ތެލުގެ އަގު އުފުލެނީ، ރާއްޖެއަށް އޮތް ނުރައްކާ ބޮޑު: ވިޔަފާރިވެރިން ތެލުގެ އަގު އުފުލެނީ، ރާއްޖެއަށް އޮތް ނުރައްކާ ބޮޑު: ވިޔަފާރިވެރިން

އެމެރިކާއިން އިރާނަށް ބޮން އެޅުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް އުފުލި، އިމްޕޯޓުކުރާ ތެލަށާއި މުދަލަށް ބަރޯސާވެފައިވާ މި ދިވެހިރާއްޖެ ކުރިމަތިލާންޖެހިދާނެ ދަތިތަކާމެދު ވިޔަފާރިވެރިންގެ ކަންބޮޑުވުން އިތުރުވެއްޖެ އެވެ.
ދުނިޔޭގެ ބާޒާރުގައި ބްރެންޓު ކްރޫޑުގެ އަގުން 2.7 ޕަސެންޓު އުފުލި ފީފާއެއްގެ އަގު ހުރީ 79.12 ޑޮލަރަށް އަރައިފަ އެވެ. މި މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އިރާނަށް ހަމަލާ ދޭން ފެށި ފަހުން ތެލުގެ އަގު ދަނީ އުފުލެމުންނެވެ.
މި ކަންބޮޑުވުން އިތުރަށް ގޯސްވެފައި ވަނީ އެމެރިކާއިން އިރާނަށް ބޮން އެޅުމާ ގުޅިގެން ރައްދެއްގެ ގޮތުގައި، މެދު އިރުމަތީގެ ގިނަ ގައުމުތަކުގެ ތެލާއި ގޭސް ބޭރުކުރާ މައި ކަނޑުއޮޅި ކަމުގައިވާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދިނުމުންނެވެ.
ހޮރުމޫޒު ކަނޑައޮޅި ބަންދުކޮށްފި ނަމަ ތެލުގެ އަގު ފީފާއެއް 100 ޑޮލަރަށް ވުރެ މައްޗަށް ދާނެ ކަމަށް، ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
އިރާނަށް ދޭ ހަމަލާތަކާއި، އިރާނުން ރައްދުގައި ދޭ ހަމަލާތައް ހުއްޓައިނުލައި ކުރިއަށް ދާނަމަ ތެލުގެ އަގު އުފުލި އެންމެ ބޮޑަށް އޭގެ ގެއްލުންވާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ސަބަބަކީ ހުރިހާ މުދަލެއް އެތެރެކުރާ ގައުމަކަށް ވުމާއި އަދި ހާއްސަކޮށް ރާއްޖޭގެ މުޅި އިގުތިސޯދު ތެލަށް ބަރޯސާވެފައި އޮތުމެވެ.
"މިހާރު ތެލުގެ އަގު ހުރި މިންވަރުން ވެސް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ. މިދާ ގޮތަށް ގޮސް ފީފާއެއް 100 ޑޮލަރަށް އަރައިފި ނަމަ، ދަތުރުފަތުރުގެ އަގުތައް ވެސް ބޮޑުވެ، މުދަލުގެ އަގު ވެސް ބޮޑުވާނެ،" ވިޔަފާރިވެރިޔަކު ބުންޏެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދާދި ފަހު އަދަދު ނޫހަށް ލިޔުއްވި ކޮލަމެއްގައި ވިދާޅުވީ މުދަލުގެ އަގު މިހާރު ވެސް ބޮޑުވުމުންދާއިރު އެކަމަށް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރާނެ މާގިނަ ގޮތްތަކެއް ރާއްޖޭގައި ނެތް ކަމަށެވެ. އެހެންވެ، ތެލުގެ އަގު ބޮޑުވާނަމަ ދަތުރުފަތުރާ, ކަރަންޓު ބިލާއި އެހެނިހެން ކާބޯތަކެއްޗަށް ކުރަންޖެހޭ ހޭދަ އިތުރުވެގެންދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
"އާދައިގެ ބަހުރުވަޔަކުން ދަންނަވާނަމަ ދުވަހުގެ ހަރަދުބަރަދަށް ގޮސް ވޮލެޓު ހުލިވާނެ،" އަމްރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރީގެ ބޮޑު ކުންފުންޏެއްގެ ވެރިޔަކު އަދަދު ނޫހަށް ބުނީ މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑުވާނަމަ އެ ސަރަހައްދުގެ ގައުމުތަކުން ދަތުރުކުރާ ފަތުރުވެރިން މަދުވާނެ ކަމަށެވެ. އަދި ތެލުގެ އަގާއެކު ދަތުރުފަތުރުގެ އަގު ބޮޑުވެ، މީހުން ދަތުރުކުރަން ފަސްޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"އެފަދަ ހާލަތެއް އައުން އެކަށީގެންވޭ. އޭރުން ރާއްޖޭގެ ޓޫރިޒަމް ހީނަރުވެ ޑޮލަރު ލިބުން ދަތިވެ، ސަރުކާރަށާއި ވިޔަފާރިވެރިންނަށް އަދި އާންމުންނަށް ވެސް ހީނުކުރާފަދަ ގެއްލުންތަކެއް ކުރިމަތިވެދާނެ،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.
މި ކަންބޮޑުވުންތައް ހުރި ނަަމަވެސް މިހާލަތަށް ތައްޔާރުވުމަށް ސަރުކާރުން މަސައްކަތްކުރާކަން ހާމައެއް ނުކުރެ އެވެ.
އެހެންވެ، ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް ރާއްޖޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު އެސްޓީއޯއިން އަދި ބޮޑެއް ނުކުރެ އެވެ. ރާއްޖެ އަށް ތެލާއި ޕެޓްރޯލް އެންމެ ގިނައިން އެތެރެކުރަނީ އެސްޓީއޯއިންނެވެ. އެހެން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅަނީ އެ ކުންފުނިންނެވެ.
މާލޭގައި ޕެޓްރޯލް ލީޓަރެއް 13.50ރ އަށް ވިއްކާއިރު ޑީސަލް ލީޓަރެއް ވިއްކަނީ 13.92ރ. އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ