މަޑަގަސްކަރައިގެ ރައީސްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް މަގާމުން ދުރުކޮށްފި

މަޑަގަސްކަރައިގެ ރައީސް އެންޑްރީ ރަޖޮއެލީނާ މަގާމުން ދުރުކުރަން ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ. އެއާ އެކު އެ ގައުމުގެ ކޮންޓްރޯލް އަސްކަރިއްޔާ އިން ވަނީ ނަގައިފި އެވެ.
ރަޖޮއެލީނާ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވޯޓު ނެގުމާ އެކު ވެރިރަށް އަންޓަނަނަރީވޯގެ މަގުތަކަށް މީހުން ނުކުމެ އުފާފާޅު ކުރަމުން ދިޔަ އެވެ. އޭނާގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމާ އެކު، ކާނަލް މައިކަލް ރެންދްރިއަނީނާ ވަނީ ސިފައިން ކޮންޓްރޯލް ނެގިކަން އިއުލާން ކުރައްވައިފަ އެވެ. 
ޒުވާނުން އިސްނަގައިގެން ބާެއްވާ މުޒާހަރާތަކުގައި ސިފައިން ބައިވެރިވުމާ އެކު، ރައީސް ރަޖޮއެލީނާ ވަނީ ފިއްލަވައިފަ އެވެ.
"އަޅުގަނޑުމެން ބާރު ނަގައިފިން،" ރެންދްރިއަނީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދަށުގެ ފިޔަވައި ހުރިހާ މުއައްސަސާއެއް ސިފައިން އުވާލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އާ އިންތިހާބެއް ބޭއްވެންދެން، ސިފައިން ދެ އަހަރުގެ އިންތިގާލީ ސަރުކާރެއް ހިންގާނެ ކަމަށެވެ.
"ކަންކަން އިސްލާހުކޮށް ހަމަ މަގަށް އެޅުވުމަށް ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ނުނަގާނެ. އެ މުއްދަތުގެ ތެރޭގައި އާ ގާނޫނު އަސާސީއެއް އެކުލަވާލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން އޮންނާނެ. އަދި އެއަށް ފަހު އިންތިހާބެެއް ބޭއްވި މުއައްސަސާތައް ގާއިމު ކުރެވޭނެ،" އޭނާ ނޫސްވެރިންނަށް ވިދާޅުވި އެވެ.
އެ ގައުމުގެ ސިފައިންގެ ވެރިޔާ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، "ސެނެޓު، ހައި ކޮންސްޓިޓިއުޝަނަލް ކޯޓް، މިނިވަން ނޭޝަނަލް އިލެކްޓޯރަލް ކޮމިޝަން، ހައި ކޯޓް އޮފް ޖަސްޓިސް އަދި ހައި ކައުންސިލް ފޮ ދި ޑިފެންސް އޮފް ހިއުމަން ރައިޓްސް އެންޑް ދަ ރޫލް އޮފް ލޯ" އުވާލާފައިވާ ކަމަށެވެ.
މުޒާހަރާގެ ހޫނުގަނޑުގެ ތެރޭގައި ރަޖޮއެލީނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ދަށުގެ އުވާލައްވަން މަސައްކަތް ކުރައްވައިފަ އެވެ. އެއިރު އޭނާ ހުންނެވީ ފިއްލަވައިގެން ވެސް މެ އެވެ. 
ނަމަވެސް ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ވަނީ އޭނާ މަގާމުން ދުރުކުރުމަށް ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކޮށްފަ އެވެ. 
ރަޖޮއެލީނާ ވަނީ އެއީ ފާޅުކަން ބޮޑު ބަގާވާތެއް ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރާ ދެކޮޅަށް ޒުވާނުން ބޭއްވި މުޒާހަރާތަކުގައި ރަޖޮއެލީނާ މަގާމުން އިސްތިއުފާ ދެއްވުމުގެ އަޑުގަދަވެ، އޭނާއަށް ޕްރެޝަރު ބޮޑުވި އެވެ. އެ މުޒާހަރާގެ ތެރެއިން އެންމެ ހައްސާސް ދަނޑިވަޅަކަށްވީ މިދިޔަ ހޮނިހިރު ދުވަހު މުޒާހަރާގެ ބައިވެރިންނާ ސިފައިންގެ ހާއްސަ ޔުނިޓަކުން ގުޅުނު ހިސާބުންނެވެ. އަދި އެއާ އެކު ރަޖޮއެލީނާ ވަނީ ވެރިކަން އަތުލަން ސިފައިން މަސައްކަތް ކުރި ކަމަށް ވިދާޅުވެ ފިއްލަވައިފަ އެވެ.
ސިފައިންގެ އޮފިސަރަކާ ހަވާލާދީ ރޮއިޓާސް ނިއުސް އޭޖެންސީން ބުނީ ރަޖޮއެލީނާ ގައުމުން ފިއްލެވީ ފްރާންސްގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށެވެ. ނަމަވެސް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވަނީ އެކަމުގައި އޭނާގެ ސަރުކާރުގެ ޝާމިލުވުމެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ