ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް ކޮލަމްބިއާގެ ރައީސަށް؛ "ހޭއަރާ، ނޫނީ ދެން ކަލޭ"! ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް ކޮލަމްބިއާގެ ރައީސަށް؛ "ހޭއަރާ، ނޫނީ ދެން ކަލޭ"!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯއަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
ޓްރަމްޕް ވިދާޅުވީ ކޮލަމްބިއާގެ ރައީސް "ހޭއަރައި" ކަންކަން ރަނގަޅު ނުކޮށްފިނަމަ، އެމެރިކާގެ ދެން އޮތް އަމާޒަކަށް ވާނީ އޭނާ ކަމަށެވެ.
ވައިޓް ހައުސްގައި ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، ޕެޓްރޯ އެމެރިކާއާ ދެކޮޅަށް ގެންގުޅުއްވަނީ ވަރަށް ހަރުކަށި ސިޔާސަތެއް ކަމަށެވެ. އަދި ކޮލަމްބިއާއިން ގިނަ އަދަދަކަށް ކޮކެއިން އުފައްދައި އެމެރިކާއަށް އެތެރެކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
"އޭނާ ބުއްދިވެރިވެ ކަންކަން އިސްލާހު ނުކޮށްފިނަމަ ކުރިމަތިލާން ޖެހޭނީ ވަރަށް ބޮޑެތި މައްސަލަތަކާ. ކޮލަމްބިއާއަކީ ޑްރަގް އުފައްދާ ގައުމެއް. އެމީހުންގެ ކޮކެއިން ފެކްޓަރީތައް އެބަހުރި. އެތަކެތި ވިއްކަނީ ސީދާ އެމެރިކާއަށް،" ޓްރަމްޕް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ "އޭނާ ހޭއަރަން އެބަޖެހޭ، އެހެންނޫނީ ދެން ޖެހޭނީ އޭނާ. އަހަރެމެން އުންމީދު ކުރަން އޭނާ މި އަޑުއަހާނެ ކަމަށް."
ޓްރަމްޕްގެ މި އިންޒާރު އައިސްފައިވަނީ ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ވަނީ ވެނެޒުއެލާގެ ތެޔޮ ޓޭންކަރެއް ވެސް ހިފަހައްޓައިފަ އެވެ.
ޕެޓްރޯ ވަނީ އެމެރިކާގެ "ޑްރަގާ ދެކޮޅަށް ކުރާ ހަނގުރާމަ" ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އެ ސިޔާސަތަށް ފާޑުވިދާޅުވެފައެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ޕެޓްރޯއަކީ ގަވާއިދާ ހިލާފަށް ޑްރަގް ވިޔަފާރިކުރާ ލީޑަރެއް ކަމަށް ވެސް ސިފަކުރައްވާފައެވެ.
ޓްރަމްޕްގެ އިންޒާރާ ގުޅިގެން ކޮލަމްބިއާއިން އަދި ބަހެއް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ