ރައީސްގެ އަމާޒަކީ އާ މަޖިލީސް ހޯދާ 2028 ގެ ވެރިކަން

"އަޅުގަނޑުގެ ކުރިއަށް އޮތްތަނުގެ އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް މި ޕާޓީއަށް ހޯދާ ދިނުން. އަދި 2028 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް މި ޕާޓީ ގެނައުމަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން ކުރުން،"
މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކޮށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ޕާޓީއަށް ކާމިޔާބު ކޮށް ދިނުން ކަމަށް އެމްޑީޕީގެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅު ވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް މިރޭ ވިދާޅުވީ މިދިޔަ މަހުގެ ފަހު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަތީޖާ ނިކުތީ އެމަނިކުފާނާއި އެމްޑީޕީން ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ ދެވަނަ ދައުރެއް ހޯއްދަވަން ކުރެއްވި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ. އެކަމަށް ޝުކުރު އަދާކުރައްވާ ރައީސް ވަނީ މިއަދުގެ އަމާޒަަކަށް ވާންވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދެމި އޮތުން ކަމަށެވެ. އަދި އެ މަސައްކަތް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކުރުން ކަމަށް ވިދާޅުވި އެވެ."އަޅުގަނޑުމެންނަށް ބައެއް ފަހަރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ މާ ރަނގަޅު މަސައްކަތްތަކެއް ކުރެވޭ. އަޅުގަނޑު ހިތުން މި ފަހަރުވެސް ރައްޔިތުންނަށް އެ މަންޒަރު ފެނިގެން ދާނެ،"
ރައީސް މިރޭ ވެސް ވިދާޅުވީ އެހެން ޕާޓީތަކާއި ހިލާފަށް އިންތިހާބަކުން ބަލިވުމަކީ އެމްޑީޕީން މަޑުން އޮންނާނެ ސަބަބެއް ނޫން ކަމަށެވެ. އަދި ކުރީގެ ބައެއް އިންތިހާބުތަކުން ބަލިވުމުން އެމްޑީޕީން އަމަލު ކުރި ގޮތަށް މި ފަހަރު ވެސް އިންތިހާބަށް ފަހު ޖެހިގެންް އައި ދުވަހު މަސައްކަތް ފަށާފައިވާ ކަަމަށެވެ.އަދި އެމްޑީޕީ އަކީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމަށް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށެވެ."މި ޕާޓީ ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި އޮތުމަށް އަޅުގަނޑުގެ ފަރާތުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ބަރާބަރަށް ލިބެމުން ދާނެ،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުން ބަލައިގަނެ އެ ވާހަކަތައް ދައްކަން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ. އިންތިހާބުން ނާކާމިޔާބުވީ ވަރަށް ގިނަ ދޮގުތަކާއި އޮޅުވާލުންތައް ފަތުރައިގެން ކަމަށާ ނަމަވެސް އެ ކަންކަމުގެ ހަގީގަތް ވަރަށް އަވަހަށް ހާމަވެ ރައްޔިތުން އެ ވާހަކަ ދައްކަން ފަށާނެ ކަަމަށެވެ. އެއާއެކު ދެން އޮތް އަމާޒަށް ދާން އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ."އަޅުގަނޑުގެ ކުރިއަށް އޮތްތަނުގެ އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް މި ޕާޓީއަށް ހޯދާ ދިނުން. އަދި 2028 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް މި ޕާޓީ ގެނައުމަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން ކުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޖިލީސް އިންތިހާބު އެމްޑީޕީން ކާމިޔާބު ކޮށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމަނިކުފާނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ.އެމަނިކުފާނު ވިދާޅުވީ ކާމިޔާބާ ނާކާމިޔާބަކީ އެކި އެކީ އުފަަންވެފައިވާ ކަމެއް ކަމަށާ ކޮންމެ ކަމެއްގައި ދެ ގޮތުން ކުރެ އެއްގޮތަކާ ބައްދަލު ކުރަން ޖެހޭނެ ކަމަށެވެ. މިހާރު މި ހިނގަނީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ފަހު ދުވަސްތައްކަން ފާހަގަ ކުރައްވާ އިންތިގާލީ މަރުހަލާ ނިމި ސުލްހަވެރިކަމާއެކު ސަރުކާރު ބަދަލުވުމުގެ ކަންކަން ފަހިކޮށް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.އަދި އެމްޑީޕީއަށް މިހާރު މަޖިލީހުގައި އޮތް މެޖޯރިޓީން އާ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.އެމަނިކުފާނު ވަނީ އެމްޑީޕީގެ ހިންގުމުގެ ތެރެއަށް އާ ޒުވާނުން ނިކުންނަން ވީ ވަގުތަކީ މިއީކަން ފާހަގަ ކުރައްވާ އެކަމަށް އެހީތެރި ދިނުމުގައި ދެމި ހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ