ޕްރިތީގެ 'ޑީޕްފޭކް' ފޮޓޯތައް ނެގުމަށް ކޯޓުން އަންގައިފި

ބޮލީވުޑް ބަތަލާ ޕްރިތީ ޒިންތާގެ ސޫރަ އާއި އަޑު ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި އުފައްދާފައިވާ "ޑީޕްފޭކް" ފޮޓޯތަކާއި ބަދަލު ގެނެސްފައިވާ ވީޑިއޯތައް ސޯޝަލް މީޑިއާ އާއި ވެބްސައިޓްތަކުން އުނިކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ބޮމްބޭ ހައިކޯޓުން އޮންލައިން ޕްލެޓްފޯމްތަކަށް އަމުރުކޮށްފިއެވެ. ހައިކޯޓުން މި އަމުރު ނެރުނީ، ޕްރިތީގެ ހުއްދައާ ނުލައި ބަތަލާގެ ސޫރަ ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓްތައް ނައްތާލުމަށާއި، އެފަދަ ތަކެތި ސޯޝަލް މީޑިއާގައި ދައުރުވުން ހުއްޓުވުމަށް އެދި ޕްރިތީގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން، ޕްރިތީ ވަނީ ގޫގުލް އާއި މެޓާގެ އިތުރުން އެހެން ބައެއް ކުންފުނިތަކާ ދެކޮޅަށް ދައުވާ އުފުލާފައެވެ. ޕްރިތީގެ ދައުވާގައި ބުނެފައި ވަނީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ޑީޕްފޭކް ވީޑިއޯތަކާއި، ބަދަލުކޮށްފައިވާ ފޮޓޯތަކާއި، މީމްސް އަދި ޗެޓްބޮޓް ފަދަ ވަސީލަތްތަކުގެ ސަބަބުން އޭނާގެ ޒާތީ ހައްގުތަކާއި، ކޮޕީރައިޓް އަދި އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. ޕްރިތީ ޒިންތާ ފިރިމީހާ ޖީން ގުޑްއިނަފްއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ ޕްރިތީގެ ފަރާތުން ކޯޓުގައި ވަކާލުތުކުރި ގާނޫނީ ވަކީލު ވަނީ، ޑީޕްފޭކް ކޮންޓެންޓްތަކުގެ ފެންވަރު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ، މިއީ އިންސާނީ ހައްގުތަކަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކޮށްފައެވެ. އެހެންކަމުން، ބަތަލާގެ ހުއްދައާ ނުލައި އާންމުކޮށްފައިވާ ހުރިހާ ތަކެއްޗެއް ވަގުތުން އުނިކުރުމުގެ އަމުރަކަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ. ސައްހަ ކޮންޓެންޓަށް އުނިކަމެއް ނާންނާނެހެން، ގާނޫނާ ޚިލާފު ތަކެތި ނައްތާލެވޭނެ އެކަށީގެންވާ ނިޒާމެއް ހުރިހާ ފަރާތްތަކެއް ގުޅިގެން ފަރުމާކުރުމަށް ބޮމްބޭ ހައިކޯޓުން ގޫގުލް އާއި މެޓާގެ ވަކީލުންނަށް އަންގާފައިވާއިރު، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ފިލްމީ ތަރިންގެ ފަރާތުން އިންޑިއާގެ ކޯޓުތަކަށް ހުށަހަޅާ މިފަދަ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓްތައް ޕްލެޓްފޯމްތަކުން ނެގުމަށް އެދި ކާތިކް އާރްޔަން، ޝަތުރުގަން ސިންހާ، ޝިލްޕާ ޝެޓީ، އަކްޝޭ ކުމާރު އަދި ސުނިލް ޝެޓީ ފަދަ ތަރިން ވަނީ މައްސަލަ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ