މުސްލިމުންނަށް އެކަމެއް ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ އެއްވެސް ކަމެއް ކުރުމާއި ދެކޮޅުހެދުމުގެ ޙައްޤު އެއްވެސް މުސްލިމަކަށް ލިބިގެނެއް ނުވެއެވެ. އެކަމެއް އެމީހަކަށް ކުރެވެން ނެތްނަމަ ނުވަތަ ކުރަން ބޭނުންނަމަ އެމީހަކު އެކަން ނުކުރިނަމަވެސްމެއެވެ. ނުކުރީމާ އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ. ތިމާ އެކަން ނުކުރި ނަމަވެސް އެއީ ކުރަން ނުޖެހޭނެ ކަމެއް ކަމަށް ބުނެ ދެކޮޅެއް ނުހެދޭނެއެވެ.
މިޘާލަކަށް ބުނާނަމަ ތިމާއަކީ ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކުރަން ބޭނުން ނޫން މީހަކަށްވެދާނެއެވެ. އެއީ ހަނގުރާމައިގައި ތިމާ މަރުވެދާނެ ކަމަށް ގަންނަ ބިރަކުން ކަމަށްވެސްވެދާނެއެވެ. އަދި އެނޫން ސަބަބެއްވެސް އޮވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމާއި ދެކޮޅުހަދައި ވާހަކައެއް ނުދެއްކޭނެއެވެ.
އެއްވެސް ޙާލެއްގައި މިއީ މީހަކު ބުނާއިރަށް ނުކުމެ ޖިހާދުކުރުމުގެ ނަމުގައި ހަރުކަށި ޢަމަލުތައް ކުރަން ބުނަނީއެއް ނޫނެވެ. ޖިހާދު ކުރެވޭނީ އެކަމަށް ހުރި ޝަރުޠުތައް ހަމަވެގެންނެވެ. ސަބަބުތަކުގައިވެސް ހިފަހައްޓައިގެންނެވެ.
ހަމައެގޮތަށް ތުބުޅި ބަހައްޓައިފިނަމަ އެމީހަކީ ހަރުކަށި ޠާލިބާން ފިކުރުގެ މީހެއް ކަމަކަށްވެސް ނުބުނެވޭނެއެވެ. އެގޮތަށް ބުނާ މީހުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްތްށިފުޅުގައި އެއަޅުވަނީ ހާދަނުބައި ބަދުނާމެކެވެ. އަޢޫޛްބިﷲ.
ހަމައެފަދައިން އަންހެނަކު މޫނުބުރުގާ އެޅިޔަސް އަދި މޫނާއި ދެއަތްތިލަ ނޫން ތަނެއް ނުފެންނަ ގޮތަށް ނިވާވިޔަސް އެކަމަށް ހުރަހެއް ނުއެޅޭނެއެވެ. ފާޑެއްވެސް ނުކިޔޭނެއެވެ. ދެކޮޅެއްވެސް ނުހެދޭނެއެވެ. އެހެނީ ދީނުގައި މޫނު ބުރުގާއަޅަންވެސް އެބަ އޮތެވެ. އަދި އެންމެ ކުޑަމިންވަރަށް، މޫނާއި ދެއަތްތިލަ ނޫން ހުރިހާ ތަނެއް ނިވާކުރަންވެސް އެބައޮތެވެ.
އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ އެއްވެސް ކަމެއް ކުރުމާއިމެދު ވިސްނަން ޖެހޭނީ ތިމާ ބޭނުންވާ ނުވަތަ ތިމާ ރުހޭ ގޮތަކަށް ނޫނެވެ. ﷲ ތަޢާލާ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށް ކުރުމަށެވެ. ﷲ ތަޢާލާގެ އެއްވެސް ޙުކުމްފުޅަކަށް ދެކޮޅުހަދާނަމަ އެކަން ހިމެނިގެންދާނީ ކުފުރުގެ ޢަމަލެއްގެ ގޮތުގައެވެ. ވީމާ މިހުރީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަންކަމެވެ.
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
ޤުރްއާނުގަވާ މިންވަރަށް އަޢުރަނިވާކުރުމާ ދެކޮޅުހެދުމަކީ މުސްލިމަކަށް ކުރެވިގެންވާނެ ކަމެއް ނޫން!: ޝައިޚް ޢާޞިމް އަލްޙަކީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ