ސައްހަ ނޫން ޓްރާންސްފާ ސްލިޕު ފޮނުވައިގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ހައްޔަރުކުރި ޒައިދާން މުހައްމަދު ހާޝިމް އަނެއްކާވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ސައްހަ ނޫން ޓްރާންސްފާ ސްލިޕު ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރި ކުރި މަައްސަލާގައި މިދިޔަ އަންގާރަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ:
ޒައިދާން މުހައްމަދު ހާޝިމް، 28، ގ. ސިނަމާލެ
އަފްރިން އަކްތަރު، 30، ބަންގްލަދޭޝް
ތަފްސީލް - ފުލުހުން ބުނީ މިދިޔަ މަހުގެ އެކި ދުވަސް މަތިން ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަތް މައްސަލައެއް މިދިޔަ މަހުގެ 16 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން:
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން ޒައިދާން، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވޭ
އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވޭ
އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވޭ
ސައްހަ ނޫން ސްޕިލު ފޮނުވައިގެން މަކަރައި ހީލަތުން:
ހުޅުމާލޭގަައި ހުންނަ ފިހާރައަކުން 36،467ރ.ގެ ތަކެތި ހޯދާފައިވޭ
މާލޭގައި ހުންނަ ފިހާރައަކުން 31،150ރ.ގެ ތަކެތި އަދި އެހެން ފިހާރައަކުން 5،817ރ.ގެ ތަކެތި ހޯދާފައިވޭ
މި މައްސަލައާ ގުޅިގެން ޒައިދާން ހައްޔަރު ކުރޮށްގެން ހޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަަށް 15 ދުވަސް އަދި އެ މައްސަލާގައި ހައްޔަރު ކުރި އަފްރިންގެ ބަންދަށް 5 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.
ފުލުހުން ބުނީ ޒައިދާން މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދާ ކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ގުޅުން ހުރި - ފުޑީސް އެފް މެދުވެރިކޮށް ފޭކު ސްލިޕު ފޮނުވައިގެން ކާއެއްޗެއްސަށް އޯޑަރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވެސް މިފަހުން ޒައިދާން ހައްޔަރު ކުރި އެވެ.
ޒައިދާންއަކީ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި އެކި ފަހަރު މަތިން ހައްޔަރުކޮށް، ބައެއް މައްސަލަތަކުގައި އޭނާގެ މައްޗަށް ހުކުމް ވެސް ކޮށްފައިވާ މީހެކެވެ. އެގޮތުން:
އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ނަގައި އެ ފައިސާ ނުދައްކާ ކަމަށް ތުހުމަތުކުރެވޭ ތިން މައްސަލައެއްގައި ސިވިލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވޭ
ސިވިލް ކޯޓުގައި އޮތް ހުކުމް ތަންފީޒު މައްސަލައެއްގައި އޭނާ ހޯދަން މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ފުލުހުން އިއުލާންކޮށްފައި ވެސްވޭ
ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ ގަނެވިއްކި މައްސަލައެއްގައި އޭޕްރީލް 2022 ތެރޭ އޭނާގެ މައްޗަށް ކުށް ސާބިތުވި
ޑޮލަރު ވިއްކާ ކަމަށް ބުނެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން، މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލައެއްގައި މިދިޔަ އޮކްޓޯބަރު މަސް ތެރޭ ވެސް އޭނާ ހައްޔަރުކުރި
އޭނާއާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން ގިނަ އަދަދަކަށް މީހުންގެ އަތުން ފައިސާ ނަގާފައިވާ ކަމަށް މައްސަލައެއްގައި އިތުރު މީހުންގެ އަތުން އޭނާ ފައިސާ ނަގާފައިވޭތޯ ބެލުމަށް 2023 ވަަނަ އަހަރުގައި ވެސް ފުލުހުން އިއުލާންކޮށްފައިވޭ
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާން އަނެއްކާވެސް ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ