ކޮރަޕްޝަނުގެ އަމަލުތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވުމަށް ސިޔާމް ގޮވާލައްވައިފި

ކޮރަޕްޝަނުގެ އަމަލުތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ޚާއްސަކޮށް މިއަދު ފާހަގަކުރާ، ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޔާމް ވިދާޅުވީ, ވައްކަމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ހަރުކަށިކަމާއެކު ނަހީކުރައްވައިފައިވާ އަމަލެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ވައްކަން ފަދަ އަމަލުތަކުން މަންފާ ހޯދައި، އެ ބޭނުންކުރުމަކީ ދިވެހި ގައުމު ފަސާދައިގެ ތެރެއަށް ގެންގޮސް، މުޖުތަމަޢު ހަލާކުގެ ތެރެއަށް ވައްޓައިލާނޭ ކަމެއް ކަމަށެވެ. އަދި އެ ފަދަ އަމަލުތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވާ ކޮންމެ މީހަކު ވެސް ހިމެނޭނީ ނަރަކައިގެ ގަދަފަދަ އަޒާބުގެ އަހުލުވެރީން ކަމުގައި ކަމަށް ސިޔާމް ވިދާޅުވިއެވެ. https://x.com/Sun_Siyam/status/1998365004631015927 "ވީމާ، ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި އެންމެހާ ވެރިންނަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް، ވައްކަމުގެ ހަޑިމުޑުދާރު އަމަލާ ދުރުހެލިވުމަށް އަޅުގަނޑު ނަސޭޙަތްތެރި ވަމެވެ." އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ ކުރިން ވެސް ސިޔާމް ވަނީ، ކޮރަޕްޝަން ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވައިފައެވެ. އެގޮތުން، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިތާބުގައި ވަނީ، ރާއްޖެއަށް އިގުތިޞާދީ ގޮތުން ވަރަށް ދަތި ދުވަސްވަރަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. https://sun.mv/213725 އެހެންވެ، އިގުތިޞާދީ ދަތިކަމުން ގައުމު ސަލާމަތްކުރުމަށާއި ދައުލަތުގެ މުދަލުން ވައްކަން ކުރުމާއި ކޮރަޕްޝަން ހުއްޓުވަން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ސިޔާމް މުއައްސަސާތަކަށް ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ