ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓަރމިނަލް އޮކްޓޫބަރުގެ ކުރިން ހުޅުވޭނެ

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ހުޅުވާލެވޭނެކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓާއި އައްޑޫ ގަން އެއަރޕޯޓް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މ. މުލީ އެއަރޕޯޓް އަންނަ އެޕްރީލް މަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 14 އައު އެއަރޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އެކި މަރުހަލާތަކުގައި ފަށައި ކުރިއަށް ގެންދެވޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރު އެއާޕޯޓުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އިޢުލާން ކުރެއްވި ރަށްތަކަކީ ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ އަދި ލ. ކައްދޫ އެވެ.
އަދި ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއަރޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ވައިގެ ދަތުރުފަތުރުގެ އިތުރުން، ކަނޑުމަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމުވެސް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށާއި ޖޫން މަހު ރ. އަތޮޅުގައި މި ޚިދުމަތް ފެށުމަށްފަހު، ޖުލައި މަހުގެ ތެރޭގައި ބ. އަތޮޅުގައި މި ޚިދުމަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ