21 މެޗަށް ފަހު ޔުނައިޓެޑްގެ ހޮއިލުންޑުގެ ފަރާތުން ގޯލެއް 21 މެޗަށް ފަހު ޔުނައިޓެޑްގެ ހޮއިލުންޑުގެ ފަރާތުން ގޯލެއް

ލެސްޓާ (މާޗް 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 21 މެޗަށް ފަހު، ރަސްމުސް ހޮއިލުންޑް ޖެހި ފުރަތަމަ ގޯލާ އެކު، މެންޗެސްޓާ ޔުނައިޓެޑުން 3-0 އިން ލެސްޓާ ސިޓީ ބަލިކޮށްފި އެވެ.
ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ޔުނައިޓެޑުން މޮޅަށް ކުޅެ ލެސްޓާގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 28 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑް ވަނީ ގޯލު ޖަހައި، ލީޑު ނަގައިދިނެވެ. މިއީ، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސްގެ އެހީތެރިކަމާ އެކު ހޮއިލުންޑް ޖެހި ގޯލެކެވެ. މިއީ، ޑިސެމްބަރު ފުރަތަމަ ހަފްތާގައި ޔުނައިޓެޑްގެ މެޗެއްގައި ގޯލު ޖެހި ފަހުން، އެންމެ ފަހުން ޔުނައިޓެޑަށް އޭނާ ކުޅެދިން 21 މެޗު ތެރޭގައި ޖެހި ފުރަތަަމަ ގޯލެވެ.
ފުރަތަމަ ހާފެކޭ އެއް ގޮތަށް ދެ ވަނަ ހާފުގައި ވެސް ޔުނައިޓެޑް ވަރުގަދަކޮށް ފެނުނުއިރު، މެޗުގެ 67 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖަހާދިނީ އަލަހެންދްރޯ ގާނާޗޯ އެވެ. މިއީ ވެސް، މި ވަގުުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެވެ.
ޔުނައިޓެޑްގެ ތިން ވަނަ ގޯލު މެޗުގެ އިތުރުވަގުތުގައި ޖަހާދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފެނާންޑޭސް އެވެ. މިއީ، ޔުނައިޓެޑްގެ ޑިއޯގޯ ޑަލޯ ދިން ބޯޅައަކުން ފެނާންޑޭސް ޖެހި ގޯލެކެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 29 މެޗުން ލިބުނު 37 ޕޮއިންޓާއެކު ލީގު ތާވަލުގެ 13 ވަނައިގަ އެވެ. މެޗުން ބަލިވި ލެސްޓާ އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. ލީގު ތާވަލުގައި މިހާތަނަށް ކުޅުނު 29 މެޗުން އެ ޓީމަށް ލިބެނީ 17 ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ