އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވުން އިތުރުކުރުމަށް އައްސޭރި ޖަލުގައި ދެ ކޯޓު ރޫމު ހުޅުވައިފި
ގައިދީންނަށް އޮންލައިންކޮށް، ޝަރީއަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްދިނުމަށް އައްސޭރި ޖަލުގައި އިއްޔެ ދެ ކޯޓު ރޫމް ހުޅުވައިފިއެވެ. މި ރޫމްތައް ހުޅުވައިދެއްވީ، ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކަރެކްޝަންސްއިން ބުނީ، އެ ރޫމްތަކުގެ ސަބަބުން މާލެއާއި އެހެނިހެން ރަށްރަށުން ކޯޓުތަކަށް ހާޒިރުކުރަން ޖެހޭ ގައިދީންނަށް ދަތުރުނުކޮށް، އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވާނެ ކަމަށެވެ. އައްސޭރި ޖަލުގައި އަލަށް ހުޅުވި ކޯޓު ރޫމެއްގެ އެތެރެ --- ފޮޓޯ/ ކަރެކްޝަންސް އެ ރޫމްތަކުގެ ސަބަބުން ވަކީލުންނާއި އާއިލާއާ ބައްދަލުވުންތައް ބޭއްވޭ މިންވަރު ވެސް މިހާރަށް ވުރެ އިތުރުވާނެ ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ. އެ ކޯޓް ރޫމްތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ޒަރީރު ވަނީ އައްސޭރި ޖަލުގެ އޮފިސަރުންނަށް ތިން ބެރެކްސް ހުޅުވައިދެއްވައިފައެވެ. އެއީ، އެ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންގެ އެކޮމޮޑޭޝަންއަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ހުޅުވި ތަނެއްކަން ކަރެކްޝަންސްއިން ފާހަގަކުރެއެވެ. އޮފިސަރުންގެ ބެރެކްސް އިމާރާތްކުރުމުގައި ހަރަކާތްތެރިވި އޮފިސަރުންނާއި މުވައްޒަފުންނާއި ގައިދީން ކުރި ބުރަ މަސައްކަތް ފާހަގަ ކުރައްވައި، ޒަރީރު ވަނީ އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީއާއި އައްސޭރި ޖަލުގެ ޑައިރެކްޓާ، އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢީލް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ