ތެލެސީމިއާ ސެންޓަރުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި
މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި އެވެ.އަންނަ އާދީއްތަ ދުވަހުން ފެށިގެން ބްލަޑް ސަރވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށެވެ.އެމްބީއެސް އިން ހާމަކޮށްފައިވާ ގޮތުގައި އެޗް. ބީ ބެލުމަށް ސާމްޕަލްނެގުން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު 08:00 އިން 20:00 އަށް ކުރިއަށްދާނެ އެވެ. އަދި ކްރޮސްމެޗު ހެދުމަށް ސާމްޕަލް ނެގުމުގެ ޚިދުމަތް ހޮނިހިރު ދުވަހާއި ބުދަ ދުވަހާ ދެމެދު 08:00 އިން 20:00 އަށް އަދި ބުރާސްފަތި ދުވަހު 08:00 އިން 17:45 އަށް ލިބޭނެ އެވެ.މީގެ އިތުރުން ތެލަސީމިއާ ސްކްރީނިންގެ ޚިދުމަތް ލިބޭނީ 08:30 އިން 13:00 އަށް ކަމަށާއި، ތެލަސީމިއާ ކާޑު ދޫކުރާނީ 08:00 އިން 14:00 އަށް ކަމަށް އެމްބީއެސް އިން ބުނެ އެވެ.އަދި ޑޯނަރުން ގައިން ލޭ ނެގުން ކުރިއަށްދާނީ 08:00 އިން 19:45 އަށް ކަމަށާއި، ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 08:00 އިން 19:30 އަށް ކަމަށްވެސް އެ ސަރވިސް އިން ބުނެ އެވެ.އެމްބީއެސް އިން ބުނީ ލޭ ގުޅައިދިނުން (1 ޔުނިޓް) ގެ ޚިދުމަތް 08:00 އިން 16:30 އަށް ލޭ ގުޅައިދިނުން (2 ޔުނިޓު) ގެ ޚިދުމަތް 08:00 އިން 14:30 އަށް ހުރިހާ އުމުރު ފުރާއަކަށްވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެ ސަރވިސް އިން ބުނީ ޑޮކްޓަރުން ބައްލަވާނީ 08:00 އިން 20:30 އަށް ކަމަށެވެ.އެމްބީއެސް އިން ހިދުމަތްދޭ ވަގުތު އިތުރުކޮށްފައި މިވަނީ އެ ތަނުން މީގެކުރިން މަދު ވަގުތު ކޮޅެއްގައި ހިދުމަތް ދޭތީއާއި ބައެއް ދުވަސް ދުވަހު އެ މަރުކަޒު ބަންދުކޮށްފައި ހުންނާތީ ހިދުމަތް ހޯދައި ފަރާތްތަކުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަރުކަޒަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލެއްވުމަށްފަހު ކަންކަން ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.ސަރުކާރުން މިހާރު ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް ހުޅުމާލޭގައި ހުންނަ އޮރެންޖު ބިލްޑިން އަށް ބަދަލުކުރުމަށްވެސް ނިންމާފަ އެވެ. މިމަހުގެ ތެރޭގައި އޮރެންޖު ބިލްޑިންގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ