ފަނޑިޔާރުން ވަކިކުރީ ސަރުކާރާއެކު ޑީލް ނުހެދުމުން: އުމަރު ފަނޑިޔާރުން ވަކިކުރީ ސަރުކާރާއެކު ޑީލް ނުހެދުމުން: އުމަރު

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްލީ އެ ބޭފުޅުން ސަރުކާރާއެކު ޑީލު ނުހަދާނެކަން ކަށަވަރުވުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމާ ގުޅިގެން، އެ ދެ ބޭފުޅުން އަދި ސަސްޕެންޑުކުރުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއް ސުއޫދުގެ ފޮޓޯއެއް އެއްހީރަސްކޮށް، އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ތިން ބޭފުޅުންނަކީ ރާއްޖޭގައި ތިއްބެވި އެންމެ ގާބިލް، އެންމެ އިންސާފުވެރި އަދި ތަޖުރިބާ ހުރި ފަނޑިޔާރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅުން ކޮޅެއް ކަމަށެވެ.
"މިއަދު މި ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރެވުނީ ސަރުކާރާ އެކު ޑީލް ނުހަދާ، އިންސާފާހަމަ ހިފަހައްޓާނެ ކަން ސަރުކާރަށް ކަށަވަރު ވުމުން،" އުމަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީން ވަކިކޮށްލުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމުމާއެކު، އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުއްލި އަކަށް ބަލަން ފަށައި، އެ ފަނޑިޔާރުން ސަސްޕެންޑުކޮށް، ދުސްތޫރީ މައްސަލަތައް ބެލުން ހުއްޓުވި އެވެ.
ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމުން، ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މައްސަލަ އެވެ.
އެ ދެ ބޭފުޅުން އިއްޔެ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާ ހިލާފަށް، ގައިރު ގާނޫނީ ގޮތެއްގަ އެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވެސް ވިދާޅުވެފައިވެ އެވެ.
ދެ ފަނޑިޔާރުން ވަކިކުރި މައްސަލަ ކުރިއަށް ގެންދިޔަ ގޮތާމެދު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ފަނޑިޔާރުކަމުން އިއްޔެ ވަކިކުރުމާއެކު އަޒްމިރާލްދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހިޔާލީ ތުހުމަތެއް އުފައްދައި ހިންގި ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަކީ މުޅި ޖުޑިޝަރީއަށް ދިން ހަމަލާއެއް ކަމަށެވެ. އުއްމީދަކީ ކޯޓު ފުނޑާލުމުގައި ބައިވެރިވި އެންމެންގެ މައްޗަށް އިންސާފު ގާއިމް ކުރެވުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މަހާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ކޯޓުގެ ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯލަނބާފައި ނޯންނާނެ ކަމަށެވެ.
"ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ. ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން. ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް،" މަހާޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ