'އޮޅު ހިޔާ'ގައި މިހާރު ބަލަހައްޓަނީ 30 ބުޅާ

މާލޭ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގާއިމުކޮށްފައިވާ 'އޮޅު ހިޔާ'ގައި 30 ބުޅާ މިހާރު ބަލަަހައްޓަމުން އަންނަ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އޮޅު ހިޔާގެ ނަމުގައި އެ ފެސިލިޓީ ރައީސް މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެ ތަން ހެދިޔަސް، އެ ކައުންސިލުން އެ ތަން ހިންގަމުންދިޔަ ގޮތް ކަމުނުގޮސްގެން މިހާރު އެ ތަން ބަަލަހައްޓަމުންދަނީ މިނިސްޓްރީންނެވެ.
ބުނީ ކީކޭ؟ - އެ ތަނަށް ބުޅާތައް ގެންދަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ. އޭރު ބަލަހައްޓަމުން ދިޔައީ 15 ވަރަކަށް ބުޅަލެވެ.
މިނިސްޓްރީން މިއަދު ބުނި ގޮތުގައި، މިހާރު އެ ތަނުގައި ޖުމްލަ 30 ބުޅާ ބަލަހައްޓަމުންދެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި، ބުޅާތައް ތިބޭ ތަނުގެ ތެރެއަށް މިފަހުން ގެނެވުނު ބަދަލުތަކާ އެކު ފެސިލިޓީގައި ބުޅާތައް ބަލަހައްޓަން އިތުރަށް ވަނީ ފަސޭހަ ވެފަ އެވެ. އެގޮތުން:
އެ ތަނުގައި ކުރިން ހަރުކޮށްފައި ހުރި ދާގަނޑުގެ މަތީގައި މިހާރު ވަނީ އިތުރު ދާގަނޑެއް ހަރުކޮށްފައި
އިތުރު ދާގަނޑެއް ހަރުކުރީ ކުރިން ހަރުކޮށްފައި ހުރި ދާގަނޑުގެ ދޭތެރެއިން ކުދި ބުޅާތަކަށް ނުކުމެވޭތީ
އެނގުން މުހިންމު - މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައި ތެރޭގައި ހިމެނޭ ބުޅާ ފެސިލިޓީއަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހަދާފައިވާ ތަނެކެވެ. މި މަޝްރޫއުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއާގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުން ހިމެނެ އެވެ.
މި ފެސިލިޓީގައި ބުޅާތަކަށް އެކަށީގެންވާ ފެންވަރުގެ ޝެލްޓާތަކެއްގެ އިތުރުން އެ ތަނުގެ ތެރެއިން އެތަކެއްޗަށް ފަރުވާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ