އާމީތާބްގެ އަންހެނުން ދެއްކި ވާހަކައަކުން އެ އާއިލާ ބޮއިކޮޓްކުރަން ގޮވަނީ

އިންޑިއާގެ ކުރިގެ ބަތަލާ އަދި ސިޔާސީ ލީޑަރު ޖަޔާ ބައްޗަން އެ ޤައުމުގައި ހަރަކާތްތެރިވާ ޕަޕަރާޒީންނަށް އަމާޒުކޮށް ވަރަށް އިހުތިރާމު ކުޑަކޮށް ވާހަކަދެއްކުމާ ގުޅިގެން ޖަޔާގެ އާއިލާ ބޮއިކޮޓްކުރަން މީޑިއާތަކުން ގޮވާލައިފިއެވެ. މިދިޔަ ހަފުތާގެ ތެރޭ މުމްބާއީގައި ކުރިއަށްދިޔަ "ވީ ދަ ވިމެން" ފެސްޓިވަލްގައި އެ ފެސްޓިވަލްގެ މޮޑެރޭޓަރު އަދި އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ބަރްކާ ދަތު ވަނީ އިންޑިއާގެ މީޑިއާ ރިޕޯޓަރުންނާއި އަދި ޕަޕަރާޒީންނާ އެކު އޮންނަ ގުޅުމާ ބެހޭގޮތުން ވާހަކަދެއްކުމަށް ޖަޔާއަށް ފުރުސަތުދީފައެވެ. ލިބުނު ފުރުސަތުގައި ވާހަކަދައްކަމުން މެގަ ސްޓާ އަމީތާބް ބައްޗަންގެ އަންހެނުން ބުނީ، ބަތަލާއަކީ ވެސް މީޑިއާގެ ޕްރޮޑަކްޓެއް ކަމަށެވެ. ޖަޔާގެ ބައްޕައަކީ އިންޑިއާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށާއި އެހެންވެ ނޫސްވެރިންނަށް އަބަދުވެސް އިހުތިރާމުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ނަމަވެސް، ބޭރުތެރެއިން ފެންނަ ޕަޕަރާޒީންނަކީ ނޫސްވެރިކަމާ ގުޅުންހުރި އެއްވެސް ކަހަލަ ތަމުރީނެއް ލިބިފައިތިބި ބައެއްތޯ ސުވާލު އުފެދޭ ކަމަށާއި އިންޑިއާގެ މަޝްހޫރު ޝަހްސިއްޔަތުން ރަމްޒުކޮށްދޭން އެއްވެސް ކަހަލަ އަދަބެއް ސަދަބެއް އަހުލާގެއް ނެތް ބަޔަކު މަސައްކަތްކުރާތީ އެކަމާ ހައިރާންވާ ކަމަށް ޖަޔާ ވަނީ ބުނެފައެވެ. ޖަޔާ ބައްޗަން އިންޑިއާގެ ނޫސްވެރިޔާ ބަރްކާއާ އެކު--ފޮޓޯ/އެންޑީޓީވީ އަތުގައި ފޯނެއް ނުވަތަ ކެމެރާއެއް އޮވެ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ބޭނުން އެއްޗެއް ލުމުގެ ބާރު އޮތުމަކީ ފެންނަ ކޮންމެ މީހެއްގެ ފޮޓޯ ނެގުމަށް ފަހު ބޭނުން އެއްޗެއް އެ މީހަކާ ބެހޭގޮތުން ލިޔުމުގެ ހައްގު ލިބިދޭ ކަމެއް ނޫން ކަމަށާއި އެފަދަ މީހުންގެ ފަރާތުން ސޯޝަލް މީޑިއާގައި ކޮށްފައި ހުންނަ ކޮމެންޓްސްތަކުގެ ދަރަޖަ ދަށްކަމުން އެއީ އެއްވެސް ކަހަލަ ތައުލީމެއް ލިބިފައިތިބި ބައެއްތޯ ސުވާލު އުފެދޭ ކަމަށް ޖަޔާ ވަނީ ބުނެފައެވެ. މިފަދަ ގޮތަކަށް ޖަޔާގެ ފަރާތުން ޕަޕަރާޒީންނަށާއި މީޑިއާ ރިޕޯޓަރުންނަށް ފާޑުކިޔުމުގެ ސަބަބުން ވަރަށް ގިނަ މީޑީއާތަކަށް ނިސްބަތްވާ މީހުން ވަނީ އެ އާއިލާގެ މެންބަރުން ބޮއިކޮޓްކުރަން ގޮވާލާފައެވެ. އެގޮތުން، ސެލެބްރިޓީ ފޮޓޯގްރާފަރު ޕައްލަވު ޕަލީވާލު ބުނެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ޕްރިންޓް މީޑިއާއަށްވުރެ އަވަހަށް އާއްމުންނަށް ޚަބަރުތައް ގެނެސްދޭ އެންމެ އާއްމު މުހިއްމު އެއް ވަސީލަތް ކަމަށެވެ. ޖަޔާ ފަދަ ފިލްމު އިންޑަސްޓްރީގެ ތަޖުރިބާކާރު އަދި އާއްމުންގެ އިހުތިރާމް ހޯދާފައިވާ ޝަހްސިއްޔަތެއްގެ ފަރާތުން ޕަޕަރާޒީންނަށް އަމާޒުކޮށް އެހާ ދަށު ދަރަޖައިގެ ބަހުރުވައެއް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕައްލަވު ވަނީ ބުނެފައެވެ. ހަމައެއާއެކު މީޑިއާ ފެޝަން ފޮޓޯގްރާފަރު އަދި ކޮންޓެންޓް ކްރިއޭޓަ މާނަވް މަންގަލްނީ ވެސް ބުނީ، ޑިޖިޓަލް މީޑިއާގެ ހުރި ބާރުވެރިކަމާއި އޭގެ ނުފޫޒުގަދަކަން ޖަޔާއަށް އަދި ނުވިސްނޭ ކަމަށާއި އެ މައުލޫމާތު ޖަޔާގެ ކާފަ ކުދިންގެ ފަރާތުން އޮޅުންފިލުވުން މުހިއްމު ކަމަށެވެ. ފިލްމީ ތަރިންގެ ފަރާތުން ޑިމާންޑުކުރާ ވަރަށް ގިނަ ކަންކަމަށް މީޑިއާ ރިޕޯޓަރުން އިހުތިރާމުކުރާ ކަމަށާއި އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ރަންބީރު ކަޕޫރު އަދި ރަންވީރު ސިންގްގެ އެދުމުގެ މަތިން މިހާތަނަށް ވެސް މީޑިއާތަކުން އެ ތަރިންގެ ހުއްދަނެތި ތަރިންގެ ކުދިންގެ ފޮޓޯތައް ޕޯސްޓުނުކުރާކަން ކަމުގައި ބޮލީވުޑް ފޮޓޯގްރާފަ ވަރިންދަ ޗާވްލާ ވަނީ ބުނެފައެވެ. އެގޮތުން 2023ވަނަ އަހަރުގައި އެކްޓަރު އަމީތާބް ބައްޗަންގެ ސަޕޯޓަރަކު އެކްޓަރާ އެކު ފޮޓޯއެއް ނެގުމަށް އެދުމުން އެމީހާ ކޮއްޕާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަރިންދަ ޗާވްލާއަށް ލިބުނު ކަމަށާއި ނަމަވެސް އެ ވީޑިއޯ އާއްމު ނުކުރީ އަމީތާބްގެ ޕީއާރް ޓީމުން ތަކުރާރުކޮށް ވީޑިއޯ ޕޯސްޓު ނުކުރުމަށް އެދުމުން އަމީތާބަށް އިހުތިރާމުކުރުމުގެ ގޮތުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ބޭރު ތެރެއިން ޖަޔާ އަދި އެހެން ފިލްމީ ތަރިންގެ ފޮޓޯތައް ނަގާ ހުރިހާ މީހުންނަކީ ޕްރޮފެޝަނަލްކޮށް އެ މަސައްކަތްކުރާ މީހުން ނޫން ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އިހުތިރާމުކުޑަކޮށް ވާހަކަދެއްކުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވަރިންދަ ވަނީ ބުނެފައެވެ. އެހެންވެ، އޭނާގެ ޓީމަށް ވެސް ޖަޔާގެ އާއިލާ ބޮއިކޮޓްކުރަން އަންގާފައިވާނެ ކަމަށް ވަރިންދަ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ