އިސްރާއީލުން ލުބްނާނަށް ދިން ހަމަލާއެއްގައި ބޭނުންކުރި ބޮމެއް ހޯދަން އެމެރިކާއިން ލުބްނާނަށް ޕްރެޝަރު ކުރަނީ

ވޮޝިންޓަން (1 ޑިސެންބަރު 2025) : އިސްރާއީލުން މިދިޔަ ހަފްތާގައި ހިޒްބުﷲ ގެ އަސްކަރީ އިސްކޮމާންޑަރު އަވަހާރަކޮށްލުމަށް ލުބްނާނުގެ އެޕާޓްމަންޓް އިމާރާތަށް ދިން އުދުވާނީ ހަމަލާތަކުގައި ބޭނުންކުރި ބޮމެއް ނުގޮވައި އޮތުމުން ރައްކާތެރިކަމާއެކު އެބޮން އެމެރިކާއާ ހަވާލުކުރުމަށް އެމެރިކާއިން ލުބްނާނުގެ ސަރުކާރަށް ގޮވާލައިފިއެވެ. އެމެރިކާގެ ދިފާއީ ހަނގުރާމައާބެހޭ ވުޒާރާގެ އިސް ދެ މަސްއޫލުވެރިއަކާ ހަވާލާދީ ލުބްނާނުގެ ނޫސްތައް ބުނާގޮތުން ހިޒްބުﷲ ގެ އަސްކަރީ ކޮމާންޑަރު ހައިޘަމް އަލީ އައްތަބްތަބާއީ އަވަހާރަކޮށްލުމަށް އިސްރާއީލުން ދިން ބާރުގަދަ ހަމަލާތަކުގައި ބޭނުންކުރި ބޮންތަކުގެ ތެރެއިން ޖީ.ބީ.ޔޫ 39 މަރުކާގެ ބޮން ވަނީ ނުގޮވައެވެ. އެއީ ބަންކަރު ބަސްޓާ ޓެކްނޮލޮޖީގެ ބޮމެކެވެ. އެމެރިކާގެ މަސްއޫލުވެރިން ލުބްނާނުގެ ސަރުކާރަށް އެންގި ގޮތުގައި އެބޮން މިހާރުވާކަމަށް ބެލެވެނީ ހިޒްބުﷲ ގެ ކޮންޓްރޯލްގެ ދަށުގައެވެ. ހިޒްބުﷲ އިން އެބޮން ރަޝިއާއަށް ނޫނީ ޗައިނާއަށް ނޫނީ އީރާނަށް ފޯރުކޮށްދީފާނެކަމުގެ ބިރު އެމެރިކާއަށް ވަރަށް ބޮޑެވެ. އެހެންވެ އެމެރިކާގެ މަސްއޫލުވެރިންވަނީ އެބޮން ހިޒްބުﷲ އަތުން އަތުލައިގަނެ އެމެރިކާއާ ހަވާލުކުރުމަށް ލުބްނާން ސަރުކާރަށް އިންޒާރު ދީފައެވެ. ލުބްނާންގެ ސަރުކާރުން މިކަމާމެދު އަދި އެއްޗެއް ނުބުނެއެވެ. ޖީ.ބީ.ޔޫ 39 މަރުކާގެ ބޮންތައް ބޭނުންކޮށްގެން މިދިޔަ ހަފްތާގައި އިސްރާއީލުން ދެކުނު ލުބްނާނުގެ އެޕާޓްމަންޓް އިމާރާތަކަށް ދިން އުދުވާނީ ހަމަލާތަކެއްދިނީ ހިޒްބުﷲ ގެ އަސްކަރީ ކޮމާންޑަރު ހައިޘަމް އަލީ އައްތަބްތަބާއީ އަވަހާރަކޮށްލުމަށެވެ. އިސްރާއީލު ވަނީ މިދެންނެވި އެޕާޓްމަންޓް އިމާރާތަށް ހަމަލާދީ ލުބްނާނުގެ އާންމުންގެ ހަ މީހުންނާއެކު ހިޒްބުﷲ ގެ އަސްކަރީ ކޮމާންޑަރު ވެސް ޝަހީދުކޮށްލާފައެވެ. ނަމަވެސް މި ހަމަލާތަކުގައި ބޭނުންކުރި އެއްބޮން ނުގޮވައި ސަލާމަތުން އޮތްކަންވަނީ ހާމަވެފައެވެ. އެ ބޮން އަތުލައިގަތުމަށް އެއްގަމު މަގުން ލުބްނާނަށް އަރައިގަތުމަކީ އިސްރާއީލު ސިފައިންނަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެއީ ވައިގެ މަގުން ބޮންއަޅައިގެން މީހުން މެރުމުގެ ޖަރީމާތައް ހިންގުމުގައި އިސްރާއީލު ކާމިޔާބު ނަމަވެސް އެއްގަމު މަގުން ހަނގުރާމަކޮށްގެން ކާމިޔާބެއް ހޯދުމަކީ އަދި މަގްސަދު ހާސިލް ކުރުމަކީ އިސްރާއީލު ސިފައިންނަށް މިހާތަނަށް ކުރެވިފައިވާ ކަމަކަށް ނުވާތީއެވެ. ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި އިސްރާއީލުން ލުބްނާނަށް އަރައި ލުބްނާނުގެ ބިންތަކެއް ހިފިނަމަވެސް ހިޒްބުﷲ އިންވަނީ އިސްރާއީލުގެ އެތައް ސަތޭކަ ބަޔަކު މަރާލުމަށްފަހު އެ ބިންތަކުން ވަރަށް ހިތްދަތިގޮތަކަށް އިސްރާއީލު ސިފައިން ބޭރުކޮށްލާފައެވެ. ޣައްޒާގެ ހަނގުރާމައިގެ ކުރީކޮޅު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ލުބްނާނަށް އެއްގަމުން އަރައިގަތުމަށް އިސްރާއީލު ކުރިމަސައްކަތް ހިޒްބުﷲ އިންވަނީ ނާކާމިޔާބު ކޮށްލާފައެވެ. އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ޖީ.ބީ.ޔޫ 39 މަރުކާގެ ބޮމަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ސޮފިސްޓިކޭޓެޑް ބޮމެކެވެ. އެބޮމުގެ ޓެކްނޮލޮޖީ ރަޝިއާގައިވެސް އަދި ޗައިނާގައިވެސް ނުހުންނާނެކަމަށް އެމެރިކާ ބުނެއެވެ. ނަމަވެސް ޗައިނާއަކީ އެ ގައުމުން އީޖާދުކުރާ އައުޓެކްނޮލޮޖީ ހާމަކުރާ ގައުމަކަށް ނުވާތީ އެމެރިކާގެ މިވާހަކަތަކަކީ ތެދެއްކަން އެނގޭނެގޮތެއް ނެތެވެ. މި ބޮމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ހިޒްބުﷲ ވަނީ ފަސްޖެހިފައެވެ. ދިފާއީ ރިޕޯޓްތައް ބުނާގޮތުން އީރާންވެސް ދާދިފަހުން ވަނީ 30 މީޓަރުގެ އަޑީގައިވާ ތަންތަން ހަލާކުކޮށްލެވޭފަދަ ބަންކާ ބަސްޓާ ބޮމެއް އީޖާދުކޮށް ތަޖުރިބާވެސް ކޮށްފައެވެ. ރަޝިއާއާއި ޗައިނާއަކީ ވަރަށް ސޮފިސްޓިކޭޓެޑް ބަންކާ ބަސްޓާ ބޮން އުފައްދާ ދެގައުމެވެ. އިސްރާއީލާއި ލުބްނާނާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި 2024 ވަނަ އަހަރުގެ ފަހުކޮޅު ސޮއިކޮށްފައި ވީނަމަވެސް އިސްރާއީލު ގެންދަނީ މިއެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވެ ލުބްނާނުގެ އެކި އިމާރާތްތަކަކަށާއި ހޮސްޕިޓަލްތަކަށް އުދުވާނީ ހަމަލާތައް ދެމުންނެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް އިސްރާއީލު ލުބްނާނަށް 4000 އަށް ވުރެގިނަ ހަމަލާ ދީ 200 އަށް ވުރެ ގިނަ މީހުން މަރާލާފައިވާއިރު 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އިސްރާއީލުން ލުބްނާނަށް ދޭ އުދުވާނީ މި ހަމަލާތަކުގައި ބޭނުންކޮށްފައިވަނީ އެމެރިކާގައި އުފައްދާ ފައިޓާޖެޓްތަކާއި ބޮންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ