އަދަދުގެ އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބު ނުދޭތީ އައިކޮމްގެ ވަރުގަދަ އިންޒާރެއް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަދަދު އިން ހުށަހަޅާފައިވާ އާރްޓީއައި ރިކުއެސްޓްތަކަށް ރައީސް އޮފީހުން ޖަވާބު ނުދޭ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ހުށަހަޅަންޖެހިދާނެ ކަމުގެ އިންޒާރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިއްޔެ ދީފި އެވެ. 
އަދަދު އިން ހުށަހެޅި ހަތަރު އާރްޓީއައިއަކަށް ރައީސް އޮފީހުން ޖަވާބު ނުދީގެން އިއްޔެ ބޭއްވި އަޑުއެހުމުގައި ތިން އާރްޓީއައިއަކަށް މިއަދުން ފެށިގެން މަސައްކަތު 14 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ރައީސް އޮފީހަށް ވަނީ އަންގާފަ އެވެ. 
އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވިދާޅުވީ މި ނޫހުން ރައީސް އޮފީހަށް ހުށަހާފައިވާ އާރްޓީއައިތަކަށް ޖަވާބުދޭން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައިދާއިރު ވެސް ޖަވާބު ނުދޭކަން ފާހަަގަކުރެވޭ ކަމަށާއި އެއާއެކު މިހާރު ދީފައިވާ 14 ދުވަހުގެ މުއްދަތު ހަމަވުމުން ވެސް ޖަވާބު ނުދީފިނަމަ މައްސަލަތައް ޕީޖީއަށް ހުށަހަޅައިގެން ކުރިއަށްގެންދާނެ ކަމަށެވެ. 
"6 ޖުލައި 2026 ވާ ހޯމަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް މިދެނީ. އެ މުއްދަތުގެ ތެރޭގައި އިދާރާއިން ދެން ވަރަށް ގިނައިން މުއްދަތުތައް ފަހަނައަޅާއިރުވެސް ޖަވާބު ނުދެވޭކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންވީމަ އެ މުއްދަތުގެ ތެރޭގައި ޖަވާބު ނުދީފިކަމަށްވަންޏާ އަޅުގަނޑުމެން ދެން އެސްކެލޭޓް ކުރަންޖެހޭނީ ދެން އަންނަ ބަޔާ ހަމައަށް އެނގޭތޯ،" ކޮމިޝަނަރު އާހިދު ވިދާޅުވި އެވެ.
"މައްސަލަތައް ބަލާ ނިމިފައިވާތީވެ އެ މުއްދަތުގެ ތެރޭގައި ޖަވާބު ނުދީފި ނަމަ ގާނޫނުގައި މި ބުނާހެން ދެން އިންނަ މުއްދަތަކަށްފަހު އަޅުގަނޑު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅަން ޖެހޭނީ މިހިސާބުން މައްސަލަތައް އެނގޭތޯ. އެހެންވީމަ އެގޮތަށް ވަރަށް ބޮޑަށް ސަމާލުވެލައްވާތި މުއްދަތުގެ ތެރޭގައި އެގޮތަށް ޖަވާބު ދެއްވުމަށްފަހު ކުރިއަށް ގެންދަވަން."
އަދަދު އިން ރައީސް އޮފީހަށް ހުށަހެޅި އާރްޓީއައިތަކަށް ޖަވާބު ނުދީގެން 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭން އައިކޮމް އިން އެންގީ ސިޔާސީ މުވައްޒަފުންގެ ތަފްސީލާއި މުހައްމަދު މުއިއްޒު ކުރެއްވި ނުރަސްމީ ދަތުރުތަކުގެ ތަފްސީލާއި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރެއްވި ރަސްމީ އަދި ނުރަސްމީ ދަތުރުތަކުގެ ތަފްސީލުތަކެވެ.
އޭގެ އިތުރުން، މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ހަވާލުކުރި މަޝްރޫއުތަކާއި، ބިންގާ އެޅި މަޝްރޫއުތަކާއި، ވީ ވައުދުތަކުގެ އިތުރުން މުއިއްޒު ވީ ވައުދުތަކުގެ ތެރެއިން މިހާތަނަށް ފުރިހަމައަށް ފުއްދިފައިވާ ވައުދުތަކުގެ ތަފްސީލު ދިނުމަށެވެ. 
އަދަދު ނޫހުން ރައީސް އޮފީހަށް އާރްޓީއައިތައް ހުށަހަޅާފައިވަނީ މިދިޔަ ޖެނުއަރީ އަދި މާޗު މަހުގެ ތެރޭގައިކަން ފާހަގަކުރެވެ އެވެ. އެ އާރްޓީއައިތަކަށް ޖަވާބު ދިނުމަށް އައިކޮމް އިން މީގެ ކުރިން ފުރުސަތު ދިން ނަމަވެސް އެދެވޭ ކަހަލަ ޖަވާބެއް ރައީސް އޮފީހުން މިހާތަނަށް ދީފައިނުވާކަން ފާހަގަކުރެވެ އެވެ. 
ސަރުކާރުން މައުލޫމާތު ހޯދުމަށް އާރްޓީއައި ހުށަހަޅަން ނުޖެހޭނެ ކަމަށް މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އާރްޓީއައިތައް ހުށަހަޅައިގެންވެސް ސަރުކާރުގެ އެކި އިދާރާތަކުން އަދި ވަކިން ހާއްސަކޮށް ރައީސް އޮފީހުން ޖަވާބު ނުލިބޭކަމަށް ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެގެއިތުރުން ހުށަހަޅާ އާރްޓީއައިތަކަށް ނުގުޅޭ ޖަވާބުތައްދީ، މައުލޫމާތު ހިފަހައްޓާކަން ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ