ފޭކު މުދާ އެތެރެކުރުން ހުއްޓުވާ ޓްރޭޑުމާކް ބިލު ތަސްދީގުކުރައްވައިފި

މަޖިލީހުން އިއްޔެ ފާސްކުރި ފޭކު މުދާ އެތެރެވުން ހުއްޓުވާ "ޓްރޭޑްމާކު ބިލު" ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.'ޓްރޭޑްމާކް'އަކީ އެއް ފަރާތުގެ މުދާ ނުވަތަ ހިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރާ ނިޝާނެވެ. އެގޮތުން، އަމިއްލަ ނަން، ނުވަތަ އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތަކާއި ކުލަތަކުގެ ތަފާތު އެތުރުންތަކާއި އެފަދަ ނިޝާންތަކުގެ ތަފާތު އެތުރުން ހިމެނެ އެވެ.މި ބިލުން ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާއި ގުޅޭ ނިޒާމެއް ގާއިމުކޮށްދޭނެއެވެ. އަދި ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާކާ ގުޅިގެން ހައްގަކަށް އަރައިގަންނަނަމަ ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ.ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއްގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އެޅޭނެ ގާނޫނީ ފިޔަވަޅުތައް ވެސް މި ބިލުގައި ހިމަނާފައިވާއިރު ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އެޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑްމާކުގެ ހައްގަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދަލެއް އިމްޕޯޓްކުރެވޭ ހާލަތުގައި އެޅޭނެ ފިޔަވަޅުތައް އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ހަމައެއާއެކު މާކް ކައުންޓަރފީޓްކުރުމުގެ ކުށާއި އަދަބުތައް މި ބިލުގައި ބަޔާންކޮށް، ކޯޓުތަކާއި ތަންފީޒީ އިދާރާތަކުގެ ދައުރު ބަޔާންކޮށްފައި ވެއެވެ.އެ ބިލުގެ ދަށުން، ޓްރޭޑްމާކުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ވެސް ކޯޓަށް ލިބިގެންވެއެވެ.މި ބިލަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކްތައް، މި ބިލަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށް ލާޒިމްކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ