ބީއެމްއެލްއިން ޕޭއެމްވީ ކިއުއާރު ޓްރާންސްފާ ހިދުމަތް ފަށައިފި

ގައުމީ ބޭންކް، ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުންކުރެވޭ ގޮތް މިއަދު ހަދައިފި އެވެ.މި ފީޗާއިން ބޭންކުގެ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެ އެވެ.މި ހިދުމަތް ތައާރަފުކުރުމާ އެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކަށް ބީއެމްއެލް ވަނީ ވެފަ އެވެ.ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އައު ޕޭމަންޓް ސްޓޭންޑަޑާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން އިރުޝާދުދީފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އުފާކުރައްވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ."މިއަދުން ފެށިގެން ކިއުއާރް ކޯޑު ސްކޭންކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރް ކޯޑު ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ. މި އާ ފީޗާއާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިން އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ