަމުގައި ޢިލްމުވެރީން ލިޔުއްވައިފައިވެއެވެ. އެބޭކަލުން އެކަމަށް ދެ ދަލީލެއް ދައްކަވައެވެ. ފުރަތަމަ ދަލީލަކީ މަރްޔަމު ސޫރަތުގެ 54 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
"وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚإِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا ﴿٥٤﴾"
މާނައީ: "ކަލޭގެފާނު މި ފޮތުން إسماعيل ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، وعد ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ." 
މިދެންނެވި އާޔަތުން إسماعيل عليه السّلام، إسحاق عليه السّلام އަށްވުރެ މާތްކަމުގައި ދަލާލަތު ކުރަނީ އެކަލޭގެފާނު ނަބީބޭކަލެއް ކަމުގައާއި ރަސޫލު ބޭކަލެއްކަމުގައި ސިފަ ކުރައްވައިފައިވުމުންނެވެ. ކީރިތި ޤުރްއާނުގައި إسحاق عليه السّلام ސިފަ ކުރައްވައިފައިވަނީ ހަމައެކަނި ނަބީބޭކަލެއްގެ ގޮތުގައެވެ. 
ޢިލްމުވެރިންގެ ދެވަނަ ދަލީލަކީ، ކައުއިތުރު ރަސޫލާ ޙަދީޘް ކުރައްވައިފައިވާ ޙަދީޘެކެވެ. އިމާމުއް ތިރުމިޛީ، ޖާމިޢުއް ތިރުމިޛީގައި ރިވާކުރައްވައިފައިވާ ޙަދީޘެކެވެ. އެ ޙަދީޘުގެ ޢިބާރާތް މިދަންނަވަނީއެވެ. 
إِنَّ اللهَ اصْطَفَى مِنْ وَلَدِ إِبْرَاهِيمَ إِسْمَاعِيل { جامع الترمذي/ كتاب المناقب عن رسول الله صلى الله عليه وسلم/ ޙަދީޘް ނަންބަރު 3464}
މާނައީ: "إبراهيم عليه السّلام ގެ ދަރިފަސްކޮޅުގެ ތެރެއިން މާތް ﷲ، إسماعيل عليه السّلام، ގެ ދަރިފަސްކޮޅު ހޮއްވަވައި ޚިޔާރުކުރެއްވެވިއެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ