ކަންގަނާގެ ސިޔާސީ ފިލްމު 'އިމަޖެންސީ' ނެޓްފްލިކްސްއަށް
މިދިޔަ މަހުގެ 17 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި، ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "އިމަޖެންސީ" ނެޓްފްލިކްސްގައި ސްޓްރީމްކުރާނެކަން އިއުލާނުކޮށްފިއެވެ. ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީއެއްގައި މިކަން ހިއްސާކުރަމުން ބުނީ، ނެޓްފްލިކްސް މެދުވެރިކޮށް ކުރިއަށް އޮތް މާޗް މަހުގެ 17ވަނަ ދުވަހުން ފެށިގެން ފިލްމު "އިމަޖެންސީ" ބެލުންތެރިންނަށް ބެލޭނެ ކަމަށެވެ. ރިލީޒްކުރުމާ ހަމައަށް އެކި ކަހަލަ މައްސަލަތައް ދިމާވި މި ފިލްމުގެ ލީޑްރޯލް ކުޅުމުގެ އިތުރުން ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރަކީ ވެސް ޚުދު ކަންގަނާއެވެ. ފިލްމު "އިމަޖެންސީ"އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ވެރިކަމުގައި އެ ގައުމުގެ ސިޔާސީ މަސްރަހު ހޫނުވެ، ގައުމަށް އައި ހަލަބޮލިކަމާ ގުޅިގެން އިއުލާނުކުރި ކުއްލި ހާލަތަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި ކަންގަނާ ކުޅެފައި ވަނީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ރޯލެވެ. ކަންގަނާގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްތަކުގައި ބަތަލާ މަހިމާ ޗައުދަރީ، އަނޫޕަމް ހޭރު، މިލިންދު ސޯމަން، ވިޝާލް ނައިރު، ޝްރެޔަސް ތަލްޕަޅޭ އަދި ކުރީގެ އެކްޓަރު ސަތިޝް ކޯޝިކް ހިމެނެއެވެ. ފިލްމު "އިމަޖެންސީ" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާނީ އަންނަ މަހުގެ 17 ވަނަ ދުވަހު--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމީ ދާއިރާއިން ލިބުނު މަގުބޫލުކަމާ އެކު މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބަތަލާގެ ފިލްމު "އިމަޖެންސީ" ރިލީޒްކުރާ ތާރީޚު ކަށަވަރުވެފައި ވަނިކޮށް ސެންސަރު ބޯޑުން ބައެއް ކަންކަން ފާސްކުރުމުގައި ދިމާވި ހުރަސްތަކާ ހެދި ފިލްމު ރިލީޒްކުރުން ވަރަށް ބޮޑަށް ލަސްވިއެވެ. ހަމައެއާއެކު މި ފިލްމުގައި އިންޑިއާގެ ބައެއް ކޮމިއުނިޓީތަކާ މެދު ނަފުރަތު އުފެދޭ ގޮތަށް ފިލްމުގެ ބައެއް މަންޒަރުތައް ގެނެސްދީފައިވާތީ އެކަމާ ގުޅިގެން ކަންގަނާއަށް ވަނީ މަރުގެ އިންޒާރުތަކެއް ވެސް ލިބިފައެވެ. ޖުމްލަ 60 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމު ސިނަމާތަކުން ނެގިއިރު ބޮކްސް އޮފީހުގައި ލިބިފައި ވަނީ އެންމެ 21 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ. ފިލްމު "އިމަޖެންސީ"އަށް ފަހު ކަންގަނާ އަންނަނީ އަދި އިއުލާނު ނުކުރާ ސައިކޮލޮޖިކަލް ތުރިލާއެއްގައި މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ