ކުޅުދުއްފުށީ ހުރިހާ މިސްކިތެއްގައި ދަމުނަމާދު، އިއުތިކާފަށް ތިބުމަށް ހާއްސައީ ހުކުރު މިސްކިތު މަތީބައި

މި އަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައެއްގައި ކުޅުދުއްފުށީގެ ހުރިހާ މިސްކިތެއްގައިވެސް ދަމު ނަމާދުކުރާނެކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މިއަހަރުވެސް ދަމުނަމާދު ކުރުން ކުޅުދުއްފުށީގެ ހުރިހާ މިސްކިތެއްގައި ކުރިއަށްދާނެ އެވެ.
އެގޮތުން 21 ވަނަ ވިލޭރެއިން ފެށިގެން ރަމަޟާންމަސް ނިމެންދެން ކޮންމެ ރެއަކުވެސް ދަމު ނަމާދުކުރުން 2:30 ގައި ހުރިހާ މިސްކިތްތަކެއްގައި ކުރިއަށްދާނެ ކަމަށެވެ.
އަދި ފަހު ދިހައެއްގައި އިޢުތިކާފުގެ އަޅުކަން ކުރުމަށް ހާއްސަކޮށްފައިވަނީ މަސްޖިދުލް ހަޟާރަތު (ހުކުރު މިސްކިތް)ގެ މަތީ ބައި އެވެ. އިޢުތިކާފަށް ތިބައްވާ ފަރާތްތަކުން މިސްކިތާއި މިސްކިތުގެ ގޯތިތެރޭގެ ސާފުތާހިރުކަން ނުގެއްލޭނެ އަދި މިސްކިތުގެ ހުރުމަތްތެރިކަން ކުޑަނުވާނޭ ގޮތުގެމަތިން އަޅުކަމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން އިލްތިމާސްކުރެ އެވެ.
ދަމުނަމާދަކީ އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ވަގުތުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުއަތުން، ދެރަކުއަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.
ރަމަޟާންމަހުގެ ފަހު ދިހައެއްގައި މިސްކިތުގައި އިޢުތިކާފުކުރުމަކީ ގަދަވެގެންވާ ސުންނަތަކަށްވުމުން ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް އިއުތިކާފު ކުރަމުންދެ އެވެ. އިޢުތިކާފް ކުރާނެގޮތަކީ ރޯދަމަހުގެ 20 ވަނަދުވަހު އިރު އޮއްސުމުގެކުރިން މިސްކިތަށް ވަދެ އިއުތިކާފުގެ ނިޔަތްގަނެ ޝައްވާލު މަހުގެ ހަނދުފެނިއްޖައުމަށް ދާންދެން މަޑުކުރާނީ އެވެ.
އިޢުތިކާފަށް އިނުމަށް ނިޔަތް ގަތްމީހާ ޝައްވާލުމަހުގެ ހަނދުފެނުމުގެ ކުރިން ފާޚާނާކުރުމާއި ކެއުން ބުއިން ފަދަ ޒަރޫރީކަމަކަށްޓާ ނޫނީ މިސްކިތުން ނުކުތުން ހުއްދަވެގެން ނުވެ އެވެ. މިނޫން ހާލަތެއްގައި މިސްކިތުން ނުކުމެއްޖެނަމަ އިޢުތިކާފު ބާތިލުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ