ފިލްމު 'ލާހޯރު 1947'ގެ ނަން ބަދަލުކުރަން އުޅޭތީ ހިތްހަމަނުޖެހިފައި

ބޮލީވުޑް އެކްޓަރު އާމިރު ޚާން ޕްރޮޑިއުސްކޮށް ސަނީ ޑިއޯލް ކުޅެފައިވާ ފިލްމު "ލާހޯރު 1947"ގެ ނަން ބަދަލުކުރަން އުޅޭތީ އެ ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ރާޖްކުމާރު ބުނީ ފިލްމުގެ ނަން ބަދަލުކުރުމާ އޭނާ ވަރަށް ދެކޮޅު ކަމަށެވެ. އެހެންނަމަވެސް އެ ނިންމުން ނިންމުމުގެ ބާރު ފިލްމުގެ ޕްރޮޑިއުސަރަށް އޮންނާނެ ކަމަށް ރާޖްކުމާރު ވަނީ ބުނެފައެވެ. އާމިރު ޚާން ޕްރޮޑިއުސްކޮށް ސަނީ ޑިއޯލް ލީޑް ރޯލް ކުޅެފައިވާ މި ފިލްމުގެ ޝޫޓިންގް މި އަހަރުގެ ކުރީކޮޅު ނިންމާފައިވާއިރު މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. ބޮލީވުޑް ތަރިން ކަމަށްވާ ސަނީ ޑިއޯލް، އާމިރު ޚާން އަދި ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ--ފޮޓޯ/ބޮލީވުޑްހަންގާމާ ރާޖްކުމާރު ބުނިގޮތުގައި ފިލްމު "ލާހޯރު 1947"އަކީ 20 އަހަރު ވަންދެން އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މީގެކުރިންވެސް ސަނީއާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާތީ އަހަރުތަކަކަށްފަހު މިއީ ސަނީއާ އެކު މަސައްކަތްކޮށްލަން ލިބުނު އޭނާގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށް ރާޖްކުމާރު ވަނީ ބުނެފައެވެ. މި ފިލްމުން ސަނީއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޕްރިތީ ޒިންތާއެވެ. ޕްރިތީ އާއި ސަނީ އެކީގައި ކުޅުނު ފިލްމުތަކުގެތެރޭ "ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" އަދި "ފަރްޒް" ހިމެނެއެވެ. އެ ފިލްމުތަކުން ސަނީ އާއި ޕްރިތީގެ އޮން ސްކްރީން ކެމިސްޓްރީއަށް ބެލުންތެރިންގެ ބޮޑު ތާއީދެއް ލިބުނުއިރު ދެ ތަރިން އެކީގައި އަލުން ފިލްމަކުން ފެންނާނެ އިރަކަށް ގިނަބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. ފިލްމު "ލާހޯރު 1947"އިން ފެންނާނެ އިތުރު ތަރިންގެތެރޭ ޝަބާނާ އަޒްމީ، އަލީ ފަޒަލް، އަބިމަންޔޫ ސިންގްގެ އިތުރުން ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ