ލިސާން 35
"އެ ހުންނަނީ އެހާ އުނދަގޫ ކަންތައްތަކެއް ނޫނޭ. " ހާމިދު ކުޑަކޮށް ހީނލިއެވެ. "މީގެ ކުރިން ވެސް އަހަންނަކީ ތި ކަހަލަ ކިތަންމެ ކަމެއް، އެކި އެކި މީސް މީހުންނަށް ކޮށްދިން މީހެއް. ޝާރިފްގެ އެކުވެރިޔާ ނުބުނޭތަ؟ އަހަރެން މީގެ ކުރިން ކޮށްދިން އެކަހަލަ އެއްވެސް ކަމެއް ނެތް ގޯސްވެފަ ނެތް ވާހަކައެއް." ހާމިދުގެ އަޑުގައިވަނީ ޔަޤީންކަމެކެވެ. "އަހަންނަށް އިތުބާރުކުރޭ. ތިޔަ ބޭނުންވެގެން އުޅޭ އަންހެން މަންޖެ އިސާހިތަކު ލިބިދާނެ." ހާމިދު ބުނެލީ ނިކަން ޔަޤީންކަމާ އެކުގައެވެ. އޭނައަށް އަމިއްލަ ނަފްސުގެ މައްޗަށް އެހާވެސް އިތުބާރު އެބަ އޮތެވެ. ޝާރިފްއަށް ބަލައިލުމަށްފަހު، ހާމިދު އޭނަގެ ކޮނޑުގައި ޖަހައިލިއެވެ. އަދި ބޯ ޖަހައިލީ ހުރިހާކަމެއްވެސް އޭނާގެ އަތް މައްޗަށް ދޫކޮށްލާށޭ ބުނާފަދައަކުންނެވެ. ޝާރިފްވެސް ހިނިތުންވެލިއެވެ. ބަގީ އައުމުން، ބަގީއަށް ފޮށިތައް އަރުވާފައި ޝާރިފް ގެސްޓް ހައުސްއަށް ދިޔައީ ސައިކަލުގައި، ހާމިދު ގޮވައިގެންނެވެ. ދުވަހަކުވެސް ނާންނަ ރަށަކަށް ވުމާއެކު ހާމިދުވެސް ރަށުތެރެއަށް ބަލަމުން ދިޔައީ ޝައުޤުވެރިކަމާއެކުގައެވެ. ޝާރިފް އޭނަ ގޮވައިގެން ގޮސް ގެސްޓް ހައުސްގެ ކައިރިއަށް މަޑުކޮށްލުމާއެކު، ހާމިދު އެ ގެސްޓް ހައުސްއަށް ބަލައިލިއެވެ. ބޭރުންވެސް އެތަނުގެ ފެންވަރު އޭނާއަށް ވަޒަންކޮށްލެވުނެވެ. އެއީ އެ ރަށުގައި ހުރި އެންމެ ފެންވަރު ރަނގަޅު ތަން ކަމާމެދު އޭނަ ޝައްކެތް ނުކުރެއެވެ. "މީ ހާދަ ރަނގަޅު ތަނެކޭ. ނުލާހިކު ހިތްގައިމު ސަރަހައްދެއް." ވަށައިގެން އެ މާހައުލަށް ބަލައިލުމާއެކު، ހާމިދު ބުނެލިއެވެ. ޝާރިފް ހިނިތުންވެލަމުން އާއެކޭ ބުނެލުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އެމީހުންނާ އެކުއެކީ ކަހަލަ ގޮތަކަށް އައިސް މަޑުކޮށްލި ބަގީގައި އިން ބަންގްލަދޭޝް މީހާއަށް ބަލައިލުމަށްފަހު، އޭނަ ހާމިދަށްޓަކައި ހަމަޖެއްސި ކޮޓަރިއަށް އެއްޗެހިތައް ގެންދިޔުމަށް ޝާރިފް އަމުރުކޮށްލިއެވެ. އެއާއެކު އެމީހާ ބޯ ޖަހައިލާފައި ޝާރިފްގެ އަމުރަށް ކިޔަމަންވާން އަވަސްވެގަތެވެ. "މީ އަހަރެންގެ ބައްޕަގެ ގެސްޓް ހައުސްއެއް. މިހާރު މިތަން ހިންގުމާ ހަވާލުވެމިހުރީ އަހަރެން. ހާމިދުބޭއަށް މިތަނުގައި ދަތިވާނެ އެއްވެސް ކަމެއް ނޯންނާނެ." ޝާރިފް ޔަޤީންކަން ދިނެވެ. "އެހެންތަ؟ ވިޔަފާރި ރަނގަޅުދޯ." ހާމިދު ސުވާލުކޮށްލިއެވެ. އެއާއެކު ޝާރިފް ބޯ ޖަހައިލިއެވެ. "ދެން ކޮން އިރަކުން މަސައްކަތް ފަށާނީ..." ޝާރިފް ސުވާލުކޮށްލިއެވެ. "ރަނގަޅު ދުވަހެއް ބަލައިލާފައި އަހަރެން ވަކި އެއްޗެއް ބުނާނަން." ހާމިދު ބުންޏެވެ. "އިތުރު އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ އަހަންނަށް ގުޅާލާ." އެހެން ބުނެލުމަށްފަހު، ޝާރިފް ގެސްޓްހައުސްގައި މަސައްކަތްކުރާ އެހެން މީހަކަށް ގޮވާލާފައި ހާމިދަށް ކޮޓަރި ދެއްކުމަށް އެދުނެވެ. "އެހެންވީމަ އެޑްވާންސް ކަންތައް މިރޭވާނެ ހަމަޖައްސައިދޭން." ބަންގްލަދޭޝް މީހާ ނުކުތުމާއެކު އޭނައާއެކު ދިޔުމުގެ ކުރިން އަދިވެސް އެއްފަހަރު ހާމިދު ފައިސާގެ ކަންތައް ޝާރިފްއަށް ހަނދާންކޮށްލަދިނެވެ. ޝާރިފްވެސް ބޯ ޖަހައިލާފައި ސައިކަލަށް އަރާ ސްޓާޓްކޮށްލުމަށްފަހު ގެއާ ދިމާލަށް ދުއްވައިލިއެވެ. ***** ނާވީ ރުއްފަލަށް އައިއިރު، ރަނީމް ފެނި ހިނިތުންވެވުނެވެ. ޖޯލީގައި އޮށޯވެލައިގެން އޮތް ރަނީމްގެ ނަޒަރު ހުރީ މައްޗަށް ހުއްޓިފައެވެ. އޭނަ އޮތީ ވިސްނުމަކަށް ގެއްލިފައެވެ. އިރުއިރުކޮޅަކާ އަތް އުފުއްލާލާފައި އަތުގައި އަޅާފައި އޮތް އުޅާއަށް އޭނަ ބަލައިލާނެއެވެ. ވާނީވެސް އެހެންތާއެވެ. އޭނައަށް އެ އުޅާ އަތުން ނެގި ވަގުތު ގޮތެއް ވިއެވެ. އެ އުޅާ އަތުން ވަކިނުކުރުމަށް އެންމެން ބުނާ ސަބަބަކީ އެއީކަން ވެސް އޭނައަށް ވަނީ ޔަޤީންވެފައެވެ. އެހާވަރަށް ވިސްނެމުން ދިޔަ ސަބަބަކީ އެއީއެވެ. ހިތް އެދެނީ އަތުން އުޅާ ވަކިކޮށްލާފައި ވާގޮތެއް ބަލައިލުމަށެވެ. އެހެންނަމަވެސް ޖެހިލުންވަނީ އެކަނި ހުއްޓާ ގޮތެއް ވެދާނެތީއެވެ. އެ އުޅާގެ ސިއްރު ނާވީއަށް އެނގޭކަމުގައި ރަނީމްގެ ހިތް ބުނެލިއެވެ. އެހާވަރުން އެހެން މީހުންނެކޭ އެއްގޮތަށް އޭނާގެ އަތުން އެ އުޅާ ވަކިނުކުރުމަށް ނާވީ ވެސް ބުނާ ސަބަބަކީ އެއީއެވެ. އެންމެންނަށް އެނގޭ އެހެންނަމަވެސް އޭނައަށް ނޭނގޭ ސިއްރަކީ ކޮބައިބާއޭ ރަނީމްގެ ހިތަށް އަރަމުން ދިޔައެވެ. "ރަނީމް..." އުނދޯލީގެ ފަހަތުގައި ހުއްޓުމަށްފަހު ނާވީ ރަނީމްއަށް ގޮވައިލިއެވެ. ރަނީމް އުނދޯންޔާއެކު ނާވީއާ ދިމާލަށް އެނބުރިލިއެވެ. އޭރު ނާވީ ހުރީ އެތަނުގައި ހުރި ރުކުގައި އެއްފައި އަޅުވާލައިގެން އޭނައާ ދިމާލަށް ބަލަހައްޓައިގެންނެވެ. ނާވީގެ ތުންފަތް މަތީގައިވަނީ ނުފިލާފަދަ ހިނިތުންވުމެކެވެ. ލާފައިހުރީ ކަޅުލުލައިގެ ގަމީހަކާއި ޖީންސްއެކެވެ. އެބިޔަ ހަށިގަނޑު ކިތަންމެހާވެސް ފިރިހެންވަންތައެވެ. އެ ފެހިނޫ ދެލޮލުގައިވަނީ ކަނޑެއް ފަދަ ފުންކަމެކެވެ. މިހާ ދުވަހު ނާވީއާ އެކީ އުޅުނުއިރުވެސް އެ ދެލޮލަށް ގިނައިރު ބަލަހައްޓައިގެން ހުރުމަކީ ރަނީމްއަށް އާދަނުވެވުނު ކަމެކެވެ. އެ ދެލޮލުގެ ތޫނުކަމުން، އޭނަގެ ހުރިހާ ހިއްސުތަކަކަށް އަސަރުކުރެއެވެ. ވުމާއެކު މިފަހަރުވެސް ނާވީއާ ނަޒަރު ވަކިކޮށްލަން ރަނީމްއަށް މަޖުބޫރުވީ އޭނާގެ ހިތް ހަމައަކަށް އެޅުވުމަކީ ފަސޭހަކަމަކަށް ނުވީތީއެވެ. ރަނީމް ހަނދާންވީ އޭނާއާ ނާވީ އެންމެ ފުރަތަމަ ދިމާވި ދުވަސް މަތިންނެވެ. އަދި އެންމެ ފުރަތަމަ އޭނާއާ ނާވީގެ ހަތަރު ކަޅި ބައްދަލުވި ފަހަރު މަތިންނެވެ. އޭނާގެ ތުންފަތް މައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެވެ. "ނާވީ...." ރަނީމް އޭނާގެ ހިތުގެ އިޙްސާސްތައް ހަމައަކަށް އަޅުވަމުން ނާވީއަށް ގޮވައިލިއިރު، ދެންމެ ސިކުނޑީގެ ތެރޭގައި ހިނގަމުން ދިޔަ ހައިޖާނުގަނޑު މަތިންވެސް އޭނަ ހަނދާން ނެތިއްޖެއެވެ. ހީވީ ނާވީ ފެނުމުން އޭނާގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބިގެން ދިޔަ ހެންނެވެ. "އަހަރެންގެ އިންތިޒާރުގައިތަ؟" ނާވީ ސުވާލުކޮށްލިއެވެ. "ހޫމް... މިއަދު ނާވީއަށް ވުރެ ކުރިން އަހަރެން މިއައީ..." ރަނީމް ހީނލިއެވެ. އޭނަ އުނދޯލިން ތެދުވެގެން ގޮސް ނާވީގެ ކައިރީގައި މަޑުކޮށްލިއެވެ. ނާވީ ރަނީމްގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ. އަދި އޭނަ ރަނީމް ދެކެ ލޯބިވާކަން ހާމަކޮށްލިއެވެ. ރަނީމްވެސް އެއަށް ރައްދު ދިނެވެ. އޭނަވެސް ނާވީ ދެކެ ހަމައެހާ ލޯބިވާކަމުގައި ރަނީމް ބުންޏެވެ. ރަނީމްއާއެކު ވަގުތު ހޭދަކޮށްލާފައި ނާވީ ދައިސަމްއާ ވެސް ވަކީން ބައްދަލުކުރިއެވެ. އޭނަ ރަނީމްއަކީ ރައާބިލްގެ ދަރިފުޅުކަންވެސް ދައިސަމްއަށް ހާމަކޮށްލިއެވެ. އަދި އޭނައަށް އެނގޭ މުހިންމު މައުލޫމާތުތައް ކިޔައިދިނެވެ. އޭގެ އިތުރުން އޭނަ ކަންތައްކުރަން ރާވާފައިވާ ގޮތްވެސް ދައިސަމްއަށް ކިޔައިދިނެވެ. "ނޫން ނާވީ. ތިކަންތައް ނުކުރޭ. ތި ހުށައަޅަނީ އަމިއްލަ ނަފްސު ނުރައްކަލަކަށް. ރައާބިލް އެތަނުން ނެރުމަކީ ރަނގަޅުކަމަކަށް ނުވާނެ." ދައިސަމްއަށް ބުނެވުނެވެ. "އަހަރެން ބޭނުން އެ ތިން މީހުން އެއްތަން ކުރުވަން." ނާވީ ބުންޏެވެ. "އެކަމަށް އަހަރެން ވަރަށް ތައްޔާރުވެސް ވެއްޖައިން." އެހެން ބުނެލާފައި ނާވީ ދައިސަމްއަށް އޭނާގެ އަތުގައި އޮތް އެއްޗެއް ދައްކައިލިއެވެ. ދައިސަމް ސުވާލުގެ ނަޒަރަކުން ބަލަން ފެށުމުން އޭގެ ބޭނުންވެސް ނާވީ ހާމަކޮށްލިއެވެ. "ހެޔޮނުވާނެ. ކަލޭގެ ކާފައަށް ތިކަން އެނގިއްޖެއްޔާ ވާނެ ގޮތް އެނގޭތަ؟ ތީ ވައްކަމެއް." ދައިސަމްއަށް ބުނެވުނެވެ. އޭނަ ނާވީއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ނާވީ ހުރީ އޭނަގެ ގޮތުގައެވެ. އެންމެފަހުން ހަތިޔާރު ބަހައްޓަން މަޖުބޫރުވީ ދައިސަމްއަށެވެ. ނާވީ އެތަނުން ދިޔައީ މިރޭވެސް ރަނީމްގެ ޒިންމާ ދައިސަމްއާ ހަވާލުކޮށްފައެވެ. ނާވީ ގޮސް ގަނޑުވަރަށް ވަނުމާއެކު އެންމެ ފުރަތަމަ ދިމާވީ ޝައިސްތާއާއެވެ. ވަގުތުން ނާވީއަށް އިސްޖަހައިލެވުނެވެ. ހީވީ ޝައިސްތާއާ ކުރިމަތިލުމަކީ ފަސޭހަކަމަކަށް ނުވީހެންނެވެ. ނާވީ ފެނުމާއެކު ޝައިސްތާއަށް ވަށައިގެން ބަލައިލެވުނެވެ. އިންޖާބާ ބަތީލާވެސް އެ ތަނުގައި ނެތްކަން ޔަޤީންކޮށްލާފައި އޭނަ ނާވީގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ. "ތިއައީ އެ އިންސި ކައިރިން ދޯ؟ ރައާބިލްގެ ދަރިފުޅު ކައިރިން ދޯ؟" ޝައިސްތާ ވާހަކަ ދެއްކީ މަޑުންނެވެ. މީހަކަށް އަޑު އިވިދާނެތީ އޭނަ ހުރީ ވަރަށް ވިސްނައިގެންނެވެ. އެ އަޑު އަހަން ހުރުމަށްފަހު ނާވީ ބޯ ޖަހައިލިއެވެ. "ނާވީ. އެއީ އިންސާނެކޭ. އޭނައާ ގުޅުން ބޭއްވުމަކީ ނާވީއަށް ވާނެކަމެއް ނޫން. މަންމަ ވަރަށް ބިރުގަނޭ ދަރިފުޅަށް ކަމެއް ވެދާނެތީ." ޝައިސްތާ ބުނެލިއެވެ. "މަންމާ...އަޅުގަނޑު ރަނީމް ދެކެ ވަރަށް ވަރަށް ލޯބިވޭ." ނާވީ އޭނަގެ ހިތުގެ އަޑު އިއްވައިލިއެވެ. މަންމަގެ ކުރިމަތީގައި އޭނާ ރަނީމްދެކެ ވާ ލޯބި ހާމަކުރިއެވެ. "ރަނީމްއާ ދުރުވާން އަޅުގަނޑު ގާތުން ނޭދޭ މަންމާ. އެއީ އަޅުގަނޑަށް ވާނެކަމެއް ނޫން." ނާވީ ގޮތް ދޫނުކުރާނެކަން ޚުދު ޝައިސްތާއަށްވެސް އެނގެއެވެ. އޭނާ ހަމައެކަނި ބިރުގަންނަނީ ނާވީއަށް ގޮތެއް ވެދާނެތީއެވެ. ރައާބިލްއަށް ލިބުނު ފަދަ އަނިޔާއެއް ނާވީއަށް ލިބިދާނެތީއެވެ. ޝައިސްތާއަށް އިތުރަށް ވާހަކަ ދެއްކޭގޮތްނުވީ ބަތީލާ އަންނަކަން އެނގުމުންނެވެ. އެހިސާބުން އެ ވާހަކަ މެދުކަނޑާލަން އޭނައަށް މަޖުބޫރުވިއެވެ. ނާވީގާތު އެތަނުން ދިޔުމަށް ބުނުމަށްފަހު، ޝައިސްތާވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. އެހެންނަމަވެސް، އެ ގޮތަށް ހުރިހާކަމެއް ސިއްރުކޮށްގެން އެމީހުންނަށް އުޅެވޭނީ ކިހާ ދުވަހަކު ބާއޭ ޝައިސްތާގެ ހިތަށް އެރިއެވެ. ***** މެންދަމުގެ ވަގުތެވެ. ނާވީ ގަނޑުވަރުން ނުކުތީ އެންމެންނަށްވެސް ސިއްރުންނެވެ. އޭނާ މިސްރާބުޖެހީ ޖަންގައްޔާ ދިމާލަށެވެ. ބިންގަރާހުގެ ބިއްދޮށުން އެތެރެއަށް ވަދެވޭ ދޮރޯށި ފެންނަ ގޮތަށް އޭނާ މަޑުކޮށްލިއެވެ. ތަންކޮޅެއް ދުރުގައެވެ. އެހިސާބުގައި ހަރަކާތްތެރިވަމުން ދިޔަ ފާރަވެރިންގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު، ތަންވަޅު ބަލާފައި ނާވީ ގޮސް، ބިންގަރާހަށް ވަނެވެ. އޭނަ ރައާބިލް އޮތް ގޮޅިއާ ކައިރިއަށް ދިޔައިރު، ރައާބިލް އޮތީ އޮށޯވެގެން ފާރާވީ ފަރާތަށް އެނބުރިއެވެ. އޭރުވެސް އޭނާވަނީ ހިލިހިލާތަކުން ހައްޔަރުކޮށްފައެވެ. ގައިގައި ލޭކޮށެވިފައި ހުރި ޒަޚަމްތައް އެކީ ފަސޭހައެއް ނުވެއެވެ. ނާވީ އައިކަން އެނގުމުން ރައާބިލް އޮތްގޮތަށް އޮވެ އެނބުރިލިއެވެ. މިރޭ އޭނާގެ ހަށިގަނޑު އަނެއްކާވެސް ވަނީ ބަލިކަށިވެފައެވެ. "ހިނގާ އަހަންނާއެކު ދާން." ރައާބިލްއަށް ބަލައިލުމަށްފަހު، ނާވީ ބުންޏެވެ. ނާވީއަށް ބަލައިލި ރައާބިލްއަށް ހިތިގޮތަކަށް ހިނިތުންވެވުނެވެ. އޭނަގެ ބެލުމުގައި ވަނީ މާޔޫސްކަމެވެ. އެއީ ނުވާނެކަމެއްކަމަށް ރައާބިލްއަށް ހީވަނީއެވެ. "ކިހިނެއްވީ؟ އަހަރެން ބުނީމެއްނު މިތަނުން ނެރެދޭނަމޭ. ނުބުނަންތަ؟" ރައާބިލްގެ މޫނުމަތީގައި ވި އަސަރުތައް ފެނުމުން ނާވީ ސުވާލުކޮށްލިއެވެ. "ތީވާނެކަމެއްތަ؟" ރައާބިލް ވަނީ ނާއުންމީދުވެފައެވެ. "އާނ. މިރޭ އެކަންތައް އަހަރެން ކޮށްދޭނަން." ނާވީ ޔަޤީންކަމާއެކު ބުނެލިއެވެ. ކުޑަ އުންމީދެއް ރައާބިލްއަށް ލިބުނީ ދެނެވެ. "ފަހުން ވާނެ ހުރިހާ ކަމަކަށް ޒިންމާ ނެގޭނެތަ؟ އިންޖާބު... ކަލޭގެ ކާފައާ ކުރިމަތިލާން ކެރޭނެތަ؟ އަނިޔާއަށް ކެތްކުރެވޭނެތަ؟" ރައާބިލް ސުވާލުކޮށްލެވުނެވެ. އޭނަގެ އަޑުގައި އިންތިހާ ވޭންވެއެވެ. ނާވީއަށް އިތުބާރުކުރެވުނު ނަމަވެސް، ހިތުގައިވި ރިހުންތަކުގެ ސަބަބުން އެފަދަ ސުވާލުތަކެއް އޭނައަށް އަމާޒުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ރައާބިލް ތެދުވެލިއެވެ. އަދި ނާވީއާ ކުރިމަތިލިއެވެ. "ތިކަމާ މެދު ފަހުން ވިސްނިދާނެ." ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނާވީއަށް އެނގެއެވެ. އެކަމުގެ ނަތީޖާ ކޮންމެ ފަދަ ގޮތަކަށް ނުކުމެދާނެކަންވެސްއެނގެއެވެ. އެހެންނަމަވެސް، މިވަގުތު އެއިން އެއްވެސް ކަމަކާ އޭނަ ވިސްނާކަށް ބޭނުމެއް ނޫނެވެ. "އެކަމަކު... ކިހިނެއް މިތަނުން އަހަރެން ނުކުންނަނީ؟ ކިހިނެއް ކަލޭ މިތަން ހުޅުވާނީ." ރައާބިލް ބުންޏެވެ. މާޔޫސްކަމާއެކު އޭނާއަށް އަނެއްކާވެސް އިސްޖަހައިލެވުނެވެ. ނާވީ އޭނަގެ އަތް ރައާބިލްއަށް ދައްކައިލިއެވެ. "މިއީ މިތަނުގެ ތަޅުދަނޑި." ނާވީގެ އަތުގައި އޮތީ ދަގަނޑު ބޮޑު ތަޅުދަނޑިއެކެވެ. އެހެންނަމަވެސް އެއީ އެތަނުގެ ފާރަވެރިން ގެންގުޅޭ ތަޅުދަނޑިއާ މުޅިން ތަފާތު ތަޅުދަނޑިއެކެވެ. "ތީ...." ރައާބިލްއަށް އެ ސުވާލު އުފެއްދުނު ސަބަބަކީ ވެސް އެއީއެވެ. "މިއީ...މިއީ އަހަރެންގެ ކާފަގެ ޚާއްސަ އެއްޗެއް. މި ބޭނުންކޮށްގެން މިތަނުގެ ހުރިހާ ދޮރެއްވެސް ހުޅުވޭނެ." ނާވީ ބުނެލިއެވެ. އެ ތަޅުދަނޑި ހޯދުމަކީ އޭނައަށް ފަސޭހަކަމަކަށް ނުވިއެވެ. "ކަލޭ ތި ހޯދީ ކިހިނެއް؟ ވަގަށް ނެގީތަ؟" ރައާބިލްއަށް ހިތުގައި އުފެދުނު ސުވާލު ނުކޮށެއް ނުހުރެވުނެވެ. ނާވީ އެއްޗެއް ނުބުނި ނަމަވެސް، އެ ސުވާލުގެ ޖަވާބު ރައާބިލްއަށް ލިބުނެވެ. އެތަނުން ކިތަންމެ ނުކުންނަން ބޭނުންވެފައި ހުރިނަމަވެސް، ނާވީއަށް ކަމެއް ވެދާނެތީ އޭނަ ޖެހިލުންވިއެވެ. ނާވީ އެ ތަޅުދަނޑީގެ ބޭނުންކޮށްގެން ރައާބިލް އޮތް ގޮޅީގެ ތަޅު ހުޅުވައިލިއެވެ. އެއަށްފަހު އޭނަ ގޮސް، ރައާބިލްގެ ކައިރީގައި ހުއްޓުނެވެ. އަދި ރައާބިލްގެ އަތާ ދެފައި ބަނދެފައިވާ ހިލިހިލާތައް ވެސް ނައްޓައިލަދިނެވެ. މިނިވަންވުމާއެކު ރައާބިލްއަށް ބަލައިލެވުނީ ނާވީއަށެވެ. އެއަށްފަހު ދެން ބަލައިލެވުނީ އޭނާ އޮތް ގޮޅީގެ ދޮރާ ދިމާލަށެވެ. ކުރިއަށް ފިޔަވަޅެއް އަޅާފައިވެސް މަޑުޖެހިލެވުނެވެ. ވަށައިގެން އެ ޖަލު ގޮޅިއަށް ބަލައިލެވުނެވެ. އެއީ މިފާއިތުވެ ދިޔަ ފަންސަވީސް އަހަރު އޭނަ ހޭދަކޮށްފައިވާތަނެވެ. ނާވީއާއެކު ނާވީ ބުނިގޮތަށް ރައާބިލް ބިންގަރާހުގެ ތެރެއިން ހިނގަމުން ދިޔައެވެ. އޭރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ދެން ކަންތައް ވެދާނެގޮތަކާ މެދު ވަނީ ނުތަނަވަސްވެފައެވެ. ރައާބިލް ނާވީގެ ފަހަތުން ގޮސް ބިންގަރާހުން ނުކުތެވެ. ބިންގަރާހުގެ ބިއްދޮށުން ގޮސް ޖަންގަލީގެ ތެރެއަށް ނުކުމެވޭ ރާސްތާއަކީ ވަރަށް މަދު ބަޔަކަށް ނޫނީ އެނގޭ ރާސްތާއެއް ނޫނެވެ. ގަނޑުވަރާ ބިންގަރާހުގެ އިސްވެރިންނަށް ނޫނީ އެކަމެއް ނޭނގެއެވެ. ރައާބިލްވެސް ކުޑަކޮށް ހައިރާންވީ އެ ސަބަބާ ހުރެއެވެ. ބިންގަރާހުން ނުކުތުމަށްފަހު އޭނަ ގޮވައިގެން ނާވީ އަވަސް އަވަހަށް ވަނީ ޖަންގަލީގެ ތެރެއަށެވެ. ހާމައަށް އޮންނަތަނެއްގައި ތިބުމަކީ ރައްކާތެރިގޮތަކަށް ނުވާނެތީއެވެ. ރައާބިލްއަށް ހަށިފުރާ ނޭވާތަކެއް ދޫކޮށްލެވުނެވެ. ފަންސަވީސް އަހަރަށްފަހު، ތާޒާ ވައިކޮޅެއް ލިބުމުން އަވަސް އަވަހަށް އޭނާއަށް ނޭވާލެވެމުން ދިޔައިރު ދެލޯ ފެންކަޅިވަމުން ދިޔައެވެ. ވަށައިގެން ބަލައިލެވުނެވެ. އުޑުމައްޗަށް ބަލައިލުމާއެކު، ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. ފަލަކުގައި ރަސްކަން ކުރަމުން ދިޔަ ހަނދާ، އެ ހަނދުގެ އިސްތިޤްބާލުގައި ތިބި ތަރިތައް ފެނުމުން ކުރެވުނީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސްއެކެވެ. އެއީ އޭނަ އަލުން ފެނިދާނެކަމަށް ދުވަހަކު ވެސް އުންމީދުވެސް ކުރި މަންޒަރެއް ނޫނެވެ. އޭނާ ހީކުރީ އޭނަ ދުނިޔެއިން ނިމިދާނީވެސް ބިންގަރާހުގެ ހިލިހިލާތަކުގެ ތެރޭގައި ޤައިދުވެގެން ހުރެގެން ކަމުގައެވެ. "އަހަރެން ހީކުރީ، ދުވަހަކުވެސް މި ނަސީބު އަހަންނަށް ނުލިބޭނެކަމަށް." ރައާބިލްއަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. "ހިނގާ ދާން." އެންމެ ވަގުތުކޮޅެއްވެސް ލަސްކުރާކަށް ނާވީ ބޭނުމެއް ނޫނެވެ. އޭނަ ބޭނުންވީ ރައާބިލް ގޮވައިގެން ވީހާވެސް އަވަހަކަށް އެ ޝަހަރުން ނުކުންނާށެވެ. "އެމީހުން އަހަރެން ހޯދާނެ." މިނިވަންކަން އިޙްސާސްވިއެއްކަމަކު، އެކަމުގެ ފުރިހަމަ އުފާވެރިކަމެއް ރައާބިލްއަކަށް އިޙްސާސްއެއް ނުވިއެވެ. ނާވީ ދެންމެ ބުނެލި ޖުމްލައާއެކު، އަނެއްކާވެސް އޭނައަށް ހަޤީޤަތާ ކުރިމަތިލާން މަޖުބޫރުވެއްޖެއެވެ. "ދެން އަހަރެން ފެނިއްޖެއްޔާ، އަހަރެން ދިރިހުއްޓާ އަންދާލާކަށް ވެސް އެމީހުން ފަހަކަށް ނުޖެހޭނެ." "އެހަށް މިވަގުތު ހިނގާ ދާން." ނާވީ ކަންބޮޑުވަނީ ބިންގަރާހުގެ ފާރަވެރިންނާ ސިފައިންނަށް ރައާބިލް ނެތްކަން އެނގިގެން ސަމްރާމެންނާ ހިސާބަށް ފޯރުމުގެ ކުރިން ރައާބިލް ހައްޔަރުކޮށްފާނެތީއެވެ. އޭނަ ރައާބިލްގެ ދިފާޢުގައި ހުންނާނެކަން ނާވީ ހަނދާންކޮށްލަދިނެވެ. "އަހަރެން ކިހިނެއް ކަލޭއަށް ޝުކުރު ކުރާނީ." ރައާބިލްއަށް ބުނެވުނެވެ. އެއަށްފަހު، އޭނާ ނާވީއާ އެކު ދިޔުމަށް ތައްޔާރުވެލިއެވެ. "އަހަރެންގެ ވަރައެއް ނެތް." ރައާބިލްއަށް ބުނެވުނެވެ. އޭނާގެ އަޑަށް އަނެއްކާވެސް ހިމާމަވެރިކަން ވެރިވިއެވެ. އޭނާގެ ބަލިކަށިކަން އެ ހިނދު އިޙްސާސްވެގެން ދިޔައެވެ. ވަރައާއެކު އޭނަގެ ބައެއް ބާރުތައްވެސް ވަނީ ނެތިގެން ގޮސްފައެވެ. "އަހަރެން އެހީވާނަން." ނާވީ ބުނެލިއެވެ. އެއަށްފަހު އޭނާ ވަރަ ހުޅުވައިލުމަށްފަހު، ތައްޔާރުވެލިއެވެ. ރައާބިލްވެސް ދެލޯ މަރައިލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން އޭނަ ލޯ ހުޅުވައިލިއިރު އެ ނޫކުލައިގެ ދެލޯ ވަނީ ދިއްލިފައެވެ. ރައާބިލްއާއެކު ތުނޑިއަށް ނުކުތް ނާވީ، ތުނޑިމަތީގައި ދުއްވައިގަންނަމުން އޭނަގެ ފަހަތުން އައުމަށް ރައާބިލްގެ ގާތުގައި ބުނެލިއެވެ. އޭނަގެ ގައިން އަރާ އަލިކަމުގެ ތެރޭގައި ރައާބިލް ހުރުމަށް ނަވީ ބުނިއެވެ. މައްޗަށް އެރުމާއެކު އެރި ފެހިނޫ އަލިކަން ލޯތަކަށް ވަންހަނާ ވާކަށް ގިނަ އިރެއް ނުނެގިއެވެ. ޝަހަރުން ނުކުމެވުމާއެކު، ނާވީ މިސްރާބުޖެހި ދިމާލުން ރައާބިލްއަށް ވާހަކަ ދެކެވުނެވެ. "ތިދަނީ ރަނގަޅު ދިމާލަކަށް ނޫން." ރައާބިލްއަށް ބުނެވުނެވެ. ނާވީ ރައާބިލްއަށް ބަލައިލިއެވެ. "ނޫން. އަހަރެން މިދަނީ ރަނގަޅަށް." ނާވީ ބުންޏެވެ. އޭނައަށް އެ ރާސްތާ އޮޅޭނެ ހެއްޔެވެ؟ ނޫނެކެވެ. ރައާބިލްއަށް ބަލައިލުމަށްފަހު އޭނައާއެކު އައުމަށް ނާވީ އިޝާރާތްކުރިއެވެ. ރައާބިލްވެސް އިތުރު އެއްޗެއް ނުބުނެއެވެ. ރުއްފާތެރެއިން ފާޅުވި ފެހިނޫ އައްޔާއެކު ފެނުނީ އެތަނަށް އައިސް ތިރިކޮށްލި ނާވީއާއި ރައާބިލްއެވެ. ރައާބިލްއަށް ވަށައިގެން އެ މާހައުލަށް ބަލައިލެވުނެވެ. އޭނައަށް އެއީ އާ މާހައުލެކެވެ. އެ ރުއްފަލަކީ މީގެ ކުރިން އޭނައަށް ފެނިފައިވާ ތަނެއް ނޫނެވެ. އެއީ މީގެ ކުރިން އޭނަ އައި ރަށެއް ވެސް ނޫނެވެ. އަދި އެއީ ސަމްރާގެ ރަށެއް ވެސް ނޫނެވެ. މީގެ ކުރިން އޭނާ ސަމްރާއާ ބައްދަލުކުރީ އެ ރަށަކުން ނޫނެވެ. ސުވާލުގެ ނަޒަރަކުން އޭނައަށް ނާވީއަށް ބަލައިލެވުނެވެ. ނާވީ އޭނައަށް އޮޅުވާލަނީބާއޭ ރައާބިލްގެ ހިތަށް އެރިއެވެ. ސަމްރާމެން ރަށެއް އޭނައަކަށް ނޯޅޭނެއެވެ. "މީ އެ ރަށެއް ނޫން." އަދިވެސް އެއްފަހަރު ވަށައިގެން ބަލައިލުމާއެކު، ރައާބިލްއަށް ބުނެވުނެވެ. ކިތަންމެ ދުވަހެއްވިޔަސް ސަމްރާ އުޅޭ ރަށް އޭނައަށް ވަކިކުރަން އެނގޭނެއެވެ. "ކަލޭ އަނެއްކާ އަހަންނަށް ދޮގު ހަދަނީތަ؟" (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ