މިސްރާބު ހުރީ އެކަކު ވެސް ބާކީ ނުވާ މުޖުތަމައަކަށް

ރާއްޖެ މިއަދު މިސްރާބުވެފައިވަނީ، އެންމެން ބައިވެރިވާ، އެކަކުވެސް ބާކީ ނުވާ މުޖުތަމަޢެއް ބިނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވަނީ ޝާމިލު މުޖުތަމަޢެއް ބިނާކުރުން ފަދަ ކަންކަމުގައި ޤައުމަށް ގެނެވޭ އިޞްލާޙީ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހީންގެ ކިބައިގައި ވާ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ސިފަތަކާއި ޝުޢޫރުތައް ހިތްމައްޗަށް ގެނެސް، އެ ގޮތުގައި ޤައުމާއިގެން ކުރިއަށްދިއުމަކީ، މުސްތަޤުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
އަމިއްލަ މަސައްކަތުން އަމިއްލަ އަސާސީ ކަންކަން ފުއްދުމުގެ ޝަރަފުވެރި ފުރުޞަތަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުޅި ދިރިއުޅުމަށް ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެކަމެއް ކަމެއް ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުން އެފަދަ ފަރާތްތަކަށް ބައްލަވާ އިޙުސާންތެރި ނަޒަރާއި، އެ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިސްކަން އެކަމަނާ ފާހަގަކުރެއް ވިއެވެ. މިއަދު ރާއްޖެ މިސްރާބުވެފައިވަނީ، އެންމެން ބައިވެރިވާ، އެކަކުވެސް ބާކީ ނުވާ މުޖުތަމަޢެއް ބިނާކޮށް، ހުރިހާ މާނައެއްގައި ދިވެހީންގެ ޤައުމެއް ބިނާކުރުމާ ދިމާއަށްކަމަށް ވެސް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، އެޗްޑީސީގެ ވަޒީފާއާ ގުޅުނު، ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދީފަ އެވެ. އަދި މި ރަސްމިއްޔާތުގައި ވަނީ، އެޗްޑީސީގެ ވެބްސައިޓްގެ އެކްސެސިބިލިޓީ ފީޗާއެއް ކަމަށްވާ، އޭ.އައި ބޮޓް "މިތުރު" ތަޢާރަފުކޮށްފަ އެވެ. އެ ބޮޓް މެދުވެރިކޮށް، ވެބްސައިޓްގެ ތަޖުރިބާ މުއްސަނދިވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ