ދިވެހި ސިފައިންނަކީ، ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއް: ރައީސް

މޯލްޑިވްސް ބްލަޑް ސަރވިސަސް، "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ. 
އެމަނިކުފާނު ދިވެހި ސިފައިންނަށް ޝުކުރު އަދާކުރައްވާފައި މިވަނީ، އެކަމަށް ޓަކައި އިއްޔެ \ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސިފައިންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ވާހަކަފުޅުގައި، ދިވެހި ސިފައިންނަކީ، ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަމާއި، ސިފައިންނާ ހަވާލުކުރައްވާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބިކަމުގައި ވިދާޅުވިއެވެ. 
އެމަނިކުފާނުގެ ވާހަކަފުޅުގައި، އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކަނޑައެޅިގެން ދިޔަ ކަމެއް ކަމާއި، އެހެންނަމަވެސް އެކަން އެކި ސަބަބުތަކާ ހެދި، ނުކުރެވި އޮއްވައި، ސިފައިންނާ އެ މަސައްކަތް ހަވާލުކުރެއްވީ ތެލެސީމިއާ ކުދިން އުޅޭ ސީރިއަސް ހާލަތު އެނގިވަޑައިގެން، އެފަރާތްތަކަށް ވީހާވެސް އަވަހަކަށް، ވީހާވެސް ފުރިހަމަކަމާ އެކު އޮރެންޖު ހިޔާގައި މޯލްޑިވްސް ބްލަޑް ސަރވިސަސް ގާއިމްކުރެއްވުމުގެ ބޭނުމުގައި ކަމުގައެވެ. އަދި ސިފައިންނާ ހަވާލުކުރެއްވި މަސައްކަތުގައި ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން ފެނިގެން ދިޔަކަމާއި، އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. 
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ދިވެހި ސިފައިންނަށް އަރުވާފައެވެ. އެމްއެންޑީއެފްގެ ފަރާތުން މި ފިލައާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި، މި މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަގުވަޒަންކުރުމުގެ ލިޔުން ވަކިވަކިން ދެއްވާފައެވެ. 
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވެލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ