މީގެ ބަރާބަރު ދެ އަހަރު ކުރި އެވެ. ތާރީހަކީ ނޮވެމްބަރު 17، 2023 އެވެ. ތަނަކީ ޖުމްހޫރީ މައިދާނެވެ. ދިވެހި ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ގެންދެވީ، އޭގެ އިރުކޮޅެއް ކުރިން ދިވެހި ޒައާމަތާ ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު މުއިއްޒެވެ.
"އަޅުގަނޑު އަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅު އަޅާނެ. ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ." އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ އެތައް ހާސް ދިވެހިންގެ ކުރިމަތީގައި، ރައީސްއަކަށް ވެވަޑައިގެންނެވިތާ ހިނދުކޮޅެއް ފަހުން، މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. ރައްޔިތުންނަން ކަންކަން އެނގިގެން ސަރުކާރު ހިންގާނެ ކަމަށް މުއިއްޒު ދެއްވި ޔަގީންކަމެވެ. މިއަދާ ހަމައަށް ވެސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ، މިއީ އެ ދުވަހު އެމަނިކުފާނު ވިދާޅުވި ކަހަލަ ދެފުށް ފެންނަ، ހާމަކަން ބޮޑު ސަރުކާރެއް ކަމަށެވެ.
އެކަމަކު، މިއީ މުއިއްޒު އާއި މުއިއްޒުއަށް ތާއީދުކުރާ މީހުން އެކަނި ގަބޫލުކުރާ، ބިލާހެކެވެ. މުއިއްޒުގެ ހިޔާލީފޮލައެކެވެ. ހަގީގަތުގައި ކަންކަން ހިނގަމުން ދަނީ ދިމާ އިދިކޮޅަށެވެ.
އިންސާފެއް އަދުލުވެރިކަމެއް ނެތެވެ. ވައްކަމާއި ކޮރަޕްޝަން ހައްދުން ނައްޓާފަ އެވެ. ފިޔަވަޅު އަޅަނީ ސިޔާސީ ހަތުރުންނަށެވެ. މިތުރުން ތިބެނީ ގޭގަ އެވެ. ހުރިހާ ކަމެއް ފޮރުވަނީ އެވެ. އާދައިގެ މައުލޫމާތު ވެސް ސިއްރުކުރަނީ އެވެ. ރައްޔިތުންނަށް ކޮންމެހެން އެނގެން ޖެހޭ ކަންކަން ވެސް ވަންހަނާކުރަނީ އެވެ. މުޅި ސަރުކާރު ހިނގަމުން ދަނީ ފަރުދާގެ ފުރަގަހުގަ އެވެ. ހިނގަމުންދަނީ ސިއްރުވެރި، ވަންހަނާ، ދައުލަތެކެވެ.
ހެއްވާ ކަމަކީ، މި ސަރުކާރުން ފަރުދާ ކޮށްގެން އުޅޭ ގިނަ ކަންކަމަކީ، އިދިކޮޅުގައި ތިބެގެން ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރަށް ލައްކަ ފާޑުކިޔުން އަމާޒުކުރި ކަންކަމެވެ.
އޭގެ ތެރޭގައި އެ ސަރުކާރުގައި ތިބީ ގައުމަށް ހިޔާނާތްތެރިވެފައިވާ ހާއިނުން ކަމަށް ސާބިތުކޮށްދޭނެ ކަމަށް ބުނި އެއްބަސްވުންތަކާއި ކަނޑު ވިއްކާލި ސިޓީ އާއި ޕްރޮޖެކްޓުތަކަށް ހަރަދު ކުރާ ގޮތާއި މަޝްރޫއުތައް ހަވާލުކުރާ ގޮތުން ފެށިގެން އެތައް ކަމަކަށް ދެމިގެންދާ، ދިގު ލިސްޓެކެވެ. ފަހުން މި ސަރުކާރުން ފޮނުވި ސިޓީތައް ވެސް ބަދަލުވީ، ކުރީ ސަރުކާރުން ބުނި ގޮތަށް، ދައުލަތުގެ ބޮޑު ސިއްރަކަށެވެ.
ސަރުކާރުން ހާމަކުރާނަމޭ ބުނި ކަންކަން ސިއްރުކުރީ އެކަންޏެއް ނޫނެވެ. ކުރިން ލިބެން ހުރި މައުލޫމާތަކީ ވެސް މިހާރު ސިއްރު މައުލޫމާތަށް ވެއްޖެ އެވެ. މި ލިސްޓުގެ އެންމެ ކުރީގައި އޮތީ ސަރުކާރުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ލިސްޓެވެ. މި ސަރުކާރުގެ މަޝްރޫއުތަކުގެ ލިސްޓަކީ އާދައިގެ ލިސްޓެއް ނޫނެވެ. އެއީ މި ދައުލަތުގެ ބޮޑު ސިއްރުތަކުގެ ތެރެއިން ސިއްރެކެވެ. ރައްޔިތުންގެ މަންދޫބުން ތިބޭ ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާނުކުރެވޭ ވަރުގެ ބޮޑު ސިއްރެކެވެ.
ސަރުކާރުން ހަމަ އެއް ގޮތަކަށް ވެސް ހާމަކުރަން ބޭނުންނުވާ އަނެއް މައުލޫމާތަކީ މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދެވެ. މިއީ ވެރިކަމާ ހަވާލުވުމުގެ ކުރިން 700 އަށް ވުރެ ގިނަ ނުވާނެ ކަމަށް ބުނި ބަޔަކެވެ. އެހެން ބުންޏަސް ވެރިކަމަށް އައިސް ސިޔާސީ މަގާމުތައް ބެހިބެހީނުން، ސަރުކާރަށް ވެސް އެ އަދަދު "ނޭނގޭ" ހިސާބަށް ކަންކަން ގޮސްފި އެވެ. ވާނީ ވެސް އެހެންތާ އެވެ.
ސަރުކާރުގެ މިނިސްޓްރީތައް ހުސްވެގެން، އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ހޮސްޕިޓާތަކާއި ރަށްރަށުގެ ސްޓޭޑިއަމްތަކަށް ވެސް ތިބީ ސިޔާސީ މީހުން ހަމަޖައްސާފަ އެވެ. މި ލިސްޓު ހޯދަން އެތައް ބަޔަކު އެތައް ގޮތަކަށް ހުށަހެޅުންތައް ހުށަހަޅައިގެން އުޅެފި އެވެ. ނަމަވެސް، ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރު، އެ ލިސްޓެއް ނުފެނުނެވެ. ނުދެއްކި އެވެ. އެތައް ތާރީހެއް ދިނުމަށް ފަހު، މިހާރު އެއީ ސަރުކާރުން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް ވެސް ބުނެފި އެވެ.
ސިއްރު ލިސްޓުގައި ދެން އޮތީ ސަރުކާރުން ޕްރޮޖެކްޓުތައް ހަވާލުކުރާ ގޮތާއި ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުކަށް ވާނުވާ އެވެ. މި ސަރުކާރުން ވަނީ މާލިއްޔަތު ގަވާއިދު ކޮށައި، މަށަމުން، އައިސް ޕްރޮޖެކްޓުތަށް ދިނުމުގެ ބާރު ރައީސް އާއި ވަޒީރުންގެ މުށު ތެރެއަށް ލާފަ އެވެ. ފުރަތަމަ ހެދީ ބިޑު ދައުވަތަކާ ނުލާ މަސައްކަތް ހަވާލުކުރެވޭ ގޮތަށެވެ. ދެން ހެދީ ބިޑު ސެކިއުރިޓީއަކާ ނުލައި ވެސް މަޝްރޫއުތައް ދެވޭ ގޮތެވެ. މިހާރު އޮތީ އެޑްވާންސް ފައިސާ ވެސް ދެވޭ ގޮތަށެވެ.
ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތަކަށް ވެސް ވާނުވާއެއް ނޭނގެ އެވެ. މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެތައް ޕްރޮޖެކްޓެއްގައި ސޮއިކުރި އެވެ. އެކަމަކު، މިހާރު ސަރުކާރުން އަންނަނީ ހަމަ އެ ޕްރޮޖެކްޓުތައް ސަރުކާރު ކުންފުނިތަކާ ނޫނީ ސަރުކާރާ ގުޅުން އޮންނަ އަމިއްލަ ބަޔަކާ ހަވާލުކުރަމުންނެވެ. ކުރީގެ ޕްރޮޖެކްޓަށް ވީނުވީއެއް، އެނގުނު މަދުފަހަރެއްގައި ވެސް އެނގުނީ، ކޮންމެ ވެސް ސިއްރު މަސްދަރަކުން އެ މައުލޫމާތު ހާމަކޮށްގެންނެވެ. އެ ނޫނީ ތިބެން ޖެހެނީ އެ ވީގޮތެއް ނޭނގި ވާނުވާގަ އެވެ.
މިއީ ސަރުކާރުގެ ބޮޑެތި ސިއްރުތަކެވެ. މި ސަރުކާރުން ސިއްރުކޮށްގެން އުޅޭ ހުރިހާ ކަމެއް ލިސްޓުކުރަން ވެއްޖިއްޔާ މި ލިޔުން ލިޔެ ނުނިމޭނެ އެވެ.
ރައީސް އެވެ. ހަނދާންކޮށްލަދޭނަމެވެ. ރައްޔިތުން ސިއްރުވެރި ނުވާށޭ ބުނީ އެމްޑީޕީ ވެރިކަމުގައި އޮވެގެން ނޫނެވެ. ރައްޔިތުން ހާމަކުރާށޭ ބުނަނީ މި ދިވެހި ދައުލަތަކީ ދިވެހި ރައްޔިތުންގެ ދައުލަތަކަށް ވާތީ އެވެ. ކުރާ ކޮންމެ ކަމެއް ކުރަނީ ދިވެހި ރައްޔިތުންގެ ނަމުގައި ކަމަށް ވާތީ އެވެ. ސަރުކާރެއް ހިންގަން އަންނަ ބަޔަކު ކުރާ ކޮންމެ ކަމެއްގެ ޒިންމާ ހުރިހާ ރައްޔިތުން އުފުލަން ޖެހޭތީ އެވެ. މަނިކުފާނަށް ވޯޓު ދިން ރައްޔިތުންގެ އެކަންކަމަށް އެދޭތީ އެވެ.
މުއިއްޒުއެވެ. ސިއްރުވެރިނުވާން ބުނި ވައުދު ހަނދުމަނެތުނީތޯ؟ މުއިއްޒުއެވެ. ސިއްރުވެރިނުވާން ބުނި ވައުދު ހަނދުމަނެތުނީތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ