އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ މާލީ ވަޒީރު، ބެޒަލެލް ސްމޮޓްރިޗް، ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ފާޅުގައި މަލާމާތްކޮށް ހަޖޫކިޔައިފިއެވެ.
ޒޯމެޓް އިންސްޓިޓިއުޓާއި މަގޯރް ރިޝޯން ނޫހުން އިންތިޒާމުކުރި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ސްމޮޓްރިޗް ބުނީ، ސައުދީން ފަލަސްތީނު ދައުލަތެއް ބަލައިގަންނަން އެދުނު ނަމަ ސައޫދީއާ ގުޅުން އާންމުކުރަން އިސްރާއީލުން ބޭނުން ނުވާނެ ކަމަށެވެ.
މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސްމޮޓްރިޗް ވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް އިހްތިރާމެއްނެތި ވާހަކަދައްކާފައެވެ.
"ސައުދީ އަރަބިއްޔާގެ ސަހަރާގައި ޖަމަލު ދުއްވުން ތިބޭ، އަހަރެމެން އިގްތިސާދާއި، މުޖުތަމަޢާއި، ދައުލަތާއި، މަތިވެރި ކަންކަމާއެކު ތަރައްގީކުރަމުން ދާނަން، އަހަރެމެންނަށް އެކަން ކުރަން އެނގޭ" އޭނާ ބޮޑާކަމާއެކު ބުނެފަވެއެވެ.
ސްމޮޓްރިޗްގެ މި ބަސްތަކަކީ ސައުދީ އަރަބިއްޔާގެ ސަޤާފަތަށާއި އިޤްތިޞާދަށް ކުރިމަތިކުރި މަލާމާތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުގައި ސިފަކޮށްފައިވެއެވެ.
ސައުދީ އަރަބިއްޔާއިން ވަނީ އިސްރާއީލާ ގުޅުން އާންމުކުރުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށްޓަކައި، އިސްރާއީލުން ފަލަސްތީނުގެ ދައުލަތެއް ގަބޫލުކުރުމާއި، އެ ދައުލަތަކަށް މަގުފަހިކުރާ ސީރިއަސް ސިޔާސީ މަސައްކަތެއް ފެށުމަށް ތަކުރާރުކޮށް ޝަރުތުކޮށްފައެވެ. ސްމޮޓްރިޗްގެ މި ބަޔާނުން ދައްކުވައިދެނީ މި ޝަރުތަށް އިސްރާއީލުގެ ބައެއް ފަރާތްތަކުން ތާއީދެއް ނުކުރާކަމެވެ.
ސްމޮޓްރިޗްގެ މި ބަސްތަކާ ގުޅިގެން ސައުދީ އަރަބިއްޔާއިން އަދި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް، އިސްރާއީލުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސްމޮޓްރިޗްގެ މި ޢަމަލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިގޮތުން އިސްރާއީލްގެ ޔެޝް އަތިދް ޕާޓީގެ ލީޑަރު ޔައިރް ލަޕިޑް ވަނީ އެކްސް ގައި މިކަމާއި ގުޅިގެން ޕޯސްޓެއް ކޮށްފައެވެ.
"ސައުދީ އަރަބިއްޔާއާއި މެދުއިރުމަތީގައި ތިބި އަހަރެމެންގެ ރަޙްމަތްތެރިންނަށް ބުނަން، ސްމޮޓްރިޗް އަކީ އިސްރާއީލު ދައުލަތް ތަމްސީލުކުރާ ފަރާތެއް ނޫން،" އެ ޕޯސްޓްގައި އޭނާ ބުނެފަވެއެވެ. އަދި މާލިއްޔަތު ވަޒީރު އާންމުންގެ ކުރިމަތީގައި މަޢާފަށް އެދުމަށް ގޮވާލާފަވެއެވެ.
މީގެ އިތުރުން އިދިކޮޅު ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގަންޓްޒް ވެސް ވަނީ އެކްސްގައި މިކަމާއި ގުޅިގެން ޕޯސްޓެއް ކޮށްފައެވެ.
"ސައުދީ އަރަބިއްޔާއާ ދެކޮޅަށް ސްމޮޓްރިޗް ދީފައިވާ ބަޔާނުން ދައްކުވައިދެނީ ޖާހިލުކަމާއި، ސަރުކާރުގެ އިސް ވަޒީރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ މުހިންމުކަން ނޭނގޭކަން" ސްމޮޓްރިޗަށް ފާޑުކިޔާ އޭނާ ލިޔެފަވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އިސްރާއީލުގެ ހަރުކަށި މާލީ ވަޒީރު ސައޫދީއަށް މަލާމާތްކޮށް ހަޖޫޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ