އުތުރުގެ އިންގިލާބީ ބަދަލުގެ އުންމީދު، ހަނިމާދޫ އެއާޕޯޓު ހުޅުވައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މިރޭ ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)އަށް ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޖެނުއަރީ 2023ގަަ އެވެ.
އެއާޕޯޓު ހުޅުވައިދެއްވީ މިރޭ އެކަމަށްޓަކައި އެ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒާއި އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ އެވެ.
ތަފްސީލު - މިރޭގެ ރަސްމިއްޔާތު ފެށުމަށް ފުރަތަމަ ފަހަރަށް އެއާޕޯޓަށް އޭ-329 މަރުކާގެ ބޯޓެއް ވަނީ ޖައްސާފަ އެވެ. ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެ ބޯޓު ޖައްސާފައި ވަނީ، މި މަޝްރޫއުގެ ދަށުން އަލަށް ތަރައްގީ ކުރި 2.46 ކިލޯމީޓަރުގެ ދިގު ރަންވޭގަ އެވެ.
އެއާޕޯޓު ހުޅުވުމަށް ރައީސް މުއިއްޒާއި މިނިސްޓަރު ނައިޑޫ ބަޓަނަށް ފިއްތާލެއްވުމާ އެކު، މި މުނާސަބާ ފާހަގަ ކުރުމަށް 5 މިނެޓުގެ ހަވާ އަރުވާފައިވެ އެވެ.
އެއާޕޯޓު ހުޅުވުމަށް ފަހު، ރައީސް މުއިއްޒު ވަނީ އެއާޕޯޓުގައި އަލަށް ގާއިމް ކުރި ބީއެމްއެލްގެ ޑޮލަރު ކައުންޓަރު ވެސް ބަޓަނަކަށް ފިއްތަވައި ހުޅުވައިދެއްވާފަ އެވެ.
އޭގެ ފަހުން ރައީސް އާއި މިނިސްޓަރު ނައިޑޫ އަދި ރަސްމިއްޔާތުގެ ބައިވެރިން ވަނީ އެއާޕޯޓުގެ ތަންތަން ބައްލަވާލައްވާފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ފެށި މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެ ގައުމުގެ ޖޭއެމްސީ ޕޮރޮޖެކްޓްސް އެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއޫ:
އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ
ދެ ފަންގިފިލާއަށް ހުންނަ އާ ޓާމިނަލްގެ އެންމެ ތިރީ ބުރީގައި ހުންނަނީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ޗެކިން ކައުންޓަރު؛ ދެވަނަ ފަންގިފިލާގައި ޑިއުޓީ ފްރީ ފިހާރަތައް
އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ
ކާގޯ ޓާމިނަލެއް ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ