ހަމަނުޖެހުން ބޮޑުވެ ލޮސް އެންޖެލިސްގައި ކާފިއު އިއުލާންކޮށްފި

އެމެރިކާގެ ލޮސް އެންޖެލިސްގައި ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންދާތީ އެ ސިޓީގެ މޭޔަރު ކަރަން ބާސް ކާފިއު އިއުލާންކުރައްވައިފި އެވެ.
ކާފިއު މިރޭ 8 އިން ފެށިގެން މާދަމާ ހެނދުނު 6އާ ހަމައަށް ކުރިއަށް ދާނެ ކަމަށް ބާސް ވިދާޅުވި އެވެ. އަދި އަކަ މޭލެއްގެ ސަރަހައްދަށް އެ ކާފިއު ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބާސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްތިމާސް ކުރެއްވީ ތަންތަން ސުންނާފަތި ނުކުރުމަށާއި ފޭރުން ހުއްޓުވުމަށެވެ.
އޭނާ ވިދާޅުވީ ލޮސް އެންޖެލިސްގައި ދިރިއުޅޭ މީހުން ނޫން މީހުން އެ ސިޓީއަށް ނުދިއުމަށާ އަދި ކާފިއު މުގުރާލާ މީހުން ހައްޔަރުކޮށް ދައުވާ ކުރާނެ ކަމަށެވެ.
ބާސް ވިދާޅުވީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނާއި ވަޒީފާ އަދާކުރާ އަދި އެކްރެޑިޓް ކޮށްފައިވާ މީޑިއާ މީހުންނަށް ކާފިއުން ލުޔެއް ލިބެނީ ވަރަށް މަދު ހާލަތެއްގައި ކަމަށެވެ.
ފާއިތުވި ފަސް ދުވަހު ވެސް މުޒާހަރާގެ ބައިވެރިން ވަނީ ޑައުންޓައުން ސަރަހައްދުގެ ގިނަ މަގުތަކެއް ހިފަހައްޓައިފަ އެވެ.
ލޮސް އެންޖެލިސްގެ ކައުންޓީ ޝެރިފް ޑިޕާޓްމަންޓުން ބުނީ މުޒާހަރާގެ ބައިވެރިންނާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކާ މެދުގައި ކުރިމަތިލުންތައް ހަމަނުޖެހުންތަކަށް ބަދަލުވެ، ގާތްގަނޑަކަށް 469 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ 23 ވިޔަފާރިއެއް ލޫޓުވާލައި ވައްކަންކޮށްފައިވާކަން ބާސް ވިދާޅުވި އެވެ.
ކާފިއުގެ ސަބަބުން މެޓްރޯއިން ވަނީ ނުވަ ސްޓޭޝަން ބަންދުކޮށްފަ އެވެ.
ފުލުހުންގެ ޗީފް މެކްޑޮނެލް ވިދާޅުވީ ކާފިއު އަކީ އެ ސިޓީގައި ޖެހިޖެހިގެން އެތައް ދުވަހެއް ވަންދެން ހަމަނުޖެހުންތައް އިތުރުވަމުންދާތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މުދަލުގެ ރައްކާތެރިކަމަށް ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ