ފިޔާޒަށް ބިރު ދެއްކި މައްސަލައިގައި ރައީސް ޖަވާބުދާރީވާން ޖެހޭ: ޑިމޮކްރެޓްސް ފިޔާޒަށް ބިރު ދެއްކި މައްސަލައިގައި ރައީސް ޖަވާބުދާރީވާން ޖެހޭ: ޑިމޮކްރެޓްސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އަދަދު ގެ ސީއީއޯ އަދި ނޫސްވެރިޔާ ހުސައިން ފިޔާޒް މޫސާއަށް ބިރު ދެއްކި މައްސަލައިގައި ރައީސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ދަ ޑިމޮކްރެޓްސް އިން މިއަދު ބުނެފި އެވެ.
ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު ފޯނު ކޯލަކުން ބިރުދެއްކެވި ކަމަށް ފިޔާޒް އަދި މި ނޫހުން ކުރައްވާފައިވާ ތުހުމަތަކީ ކަންބޮޑުވާ ތުހުމަތުތަކެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ޒާތީ މައްސަލައަކާ ގުޅިގެންކަމުގައި ވިޔަސް، ނޫސްވެރިއަކަށް ގުޅުއްވައި އިންޒާރަކަށްވާގޮތަށް ވާހަކަފުޅުދެއްކެވިކަމަށް އެ ނޫހަކުން ރަސްމީ ސިފައެއްގައި ފާހަގަކުރެއްވުމުން، އެކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ސާފުކޮށް އޮޅުންފިލުއްވައިދެއްވަން ވާނޭކަމަށް ދެކެން،" ޑިމޮކްރެޓްސް އިން ބުންޏެވެ.
މީގެއިތުރުން ޑިމޮކްރެޓްސް އިން ބުނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އެ މައްސަލައެއް ބަލާއިރު ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެކަމަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
ރައީސް މުއިއްޒު އާއި ދައުލަތުގެ އިދާރާތަކުންނާއި އަދި އެނޫން ވެސް ފަރާތްތަކުން ނޫސްވެރިންނަށް ބިރުދެއްކުމުގެ އަމަލެއްކަމަށް ބެލެވޭ އެއްވެސް ކަމެއްކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ނުރައްކަލެއްކަން ޑިމޮކްރެޓްސް އިން ވަނީ ފާހަގަކޮށްފަ އެވެ.
ރައީސް މުއިއްޒު ފިޔާޒަށް ގުޅުއްވައި ބިރު ދެއްކި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ