މަންމައަށް އަނިޔާކުރި ދަރިއެއްގެ މައްސަލަ ބަލަން އަންގައިފި
ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ ޒުވާނަކު، އޭނާގެ މަންމައަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް ކޯޓުން ބޭރުކޮށްލާފައިވަނިކޮށް، އެ މައްސަލަ ބަލަން ހައިކޯޓުން އަންގައިފިއެވެ. ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ހިނގި މި ހާދިސާގައި ދިވެހި ޒުވާން ފިރިހެނަކުވަނީ އޭނާގެ މަންމައަށް ގޮނޑިއަކުން ހަމަލާދީ، މާރާމާރީ ހިންގާފައެވެ. މި ހާދިސާ ހިނގީ މިދިޔަ އަހަރު ތެރޭގައެވެ. މި މައްސަލައާއި ގުޅިގެން އެ ޒުވާނާ ބަންދުވެސް ކުރިއެވެ. ޝަރީއަތް ނިމެންދެން އެ ޒުވާނާ ބަންދުކޮށް ހުއްޓާ އޭނާ ދޫކޮށްލާފައިވަނީ ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުންނެވެ. ކޯޓުން މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދުވަނީ އެ މައްސަލަ އަލުން ބަލަން އަންގާފައެވެ. އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މާރާމާރީ ހިންގިއިރު، އެކަން ހުއްޓުވަން އުޅުނު އެހެން އަންހެނަކަށްވެސް މަރުގެ އިންޒާރުވެސް ދީފައެވެ. ރިޕޯޓުގައިވާ ގޮތުން އޭނާވަނީ "ތި ކއތވެސް މަރާލާނަމޭ، ތި ކއތ ކޮންމެ ފަހަރަކު އަނގަކޮށްޕާކަށް ނުޖެހެޔޭ. ތި ކއތއަށްވެސް ހޭއަރުވާލާނަމޭ" ބުނެ، އިންޒާރު ދީފައެވެ. މި މައްސަލައިގައި ދައުލަތުން އެ މީހާއާ ދެކޮޅަށް ކުރި އަނިޔާއެއް ދިނުން އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލީއެވެ. އެކަމަކު ހައިކޯޓުން މިއަދު ކުރި އަމުރާއެކު، ދައުލަތުން އަލުން ހުށަހަޅައިފިނަމަ އެ މައްސަލަ ބަލައިގަންނަން ޖެހޭނެއެވެ. ރެކޯޑްތައް ދައްކާ ގޮތުން މަންމައަށް އަނިޔާ ކުރި މި މީހާއަކީ، މީގެ ކުރިންވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ މައްސަލައެއްގައި ބަންދުކޮށްފައިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ