ގާޒާގެ އުތުރުގައި ތިބި މީހުން ފައިބައިގެން ދާ ހަވީރު 5 އަށް ވަގުތު ދީފި

ހަމާސް ނައްތާލުމުގެ ނަމުގައި ގާޒާގެ އުތުރަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާ އިރު، އިތުރުގައި ތިބި އާންމުން ފައިބައިގެން ދާން ރާއްޖެ ގަޑިން ހަވީރު 5 އާ ހަމަށް އިޒްރޭލުން ވަގުތު ދީފިއެވެ.
ގާޒާ ސިޓީ ހުރަސް ކޮށް ދެކުނުން ވާދީ ގާޒާގެ އަނެއް ފަރާތަށް ދިޔުމަށް އަންގާ އަރަބި ބަހުން އިޒްރޭލުން އާންމު ކުރި މެސެޖުގައި ބުނެފައި ވަނީ، ގާޒާ ސްޓްރިޕްގެ މެދުތެރޭގައި އެއްކޮޅުން އަނެއް ކޮޅަށް އޮންނަ ސަލާހް އަލް ދީން ސްޓްރީޓުން ދެވޭނެ ކަމަށާއި އެ ފުރުސަތު ދޭނީ ހަވީރު 5 ޖަހަންދެން ކަމަށެވެ.
އިތުރަށް ބުނީ، އެ މަގު ހުޅުވާލުމަށްޓަކައި ހަރަކާތްތެރި ވާ އިޒްރޭލު ސިފައިންނަށް ހަމާސްގެ ހަމަލާތައް އަމާޒު ވަމުން ދާ ކަމަށާއި އިއްޔެވެސް މޮޓަރު ބަޑިއާއި އެންޓި ޓޭންކް މިސައިލް ހަމަލާތައް އަމާޒުވެފައި ވާ ކަމަށެވެ.
އދ ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނާ ގޮތުގައި، ގާޒާގެ އިތުރުގައި މިވަގުތުވެސް 300،000 އެއްހާ އާންމުން ތާށިވެފައި އެބަތިއްބެއެވެ.
ގާޒާގެ އުތުރާއި ދެކުނުގައި ތިބި ބައެއް އާންމުންނާ ހަވާލާދީ ހަބަރުތަކުން ބުނާގޮތުގައި، ގާޒާގެ އުތުރުން ނިކުުތުމަށް އަންގާ ވަގުތު ދިން ނަމަވެސް ގިނަ ބަޔަކަށް ދަތުރު ކުރެވޭނެ ގޮތެއް [އުޅަނދެއް] ނެތެވެ. އަދި އިޒްރޭލުން ބޮން އަޅަނީ އުތުރަށް އެކަނި ނޫން ކަމަށާއި ދެކުނުގެ ކޭމްޕްތަކަށް ވެސް ހަމަލާ ދޭ އިރު ދެކުނުގައި ވެސް ރައްކާތެރި ކަމެއް ނެތެވެ. އަދި ދަތުރު ކުރަން އަންގާ ދަތުރަށް ނިކުންނަތަނުން ގާފިލާއަށް ވެސް ހަމަލާ ދޭ ކަމަށާއި ހުސްވި ހަފްތާގައި އެގޮތަށް ނިކުމެގެން އަލް ރަޝިދު ރޯޑުން ދިޔަ 14 މީހުންގެ ގާފިލާއަކަށް ހަމަލާ ދީ އެންމެން ޝަހީދު ކޮށްލާފައި ވާ ކަމަށެވެ.
އަލް ރަޝީދު ރޯޑާއި އަލް ދީން ސްޓްރީޓަކީ އަމާން ދެ މަގު ކަމަށް އަންގާ އެ މަގުތަކުން ދަތުރު ކުރާ އުޅަނދު ފަހަރަށް ވެސް އިޒްރޭލުން ހަމަލާ ދީ މީގެ ކުރިން ގޮއްވާލާފައި ވެއެވެ. އެގޮތުން ބަލިމީހުން ގޮވައިގެން ދަތުރު ކުރި އެމްބިއުލާންސް ތަކާއި އާންމު ދަތުރުތަކުގައި ދިޔަ ކާރުތަކަށް ވެސް ހަމަލާ ދީ ގޮއްވާލާފައި ވެއެވެ.
މިހާތަނަށް އަދަދުތައް؛
ގާޒާގެ އުތުރު އެއްކޮށް ހުސްކޮށްލުމުގެ ސިޔާސަތެއްގެ ދަށުން އިޒްރޭލުން ހިންގާ ޖަރީމާގައި، ރެފިއުޖީ ކޭމްޕްތަކާއި ހޮސްޕިޓަލް ތަކާއި، ސްކޫލުތަކަށް ވެސް ދަނީ ހަމަލާ ދެމުންނެވެ. ރޭ އެންމެ ފަހުން ހަމަލާ ދީ އެއްކޮށް ބިމާ ހަމަކޮށްލި ކޭމްޕަކީ މަގާޒީ ރެފިއުޖީ ކޭމްޕެވެ. އެ ކޭމްޕުން 30 މީހަކު ޝަހީދުވެ 100 މީހަކު ޒަހަމްވިއެވެ.
މީގެ އިތުރުން ކިރިޔާވެސް ދިރިހުރުމަށް ހުރި ފުރުސަތެއް ވިއްޔާ ނައްތާލުމުގެ ސިޔާސަތުގެ ދަށުން ފެން ތާނގީތަކާއި ސޯލާ ޕެނަލްތަކާއި، އެހެނިހެން ހުރިހާ އިންފްރާސްޓްރަކްޗާތަކަށް ހަމަލާ ދީ ވަނީ ހަލާކު ކޮށްލާފައެވެ.
ދެން މިވަގުތަށް ތިބީ ދިރި ތިބި ފުރާނަތަކެއް އެކަންޏެވެ. ބޯފެނެއް، ކާބޯތަކެއްޗެއް، އަންނައުނެއް، ބޭހެއް، ކަރަންޓެއް ނެތެވެ.
ގާޒާ އާއި ގާޒާ ސިޓީ ގެ މެދުން ހުރަހަށް އެއް ބިތުން އަނެއް ބިތަށް މަގެއް ކަނޑާ ދެބައި ވަކިކޮށްލާފައި ވާ އިރު، ގާޒާ ގައި ތިބި މީހުންނަށް މިވަގުތަށް އޮތް ގޮތަކީ މަރު ނުވަތަ ފައިބައިގެން ދިޔުމެވެ. ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުން އަންގާފައި ވާ އިރު، އެމެރިކާއިން ވެސް ބާރު އަޅަނީ އެގޮތަށެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގައި އާންމު ރައްޔިތުން މަގުތަކަށް ނިކުމެ ބާއްވާ މާސިންގާ މުޒާހަރާތަކާ ހެދި އުފެދޭ ޕްރެޝަރުގައި ފަލަސްތީނުގެ އާންމު ރައްޔިތުން ސަލާމަތް ކުރުމަށް އެމެރިކާއިން ގޮވާލައެވެ.
އަދި އެކަމުގައި އެމެރިކާ މަސައްކަތް ކުރާކަން ހާމަ ކުރަން އެގައުމުގެ ހާރިޖީ ވަޒީރު މިހާރު ހުންނެވީ މެދުއިރުމަތީގައެވެ. މިއަދުގެ ވަގުތެއްގައި ހުޅަނގު އައްސޭރިއަށް ވަޑައިގެން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާ ބައްދަލު ކުރައްވާނެއެވެ. އޭގެ ފަހުން ތުރުކީއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާ އިރު، ތުރުކީން ވަނީ އެގައުމުގައި ހުންނަ އިޒްރޭލު އެމްބެސެޑަރު ފޮނުވާލައި ނަތަންޔާހޫ އާ ގުޅުން ކަނޑާލައިފި ކަމަށް ބުނެފައެވެ. ހަމަ މިވަގުތު ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީގެ ދޮރުމަތީގައި މާސިންގާ މުޒާހަރާއެއް ދަނީ ހިނގަމުންނެވެ.
އެފަދަ ބޮޑު އަދި މިހާތަަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ އެމެރިކާގެ ވޮޝިންޓަނުގައި ވެސް ވަނީ ބާއްވާފައެވެ. އެތައް ހާސް ބަޔަކު އެއްވެ ވޮޝިންޓަން ސްކެއާ އާއި މަގުތައް ފުރާލިއެވެ. ލަންޑަނާއި އިންޑިނީޝިއާ އާއި ޕާކިސްތާންއާއި އިންޑިއާފަދަ ގައުމުތަކުގައި ވެސް މިފަދަ މާސިންގާ މުޒާހަރާތައް ވަނީ ބާއްވާފައެވެ.
ހުޅަނގުން ޖަރުމަނާއި ފްރާންސްގައި މުޒާހަރާ ކުރުން މަނާކޮށްފައި ވާއިރުވެސް އެދެގައުމުގައިވެސް ދަނީ މުޒާހަރާތައް ބާއްވާ އާންމު ޓްރެފިކަށް ހުއްޓުން ގެންނަމުންނެވެ. ފުރާންސްގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރާ މީހުން ޖަލަށްލައި ބޮޑު ޖުރިމަނާއެއް ކުރަން ނިންމާފައި ވާ އިރު ޖަރުމަނުން ބުނެފައި ވަނީ ހަމާސް އާއި ހަމާސް އާ ގުޅިފައި ވާ އެއްވެސް ބަޔަކަށް ތާއީދު ކޮށް މުޒާހަރާ ކުރުމަކީ މަނާކަމެއް ކަމަށެވެ.
ހަނގުރާމައިގެ އެއްކޮޅުގައި އޮތް އިޒްރޭލުގައި ވެސް މުޒާހަރާ ކުރަމުން އެބަދެއެވެ. އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިނުން ނިކުމެ މުޒާހަރާ ކުރަނީ، ހަމާސް އިން ރަހީނު ކުރި މީހުން ސަލާމަތް ކުރުމަށް އިތުރު މަސައްކަތްތައް ކުރުމަށް ގޮވާލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ