ސިޓީން ވިޑާޑު ބަލިކޮށް ފެށުން ރަނގަޅު ކޮށްފި
ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ވިޑާޑު ކަސަބްލަންކާ ބައްދަލުކުރި މެޗު ސިޓީން ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ބައެއް ބޮޑެތި ބަދަލުތަކެއް މިދިޔަ ސީޒަނަށްފަހު ގެނެސްފައިވާ ސިޓީން މިމެޗު ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ފިލަޑެލްފިއާގެ ލިންކަން ފައިނޭޝިއަލް ފީލްޑްގައި ކުޅުނު މިމެޗުގައި ސިޓީގެ ފަރާތުން އެންމެ މޮޅު ކުޅުން ފެނިގެން ނުދިޔަ ނަމަވެސް މިމެޗުގައި ވެސް ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗުގައި ވާދަކުރި ސިޓީގެ ފުރަތަމަ އެގާރައިގައި ވަނީ އެޓީމަށް އަލަށް ގުޅުނު ދެ ކުޅުންތެރިންކަމަށްވާ ރަޔަން ޝާކީ އާއި ޓިޖާނީ ރެއިންޑާސް ހިމެނިގެން ކުޅެފައެވެ. މިމެޗުގެ ފެށުން ދިޔައީ ސިޓީން އެންމެ ބޭނުންވާނެ ގޮތަށެވެ. މިގޮތުން މެޗުގެ ދެވަނަ މިނެޓްގައި ސިޓީން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފިލް ފޯޑެންއެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ 25ވަނަ ދުވަހަށް ފަހު އޭނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ. މީގެއިތުރުން ސިޓީގެ ލީޑު ފުޅާކޮށްދޭނެ ރަނގަޅު ފުރުސަތެއް ވެސް މިމެޗުގައި ފޯޑެންއަށް ލިބުނެވެ. ނަމަވެސް މި ހަމަލާ ވަނީ ވިޑާޑުގެ ކީޕަރު ދިފާއު ކޮށްފައެވެ. މިމެޗުގައި ސިޓީގެ ދެވަނަ ލަނޑު މެޗުގެ 42ވަނަ މިނެޓުގައި ފޯޑެން ނަގައިދިން ކޯނަރަކުން ކާމިޔާބު ކޮށްފައިވަނީ ޖެރެމީ ޑޯކޫއެވެ. މިމެޗުގައި ވިޑާޑުއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު އެޓީމަށް ވެސް ލިބުނެވެ. މިމެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާލިން ހާލަންޑަށް ވެސް ވަނީ ސިޓީގެ ލީޑު ފުޅާކޮށްދޭނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މިމެޗުގައި ސިޓީގެ މެދުތެރެއިން ކުޅޭ ރީކޯ ލުވިސް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވިޑާޑުގެ ސެމިއުލް އޮބެންގްގެ މޫނުމަތީ ބޫޓުން ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިމުބާރާތުގައި ސިޓީ ކުޅޭ ދެވަނަ މެޗުގައި މިއަންނަ ހޯމަ ދުވަހުގެ ހެނދުނު ހައެއް ޖަހާއިރު ބައްދަލުކުރާނީ އަލް އައިން އާއެވެ. އަދި ވިޑާޑު މިއަންނަ އާދިއްތަ ދުވަހުގެ ރޭ ބައްދަލުކުރާނީ ޔުވެންޓަސް އާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ