ފަޅަށް ޝީޓް ޕައިލްކޮށް، ބޮޑުތަކުރުފާނު މަގު ފުޅާކޮށްގެން ތަރައްގީކުރަނީ

ބޮޑުތަކުރުފާނު މަގުގައި މިހާރު ތާރު ނާޅާ އޮތް ސަރަހައްދު، ފަޅަށް ޝީޓް ޕައިލްކޮށްގެން ފުޅާކޮށް، ތަރައްގީ ކުރަން ނިންމައި، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
ބޮޑުތަކުރުފާނު މަގުގައި މިހާރު ތާރު ނާޅާ އޮތް ސަރަހައްދު، ފަޅަށް ޝީޓް ޕައިލްކޮށްގެން ފުޅާކޮށް، ތަރައްގީ ކުރަން ނިންމައި، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ. 
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ތަރައްގީކޮށްފައިވަނީ، ހުޅުމާލެ ފެރީ ޓާމިނަލްއިން ފެށިގެން ރަސްފަންނާ ހަމައަށެވެ. 
ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސް ވަނީ، މަރުކަޒީ ބޭންކު އެމްއެމްއޭއިން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާ ހަމައަށް އޮންނަ ސަރަހައްދު ތަރައްގީކުރުމުގެ ޕްލޭން ހިއްސާ ކުރައްވައި، އެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްގެން ވަރަށް އަވަހަށް ފައްޓަވާނެ ކަން އިއުލާނުކުރައްވައިފަ އެވެ. 
"...މި މަގު ކޮޅަށް ދެ ލޭނު އޮންނަގޮތަށް މޫދުންވެސް ބައެއް ނަގާ، ޝީޓް ޕައިލް ކުރެވި މަގު ފުޅާކުރެވި ހުރިހާ ނިޒާމުތަކެއް އަޑީގައި ހުންނަންޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ތަރައްގީ ކުރެވި، ތާރު އެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމޭތަނުން ފެށި، މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމާ ހުޅުވާނަން،" ރައީސް ވިދާޅުވި އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.
ނަމަވެސް، އެމްއެމްއޭ އާއި ހުޅުމާލެ ފެރީ ޓާމިނަލް އާ ދެމެދު އޮންނަ ސަރަހައްދު އެ މަޝްރޫއު ތެރޭގައި ނުހިމެނޭ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވި ގޮތުގައި، ވަކި މަޝްރޫއުއެއްގެ ގޮތުގައި އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށް ގެންދާނީ ދައުލަތުގެ ބަޖެޓުންނެވެ.
ޗައިނާ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ފީޒިބިލިޓީ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަން އެ މަނިކުފާނު ރޭ ވަނީ އިއުލާނުކުރައްވައިފަ އެވެ. 
ރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ ޕްލޭނެއް ވެސް އިއުލާނު ކުރައްވައިފަ އެވެ. 
މިގޮތުން، ކުޑަކުދިންނާ އެކު ހިތްހަމަޖެހިލައިގެން ވަގުތު ހޭދަކުރެވޭނެ ގޮތަށް، ބޯލިން ފަދަ ކުޅިވަރުތައް ކުޅެވޭ ތަންތަން ވެސް ޕާކް ތެރޭގައި ހަދާނެ ކަމަށް އެ މަނިކުފާނު ހާމަކުރެއްވި އެވެ.
އަދި މި މަޝްރޫއު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ރޭ އިއުލާނުކުރެއްވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ