ދިރިއުޅުމުގަ ދިމާވާ ހުރިހާ މައްސަލަތަކެއް ޙައްލުކުރެވި އުފާވެރިކަން ލިބޭނެ ގޮތް!

މައްސަލަތައް ގިނަވަނީއެވެ. ކުރިމަތިވާ މައްސަލަތައް ގިނަކަމުން އެންމެންނަށްވެސް ތިބެންޖެހިފައިމިވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އެއީ ކީއްވެގެންކަމާއި ޙައްލު އޮތީ ހަމަ ތިމާމެންގެ އަތުގައި ކަމާއިމެދު ވިސްނައިލެވެނީ ހާދަމަދު މީހަކަށެވެ.   
ކޮންމެ ކަމެއްގައިނަމަވެސް ހިތުގެ އިޚްލާޞްތެރިކަމާއި ރަޙުމާއި ކުލުނާއި އޯގާތެރިކަން ހިމަނައިގެން ކުރާނަމަ އެކަމެއްގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ. ހަމައެފަދައިން މިކަންކަން ގެއްލުވާލައިފިނަމަ މުޞީބާތެއްގެ ތެރެއަށް ވެއްޓުން އޮންނާނީ ދާދިގާތުގައެވެ.  
މީސްތަކުންނޭވެ! ޢާއިލީ މައްސަލަތައްވެސް ގިނަވަމުން މިދަނީ މިސިފަތައް ދޫކޮށްލެވުމުންނެވެ. އަދި ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައްވެސް ގިނަވަމުން މިދަނީ ހަމަ މިސިފަތައް ނެތުމުންނެވެ. މިސިފަތަކުގެ އިދިކޮޅަށް ޢަމަލަުކުރެވޭތީއެވެ.  
މިހެން ބުނީމާ ލޯބީގެ ވާހަކަ ނުދެއްކީ ކީއްވެގެންތޯ ސުވާލުކުރާނެ ބައަކުވެސް އުޅޭނެތީ ބުނެލަމެވެ. ލޯބި މިކިޔަނީ މިބަޔާންކުރި ސިފަތަކަށެވެ. ހިތުގެ އިޚްލާޞްތެރިކަމަށާއި ރަޙުމާއި ކުލުނާއި އޯގާތެރިކަމަށެވެ. ލޯބި ފުރިހަމަވެ ފައްކާކުރެވޭނީ ތެދުވެރިކަމާއި ވަފާތެރިކަން ހިމަނައިގެންނެވެ. މިދެކަންތައް ގުޅިފައިވަނީ ހިތުގެ އިޚްލާޞްތެރިކަމާއެވެ. ހިތުގައި އިޚްލާޞްތެރިކަން ނެތި ތެދުވެރިއެއްނުވެވޭނެއެވެ. ވަފާތެރިއެއްވެސް ނުވެވޭނެއެވެ.  
ވީމާ ޢާއިލީ މައްސަލަތަކާއި ދެމަފިރިންގެ މައްސަލަތަކާއި ގާތް އެކުވެރިންގެ މައްސަލަތަކާއި އެންމެހައި މީސްތަކުންގެ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީވެސް ހަމަ ހިތުގެ އިޚްލާޞްތެރިކަމާއި ރަޙުމާއި ކުލުނާއި އޯގާތެރިކަން ކަމުގައި ޤަބޫލުކުރަން އެބަޖެހެއެވެ.  
މިސިފަތަކަކީ ކޮންމެ މުސްލިމެއްގެ ކިބައިގައިވެސް ހުރުން މަޖުބޫރު ސިފަތަކެވެ. ކަންކަން ގޯސްވެ މައްސަލަތައް އިތުރުވެ ބޮޑެތި ފިތުނަތައް އުފެދި ކައިވެނިތައް ރޫޅި ޢާއިލާގެ ތެރޭގައި ހަމަނުޖެހުން ފެތުރުން ގިނަވަމުން މިސިފަތައް ގެއްލުވައިލާތީއެވެ. މިސިފަތައް ލިބިގަނެ ޢަމަލުކުރާނަމަ ހުރިހާ މައްސަލަތަކެއްވެސް ދާނީ ޙައްލުކުރެވެމުންނެވެ. ހަމަޖެހުމާއި އުފާވެރިކަން ލިބެމުންނެވެ. އިން ޝާ ﷲ   
 
- އަލަފް / މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ