ބެޑްމިންޓަން އެސޯސިއޭޝަން އިއާދަ ކުރެވުމަކީ ކާމިޔާބެއް: ރާފިއު ބެޑްމިންޓަން އެސޯސިއޭޝަން އިއާދަ ކުރެވުމަކީ ކާމިޔާބެއް: ރާފިއު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގާ ގަވާއިދުގެ މަަސައްކަތް ނިންމައި، އެސޯސިއޭޝަނުގެ އިންތިހާބެއް ބާއްވައި، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ސަސްޕެންޝަނުން ސަލާމަތްވުމާ ދިމާލަށް މިހާރު މިސްރާބު ޖަހާފައިވާއިރު، މި ކަމުގައި ކުރެވުނީ ކާމިޔާބު މަސައްކަތެއްގެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މެއި 16 ވަނަ ދުވަހުން ފެށިގެން ބީއޭއެމް އޮތީ ބީޑަބްލިއުއެފްގެ ސަސްޕެންޝަނެއްގަ އެވެ. ބީީއޭއެމް އިންތިހާބަކާ ހަމައަށް ގެނައުމުގައި އެ އެސޯސިއޭޝަންގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް އޭރުގެ ހިންގާ ކޮމިޓީ ތަމްސީލްކުރާ މެމްބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ބީޑަބްލިއުއެފްގެ މެމްބަރެއްގެ މައްޗަށް އެކުލެވޭ ވޯކިން ގްރޫޕެއް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. ބީއޭއެމްގެ އިންތިހާބީ ކޮންގްރެސްގައި، ވޯކިން ގްރޫޕްގައި ހިމެނޭ ބީޑަބްލިއުއެފްގެ މެމްބަރު، ތޯމަސް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ބީއޭއެމްގެ ރައީސަކަށް ކުރީގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ)ގެ ލީޑަޝިޕް ޓީމުން އިންތިހާބުވެފައިވާއިރު، މިނިސްޓަރު ރާފިއު، މިއަދު ވަނީ، ބީއޭއެމްގެ އާ ހިންގާ ކޮމިޓީއާ ބައްދަލުކުރައްވައިފަ އެވެ. މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ބެޑްމިންޓަން އެސޯސިއޭޝަނުގެ ކުރިއަށް ހުރި ހަރަކާތްތަކާއި، ދިމާވާ ގޮންޖެހުންތަކާއި، އަންނަ އަހަރަށް ރާވާފައިވާ ބައެއް ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ދާދި ފަހުން، ރިވައިވަލް ސްޕޯޓްސް އިން އެފްރިކާގައި ކުރިއަށްދިޔަ ބީޑަބްލިއުއެފް ތިން މުބާރާތަކުން ހަތް މެޑަލް ހިފައިގެން އައި ދުވަހު، އެ ޓީމަށް މަރުހަބާ ކިޔުމަށް ސްޕޯޓްސް މިނިސްޓްރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީގައި ކުރިއަށްގެންދިޔަ އިވެންޓަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ރާފިއު ވިދާޅުވީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުުރެވޭ ކަމަކީ، ބީއޭއެމްގެ ހިންގާ ގަވާއިދު އިސްލާހުކޮށް، އިންތިހާބެއް ބާއްވައި، ސަސްޕެންޝަން އުވާލުމުގެ ކަންކަން ކަމަށެވެ.
"މި ހުރިހާ ކަމަކަށް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ބީޑަބްލިއުއެފްއާ އެކު، ވާހަކަ ދެކެވިގެން، އޮލިމްޕިކް ކޮމިޓީ އާއި ބެޑްމިންޓަންގައި ކުރީގައި ވެސް އުޅުއްވި އަދި މިހާރު ވެސް އުޅުއްވާ ބޭފުޅުންނާ ވާހަކަ ދައްކައި، އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާހޯދައި މި ކަން މިހާ ހިސާބަށް ގެނެވުނީމަ އެއީ ވަރަށް ބޮޑުކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެނީ،" ރާފިއު ވިދާޅުވި އެވެ.
"މިހާރު އިރާދަކުރެއްވިއްޔާ، ބެޑްމިންޓަން އެސޯސިއޭޝަން އެ އޮތީ އެސޯސިއޭޝަނެއް ގޮތުގައި، އަދި، ހަމަ ސަސްޕެންޝަން ވެސް އިރާދަކުރެއްވިއްޔާ ފެނިގެން މި ދަނީ އުވިގެންދާތަން، އެހެންވީމަ، އަނެއްކާ ވެސް އަލުން އަނބުރާ މި ކުޅިވަރު އިއާދަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ފެންނަނީ އެކަން ކުރުމަށްޓަކައި، އަޅުގަނޑުމެންނަަށް ކުރެވިގެންދިޔަ މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއް ގޮތުގައި އަޅުގަނޑު ދެކެނީ،"
އިއްޕަގެ ލީޑަޝިޕް ޓީމުގައި ނައިބު ރައީސަކީ، ތަޖުރިބާކާރު އަމްޕަޔަރު، އަހުމަދު ޝިހާމް (ޕުޗު) އާއި އިބްރާހިމް ހަމްޒާ ހަލީލް އެވެ. ޕުޗުގެ ކެންޑިޑެސީ ހުށަހެޅީ އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީންނެވެ. އަދި، ހަމްޒާގެ ނަން ހުށަހެޅީ ކްލަބް ސްޓެޓިކުންނެވެ. ހިންގާ ކޮމިޓީގެ ދެން ހުރި މަގާމުތައް ފުރުއްވާނީ، އިންޑޯ ސްޕޯޓްސް ބެޑްމިންޓަން ކްލަބްގެ ހަަސަން ޒަރީރު، ކްލަބް އޭވިއޭޝަން ސެކިއުރިޓީގެ އިބްރާހިމް އަފީފް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ މިންނަ ރަޝީދު އަދި، ސްުޕޯޓްސް ކްލަބް ހޮސްކޯގެ ސުހާ ޖަލީލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ