ރަސްމާލެ ޓަނަލް ހަދަން ބަޖެޓްގައި 799 މިލިއަން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގެ ތެރޭގައި ހިމެނޭ ރަސްމާލެ ޓަނަލް ހަދަން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓްގައ ބޮޑު އަދަދެއް ހިމަނައިފި އެވެ.
މި ސަރުކާރުން ބޯހިޔާވަހި ކަމަށް ހާއްސަކޮށްގެން ހިންގަން އިއުލާންކޮށްފައި އޮތް ރަސްމާލެ އާއި މާލެ ގުޅައިލަން ކަނޑު އަޑީގައޮ ހަދަން ނިންމާފައިވާ ޓަނަލް މަޝްރޫއަށް ބަޖެޓްގައި 799 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
މި މަޝްރޫއު ހިމެނޭ ގޮތަށް އަންނަ އަހަރަށް ލަފާކުރި ބަޖެޓްގައި ދަތުރުފަތުރުގެ ބިނާރީ ތަރައްގީއަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވެ އެވެ.
މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅައިލާނެކަން ރައީސް އިއުލާން ކުރެއްވީ މިހާރު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި އާޒަމް އާޒިމް ހުވާ ކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ޖެނުއަރީ 22، 2024 ގަ އެވެ. އޭރު ރައީސް ވިދާޅުވެފައި ވަނީ އެ ޓަނަލްގެ ފަންނީ ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ވަރަށް ގާބިލު ކުންފުނިތަކާއެކު ފަށާފައިވާ ކަމަށެވެ.
އަދި މިއީ ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ ކަނޑު އަޑީގެ ޓަނަލަށް ވާނެ ކަމަށާއި އެ ޓަނަލްގައި ދުއްވާ ރޭލުގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާ ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ