ޕީޖީގެ ލަފާގެ މަތިން ނޫނީ، ޖިނާއީ މައްސަލަތަކުގެ ލިޔެކިއުންތައް ނައްތާނުލާން ފުލުހުންނަށް އަންގައިފި
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ލަފާ ހޯދައިގެން ނޫނީ އެއްވެސް ޖިނާއީ މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލާން ފުލުހުންނަށް މިއަދު އަންގައިފިއެވެ. ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ފުލުހުންގެ ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ދަޢުވާ ނުކުރެވޭނެކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭ ނައްތާލެވޭނެ ހާލަތްތައް ބަޔާންކޮށްފައި އެބައޮތް ކަމަށެވެ. އެކަމަކު އެ އޮފީހުން ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދަޢުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެކަންކަމަށް ރިއާޔަތްކޮށް، ދަޢުވާ ނުކުރެވޭނެކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި ނައްތާލުމާ ގުޅޭ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ. އެހެންކަމުން މި އިރުޝާދު އެކުލަވާލައި ފުލުހުންނާ ހިއްސާކުރެވެންދެން، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ލަފާ ލިއުމުން ނުހޯދާ އެއްވެސް ޖިނާއީ މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް، އެ އޮފީހުން މައުލޫމާތު ދެއެވެ. ފުލުހުންގެ ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ގޮތުން، ޖިނާއީ ބޮޑެތި ކުށް ހިމެނޭ މައްސަލަތަކުގައި އަށް އަހަރު ދުވަހަށް، އަދި އެނޫން މައްސަލަތަކުގެ ލިޔެކިއުންތައް މަދުވެގެން ތިން އަހަރު ބަހައްޓަންޖެހޭނެއެވެ. ނަމަވެސް ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިމި ދައުވާ އުފުލޭ މިންވަރަށް ހެކި ނެތް ނަމަ ނުވަތަ ނެތްކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ނިންމައިފިނަމަ، އަހަރު ދުވަހުގެތެރޭ ލިޔެކިއުންތައް ނައްތާލެވޭނެ ކަމަށް ބަޔާންކޮށް، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ގަވައިދު ވަނީ އިސްލާހުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ