މޫސުން ގޯސްވާތީ އާ އަހަރުގެ ޝޯ ފަސްކޮށްފި
މޫސުން ގޯސްވުމުގެ ސަބަބުން އާ އަހަރު ފާހަގަކުރުމަށް ސަރުކާރުން އިންތިޒާމުކޮށްގެން ހަވާ އަރުވައި، ދިވެހި ފަންނާނުންނާއެކު ބާއްވާ "ދިވެހީންގެ ރާއްޖެ 2024" ހަރަކާތް ފަސްކޮށްފިއެވެ. ކުރިން މި ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ 31ވަނަ ދުވަސްކަމަށްވާ އާދީއްތަ ދުވަހުގެ ރެއެވެ. އެ ކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ ޝައުގުވެރިކަން އެބައޮތް ކަމަށެވެ. ނަމަވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށާއި ދަތުރުފަތުރު ކުރުމުގައި ދިމާވެދާނެ ދަތިތަކާ ގުޅިގެން އެ ފެސްޓިވަލް ފަސްކުރީކަމަށެވެ. ނަމަވެސް އެ ފެސްޓިވަލް ބާއްވާނެ ވަކި ތާރީޚެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މިނިސްޓްރީން ބުނީ މޫސުން ރަނގަޅުވުމުން ފެސްޓިވަލް ބާއްވާނެ ތާރީޚެއް އަންގާނެ ކަމަށެވެ. https://sun.mv/186674 ޔޫތު މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި އެ ފެސްޓިވަލް ކުރިއަށްގެންދާނީ ދެ ބަޔަކަށް ބަހައިލައިގެންނެވެ. އެގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވައި، ރޭގަނޑު މިއުޒިކް ޝޯއާއި ލޭޒާ ޝޯއެއް ބާއްވައި، ހަވާ އަރުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެ މިއުޒިކް ޝޯގައި ވަރަށް ގިނަ ދިވެހި ފަންނާނުންގެ ހުށަހެޅުންތައް ފެންނާނެކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ. އާ އަހަރު ފާހަގަކުރުމަށް ބާއްވާ ޝޯތަކަށް އާންމު ގޮތެއްގައި ބޭރުގެ ފަންނާނުން ރާއްޖެ ގެނެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޝޯއަށް ބޮލީވުޑްގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޕަވްނީ ޕާންޑޭ ރާއްޖެ ގެނެސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ