ހަނިމާދޫ އެއާޕޯޓަކީ ބޮޑު ތިލަދުންމަތީގެ ތަރައްގީގެ ދޮރާށި: ރައީސް

ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިރޭ ހުޅުވި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ ކުރިއެރުމާ ގުޅިފައިވާ ދޮރާށި ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އެއާޕޯޓަކީ ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންގެ ތަރައްގީގެ ދޮރާށި ކަމަށާއި މިއީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި އުތުރުގެ އަތޮޅުތައް ތަރައްގީކުރުމަށް އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ.މި އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ހުރިހާ ދާއިރާއަކުންނާއި އިޖުތިމާޢީ ގޮތުންވެސް ތަރައްގީއާއި ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ."މި ދޮރާއްޓަކީ ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި އަދި ހަލުވި މިނުގައި ހާސިލްކުރުމުގެ ވަރަށް މުހިންމު ވަސީލަތެއް. މި ރަށާއި މި އަތޮޅާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް މި ލިބިގެންދާ ފުރުސަތު އަޅުގަނޑު އެދެނީ ވަރަށް ފުޅާމިނުގައި އަޅުގަނޑުމެން ބަލައިގަނެ، އޭގެ ބޭނުން ހިފަން ފަށަން،" ރައީސް ވިދާޅުވި އެވެ.ހަމައެހެންމެ، ހަނިމާދޫ އެއާޕޯޓު ޒަމާނީކުރުން ގުޅިފައިވަނީ ބޮޑުތިލަދުންމައްޗާއި މުޅި ރާއްޖޭގެ ތަރައްގީގެ މުހިންމު މަސައްކަތްތަކާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.މިރޭ ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާ އެކީގައެވެ. އެގޮތުން، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރުގެ ޕެސެންޖާ ޓާމިނަލެއް ވަނީ ގާއިމުކޮށްފައެވެ.ހަނިމާދޫ އެއާޕޯޓު ޒަމާނީ ކުރުމުގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގި މި މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. މި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ