ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއެކު ގާތް ގުޅުމެއް ބޭއްވިކަން ފަޅާއަރާފައިވާ ކުރީގެ ރައީސް މުހައްމަދު ވަހީދު، އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރެއްގެ ތެރެއިން ވެސް އެޕްސްޓީންއާ ބައްދަލުކުރިކަން އެނގިއްޖެ އެވެ.
ވަހީދާއި އެޕްސްޓީން އީމެއިލް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތައް ހާމަވީ، އެމެރިކާ ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން އަލަށް އާންމުކުރި 20،000 ފައިލްގެ ތެރޭގައި އެ މުއާމަލާތްތައް ހިމެނިފައިވާތީ އެވެ.
އެޕްސްޓީން އަށް ފޮނުވި އެއް މެއިލްގައި ވަހީދު ވަނީ އދ. ގެ 67 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެމަނިކުފާނުގެ ދެ ކަނބަލުން އެމެރިކާއަށް ކުރެއްވި ދަތުރުގެ ޝެޑިއުލް ހިއްސާކުރައްވާފަ އެވެ. މުޅި ދަތުރުގައި ރާވާފައި ހުރި ހުރިހާ ކަމެއް ހަ ސަފުހާގެ އެ ޝެޑިއުލްގައި ހިމަނާފައިވެ އެވެ.
ވަހީދު އާއި އަނބިކަނބަލުން އިލްހާމް ހުސެއިން އެމެރިކާއަށް ދަތުރުކުރެއްވީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު 22، އިން 29، އަށެވެ. މި ދަތުރުގެ ޝެޑިއުލް އިން އެންމެ ފާހަގަވާ ކަމަކީ އެޕްސްޓީންއާއެކު ރާވާފައި އޮތް ކެއުމެވެ. ވަހީދު އެޕްސްޓީން އަށް ދަތުރުގެ ޝެޑިއުލް ހިއްސާކުރެއްވީ މިހެންވެ ކަމަށް ގަބޫލުކުރެވެ އެވެ.
ޝެޑިއުލްގައިވާ ގޮތުން އެޕްސްޓީން އާއެކު ވަހީދު ރޭގަނޑުގެ ކެއުން ނުވަތަ ޕްރައިވެޓް ޑިނާއެއް ޝެޑިއުލް ކުރެއްވި އެވެ. އެ އިވެންޓު އޮތީ ސެޕްޓެމްބަރު 22، ގެ ރޭ އެމެރިކާ ގަޑިން 8:00 އިން 10:30 އާއި ހަމައަށެވެ. ދެ ގަޑިއިރާއި ބައިގެ މި އިވެންޓު އޮތީ ކޮން ތަނެއްގައި ކަމެއް ޝެޑިއުލް އިން ސާފެއް ނުވެ އެވެ.
ވަހީދު 2012 ގައި އެމެރިކާއަށް ކުރެއްވި ދަތުރުގެ ޝެޑިއުލް އިން ބައެއް --
މީގެ އިތުރުން، ވަހީދު، އެޕްސްޓީންއާ ބައްދަލުކުރިކަން ކަށަވަރު ވަނީ ޖެނުއަރީ 18، 2013، ގައި ފޮނުވާފައިވާ އީމެއިލް އަކުންނެވެ. އެޕްސްޓީންގެ ގެއަށް ވަހީދު ވަޑައިގެންނެވި ކަމަށް އެ އީމެއިލްގައި ބުނެފައިވެ އެވެ.
އެޕްސްޓީންއާ ބައްދަލުކުރުމަށް އޭނާގެ ގެއަށް ވަހީދު ވަޑައިގެންނެވީ ޔޫއޭއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑީޕީ ވޯލްޑް ކުންފުނީގެ ސީއީއޯ ސުލްތާން އަހުމަދު ބިން ސުލޭޔަމް އާއެކު ކަމަށް ވެސް އީމެއިލް ގައި ލިޔުއްވާފައިވެ އެވެ.
ރަސްމީ ދަތުރުގެ ތެރެއިން ވަހީދު އެޕްސްޓީންއާއެކު ރޭގަނޑު ކެއުން ބެއްލެވީ އަދި އޭނާގެ ގެއަށް ވަޑައިގެންނެވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް އެޕްސްޓީންގެ މައްޗަށް ސާބިތުވެފައިވަނިކޮށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި އެޕްސްޓީންއާ ދެކޮޅަށް ތަހުގީގު ފެށީ 2005 ވަނަ އަހަރު އެވެ. ޖޫން، 2008، ގައި އޭނާގެ މައްޗަށް 18 މަސްދުވަހު ޖަލު ހުކުމެއް އިއްވިއިރު 13 މަސްދުވަހަށް ފަހު އޭނާ މިނިވަންވި އެވެ. އެހެންކަމުން ވަހީދު އެޕްސްޓީން އާއެކު ބައްދަލުވުމެއް ބޭއްވިނަމަ އެ ބައްދަލުވުމެއް ބާއްވާފައިވަނީ އޭނާގެ މައްޗަށް ކުޑަކުއްޖަކަށް ހަށި ވިއްކުމަށް މަޖުބޫރު ކުރުވުމުގެ ކުށް ސާބިތުވެފައި ވަނިކޮށެވެ.
ޖުލައި، 2019، ގައި ސެކްސް ޓްރެފިކިން ތުހުމަތުގައި އޭނާ އަލުން ހައްޔަރުކުރި އެވެ. އަދި، ޖެހިގެން އައި އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ޖަލު ގޮޅީގައި ހުއްޓައި އޭނާ ކުއްލި ގޮތަކަށް މަރުވި އެވެ. އެއަށް ފަހު އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދިޔައީ އެވެ.
ވަހީދު މިހާރު ހުންނެވީ ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުގަ އެވެ. އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރެއްވީ މެއި 26، ގަ އެވެ.
އދ. ގެ ގައުމީ މަޖިލީހުގައި ބައިވެރިވާން ކުރި ރަސްމީ ދަތުރުގެ ތެރެއިން ވެސް ވަހީދު އެޕްސްޓީންއާ ބައްދަލުކުރި އދ. ގެ ގައުމީ މަޖިލީހުގައި ބައިވެރިވާން ކުރި ރަސްމީ ދަތުރުގެ ތެރެއިން ވެސް ވަހީދު އެޕްސްޓީންއާ ބައްދަލުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ