ފަނޑިޔާރުން ވަކިކުރީ އިންސާފާހަމަ ހިފަހައްޓާނެ ކަން ސަރުކާރަށް ކަށަވަރު ވުމުން: އުމަރު

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްލީ އެ ބޭފުޅުން އިންސާފާހަމަ ހިފަހައްޓާނެ ކަން ސަރުކާރަށް ކަށަވަރު ވުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އިއްޔެ ދެ ފަނޑިޔާރުން ވަކިކުރީ ރާއްޖޭގެ ޝަރުއީ ދާއިރާއިން ބޭރުގެ އިދާރާތަކުން ވެސް އެ މައްސަލައާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެގޮތުން އެ މައްސަލައިގައި ދިވެހި ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ކަންކަމަށް ރިއާޔަތްނުކޮށް މަހާޒާއި އަޒްމިރަލްދާ ވަކިނުކުރުމަށް ބޭރުގެ ދެ ޝަރުއީ އިދާރާއަކުން އެިދިފައިވެއެވެ.އެހެންނަމަވެސް، އެ ކަންބޮޑުވުންތައް އޮއްވައި މަޖިލީހުގެ 68 މެންބަރުންގެ ވޯޓުން ދެ ފަނޑިޔާރުން ވެސް ވަކިކުރީ އެވެ.މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ތިން ބޭފުޅުންނަކީ ރާއްޖޭގައި ތިއްބެވި އެންމެ ގާބިލް، އެންމެ އިންސާފުވެރި އަދި ތަޖުރިބާ ހުރި ފަނޑިޔާރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅުން ކޮޅެއް ކަމަށެވެ."މިއަދު މި ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރެވުނީ ސަރުކާރާ އެކު ޑީލް ނުހަދާ، އިންސާފާހަމަ ހިފަހައްޓާނެ ކަން ސަރުކާރަށް ކަށަވަރު ވުމުން،" އުމަރު ވިދާޅުވި އެވެ.ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައި މި ވަނީ، ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތް މަޑުޖައްސާލައި، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ދިނުމަށްފަހު، އަދުލު އިންސާފު ގާއިމް ކުރުމުގެ އިޖުރާއަތްތަކަށް ބޯލެނބުމަށް އދ. އަދި ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކުން ގޮވާލާފައި އޮއްވަ އެވެ.މަޖިލީހުގެ ވޯޓަށްފަހު އަޒްމިރަލްދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރު ކަމުން އޭނާ ވަކިކުރެއްވުމަށް މަޖިލީހުގެ މެންބަރުން ވޯޓު ދެއްވިއިރު އޭނާ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެކަން މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ."ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން [އަޅުގަނޑު ވަކިކުރީ]،" ބަޔާނުގައި ވިދާޅުވެފައިވެ އެވެ.ފަނޑިޔާރު ކަމުން ވަކިކުރުމުން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހާޒް ވިދާޅުވީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ކުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނީ ކުރާ ހިތުން ކަމަށްވެސް ވިދާޅުވި އެވެ."ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް،" މަހާޒް ވިދާޅުވި އެވެ."ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ގާނޫނާ ހިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރަން،" މަހާޒް އިތުރަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ