ކޭޓް އެކްޓިން ދޫކޮށްލުމާ މެދު ސީރިއަސް، ބޭނުމީ އާ ތަޖުރިބާތަކެއް

ހޮލީވުޑްގެ މަޝްހޫރު އޭލިސްޓް ތަރިއެއް ކަމަށްވާ ކޭޓް ބްލެންޗެޓް އެކްޓު ކުރުން ދޫކޮށްލުމާ މެދު ވަރަށް ސީރިއަސް ކަމަށް އޭނާ ހާމަކޮށްފިއެވެ. އުމުރުން 55 އަހަރުގެ ކޭޓްއަކީ ހޮލީވުޑްގެ ތަފާތު ގިނަ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން، އޭނާގެ ހުނަރަށް ތަފާތު ގިނަ އެވޯޑް ލިބިފައިވާއިރު ދެ ފަހަރެއްގެ މަތީން ވަނީ އޮޮސްކާ އެވޯޑު ވެސް ކާމިޔާބުކޮށްފައެވެ. ކޭޓް ވަނީ މީގެ ދެ އަހަރެއް ކުރީން ވެސް އެކްޓިން ހުއްޓާލުމުގެ ވިސްނުން ހުރިކަން ހާމަކޮށްފައެވެ. އެފަހަރު އެކްޓިން ހުއްޓާލުމަށް ވިސްނާފައިވަނީ 2022 ވަނަ އަހަރު ނެރުނު ފިލްމު "ޓާ"ގައި އޭނާއަށް ރައްދުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ. ނަމަވެސް، އެއަށް ފަހު މިދިޔަ އަހަރު އަދި މި އަހަރު ވެސް އޭނާ ވަނީ ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުން ފެނިފައެވެ. އެންމެ ފަހުން ފެނިފައިވަނީ މި އަހަރު ނެރުނު އެކްޝަން ތުރިލާ ފިލްމު "ބްލެކް ބޭގު"އިންނެވެ. ބީބީސީ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ކޭޓް ބުނެފައިވަނީ މި ފަހަރު އެކްޓިން ހުއްޓާލަން ވަރަށް ސީރިއަސް ކަމަށެވެ. "އެކްޓިން ހުއްޓާލަން ވިސްނާ ވާހަކަ ބުނާ އިރަށް ކޮންމެ ފަހަރަކު ގޭގެ އެންމެން ވަރަށް މަލާމަތްކުރާނެ. ދެން އަނެއްކާ އެހެން ފިލްމެއް ކުޅޭނެޔޭ އެންމެން ބުނޭ،" އޭނާ ބުންޏެވެ. އެހެންނަމަވެސް، މި ފަހަރު ޔަގީން ކަމަށް އޭނާ ބުންޏެވެ. އެއީ، އެކްޓިންއިން ދުރުން ކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައް ހުރި ކަމަށް ކޭޓް ބުންޏެވެ. އެކްޓިން ހުއްޓާލުމަށް ފަހު އެންމެ ފުރަތަމަ ކުރާނެ ކަންތައްތަކުގެ ތެރޭގައި ދަތުރު ކުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އަދި، އެކި ކަހަލަ ކުޅިވަރުތައް ތަޖުރިބާ ކުރަން ބޭނުން ކަމަށް ވެސް ކޭޓް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ